އެއާ އެރެބިއާގެ ފުރަތަމަ ފްލައިޓުން އައި ޓޫރިސްޓުންނަށް ވެލާނާ އެއާޕޯޓުން މަރުހަބާ ކިޔަނީ. --ފޮޓޯ: އެމްއެމްޕީއާރުސީ
12 ޖޫން 2025 - 09:38
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓު އެއާލައިން، "އެއާ އެރޭބިއާ" އިން ރާއްޖެ އަށް ކުރާ ދަތުރުތައް ދެ ގުނަ އިތުރުކުރަން ނިންމައިފި އެވެ.
އެއާ އެރޭބިއާއިން ޝާރުޖާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ އެއާލައިނުގެ ޝެޑިއުލް ފްލައިޓެއް ކޮންމެ ދުވަހަކު މިހާރު ރާއްޖެއަށް އޮވެ އެވެ.
ނަމަވެސް، އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެއަށް ދުވާލަކު ދެ ފްލައިޓު އޮޕަރޭޓުކުރަން ނިންމައި، އެ އެއާލައިނުން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
އެއާ އެރޭބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ރާއްޖެ ފަދަ ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ފްލައިޓުތައް އިތުރުކުރަން ނިންމީ، ރާއްޖެއަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު އިތުރުވަމުން އައުމާ އެކު، ކަސްޓަމަރުންނަށް އިތުރަށް ފަސޭހަކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެއާ އެރޭބިއާ އިން އަންނަނީ މެދިއިރުމައްޗާއި ޔޫރަޕް އަދި އެފްރިކާ ހިމެނޭ ގޮތަށް 80 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، އާ ޕެސެންޖާ ޓާމިނަލް މި އަހަރު ހުޅުވަން މަސައްކަތް ކުރަމުން އަންނައިރު، އިތުރު އެއާލައިންތައް ގެނެސް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަތްކުލަ
12 June 2025
ރާއްޖެ މިދަނީ އޯވަރ ޓުއަރިޒަމް އާ ދިމާލަށް! މަހުޖަނުންނަށް ގިނައިން ލިބޭނެ. ހުރިހާ ދުއްޕާނެއް ރައްޔިތުންނަށް!