ޝެއިހު ފަރީދު، އޭނާގެ ދަރިކަލުން އަބްދުﷲ ފަރީދާއެކު.
10 ޖޫން 2025 - 17:34
އަބަދު ވެސް ހައްގު ބަސް ވިދާޅުވެ، ދީނީ އިލްމުވެރިޔާ ޝައިހު އިބްރާހިމް ފަރީދު އަހުމަދުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވީ ދީނަށް ދައުވަތު ދެއްވުމުގަ އެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށާއި ބޭރުގެ އެކި ގައުމުތަކަށް ވަރަށް ގިނައިން ވަޑައިގަންނަވަ އެވެ.
ކުއްލި ގޮތަކަށް ރޭ އަވަހާރަވީ ވެސް އެކަމުގެ ތެރެއިން މެލޭޝިއާ އަށް ވަޑައިގެންނެވިތަނާ އެއާޕޯޓުގައި ހުންނަވަނިކޮށެވެ.
އެ ހިތާމައިގައި ފަރީދުގެ ދަރިކަލުން، އަބްދުﷲ ފަރީދު (އަބޯ) އަށް ލިބުނު ހިތްދަތިކަން އެތައް ގުނައަކުން ބޮޑެވެ. އޭނާގެ ދަރިފުޅު އަދި ފަރީދުގެ ފުރަތަމަ ކާފަ ދަރިފުޅު އުރާލާނެ ފުރުސަތެއް ނުލިބި އުމުރަށް ވަކިވެގެން ދިޔައީ އެވެ.
އަބޯ ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ވިއްސާ ކޮޓަރިން ތުއްތު ދަރިފުޅު ނެރުނު ވަގުތަކީ ބައްޕައަށް، އޭނާގެ ކާފަ ދަރިފުޅު ފެނިވަޑައިގެންނެވި ފުރަތަމަ އަދި ފަހު ފަހަރު ކަމަށެވެ.
އެ ޕޯސްޓުން އެނގޭ ގޮތުގައި ފަރީދަށް، އޭނާގެ ކާފަ ދަރިފުޅު އުރާލައްވާނެ ފުރުސަތު ލިބިވަޑައިނުގަތީ ތުއްތު ދަރިފުޅު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތުމުންނެވެ. އެކަމަކު، ހޮސްޕިޓަލުން ގަދަވެ ތުއްތު ދަރިފުޅު ދޫކޮށްލިއިރު ފަރީދަށް ޖެހިވަޑައިގަތީ ދީނީ ދައުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ފުރާވަޑައިގަންނަވާށެވެ.
އެ ވަގުތުން ފެށިގެން އަބޯ އިންތިޒާރު ކުރަމުން އައީ ފަރީދުގެ ބަހުން ނަމަ "ކާފަގެ ލޯބި" އުރާލާނެ ފުރުސަތަކަށެވެ.
"ހާލަތު ދިމާކުރި ގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިޔައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލައި ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބި އެވެ. ވިއްސާ ކޮޓަރިން ނެރުނު ވަގުތު ބައްޕަ އަޅުގަނޑު ގާތުގައި ހުއްޓެވެ. އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރެވެ." އޭނާ ބުންޏެވެ.
ބައްޕަގެ އިންތިޒާރުގައި ހުއްޓާ އަބޯ އަށް ލިބުނީ މަންމަގެ ފޯނު ކޯލެކެވެ. ގިސްލަމުން މަންމަ އެދުނީ ބައްޕަގެ ޚަބަރެއް ބަލައިދިނުމަށެވެ. އަބޯ ގުޅީ ބައްޕައާ އެކު މެލޭޝިއާ އަށް ދަތުރުކުރި "ހިދުމަތް" ޖަމިއްޔާގެ އިސްވެރިއަކަށެވެ.
"އެ ވަގުތު މެދުކެނޑުމެއް ނެތި ބައްޕަ އަށް އަވަސް ފަރުވާދޭ މެޝިންތަކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ދެން އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ހަބަރެވެ." އަބޯގެ ޕޯސްޓުގައިވެ އެވެ.
އެ ޕޯސްޓުގައި އޭނާ ވަނީ ބައްޕައާއެކު ނަގާފައިވާ ފޮޓޯއަކާއި ތުއްތު ދަރިފުޅުގެ ފޮޓޯ ފޮނުވުމުން ފަރީދު ދެއްވި ޖަވާބުގެ ސްކްރީންޝޮޓެއް ވެސް ހިމަނައިފަ އެވެ.
ފަރީދު އަށް މިދިޔަ އާދިއްތަ ދުވަހު ދަރިފުޅުގެ ފޮޓޯއެއް ފޮނުވުމުން، އެ ދުވަހުގެ އިރުއޮއްސުނު ވަގުތު ދެއްވި ޖަވާބުގައި ވިދާޅުވީ "މާޝާﷲ ތަބާރަކަﷲ ކާފަގެ ލޯބި" އެވެ. މިއީ، އަބޯއަށް، އޭނާގެ ބައްޕަގެ ފަރާތުން ލިބުނު އެންމެ ފަހުގެ މެސެޖެވެ.
"ދުއާއަކީ ބައްޕަގެ ފާފަ ފުއްސަވާ، ކައްވަޅު އަޒާބުން މިންޖު ކުރައްވާ އަދި ބައްޕަގެ ލޯބިވާ ކާދަ ދަރިފުޅާ ޖަންނަތުލް ފިރުދައުސް އިން ބައްދަލުވުމެވެ." ޕޯސްޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޫޜޫށިޑޫ
16 June 2025
ދުވާލު ދެދަޅައަށް ސޯޝަލް މީޑިއާގަ ބައްޕަ ބައްޕަ ކިޔާފަ ޕޯސްޓްކުރުމުގެ ބަދަލުގައި ބައްޕައަށް ހެޔޮދުޢާކުރޭ ދަރިއާ.
ސަރުކާނު
12 June 2025
މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. ތިކަމާ އެހާ ހިތާމަ ނުކުރޭ
އަޖައިބެއް
11 June 2025
ނޫސްތަކުގައި މިކަހަލަ ވާހަަކަ ލިޔަނީ ކީއްވެބާ؟ ދުނިޔޭގައި ކުރަން ހުންނަ ހުރިހާކަމެއް ފުރިހަމަކޮށްނިންމާފަ، ނޫނީ ނިމުނީމަ ދުނިޔެ ދޫކުރަނީ ކާކު؟ ކޮންމެ އިންސާނަކުވެސް ދުނިޔެ ދޫކޮށްދާ އިރު، ކުރަންވެފަ ނުވަތަ ނުކުރެވި އެތައްކަމެއް ހުންނާނެނޫންތަ؟ ދެން އެވާހަކަތައް ނަގައިގެން، އެވެނިކަމެއް ނުކޮށް ހުއްޓާއޭ، މިވެނިކަމެއް ކުރަން ރާވާފައި އޮއްވާއޭ.... މީ ކޮން ބޭކާރު ވާހަކަތަކެއް.
ސަންދޯއް
11 June 2025
ބޭނުމަކީ އެމީހަކު މަރުވާނެ ވަގުތުު އެކަކަށްވެސް ނޭނގޭނެކަން އަދި އެކަމަށް ދުރާލާ ތައްޔާރުވެ ތިބެންވާނެކަން ހަނދުމަކޮށްދިނުން.
މޫސް12
11 June 2025
ބައްޕަ އަށް ހެޔޮދުޢާ ކުރޭ ، ދެން އެހެންމީހުން ލިޔެއުޅޭކަހަލަ ބޭކާރު ވާހަކަ ލިޔެ ޕޯސްޓް ކުރުން ހުއްޓާލާ ' މިބުނީ ފަރީދުގެ ދަރިފުޅަށް
ޕޮބްލޯ
11 June 2025
ދިރި ތިބީންނަށްޓަކައި ވާާ ހަނދުމަ ކޮށްދިނުމެއްގެ ގޮތުގައި. ވިސްނާ ފިކުރު ނުކުރަނީތަ؟
އައިމިން
10 June 2025
އާމީން.