12 ޖޫން 2025 - 11:54
ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް އަދި ފީބާ އަންޑަ16 ވިމެންސް އޭޝިއާ ކަޕް ސަބާ ކޮލިފަޔަސް - ޕަވަޑް ބައި ދިރާގު، މިއަދު ފަށާނެ އެވެ.
ސޯޝަލް ސެންޓަރުގެ އެތެރެ ކޯޓުގައި މިއަދު ފަށާ މި މުބާރާތް، ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މުބާރާތުގައި ރާއްޖެ ހިމަނައިގެން ސައުތު އޭޝިއާގެ ހަތަރު ގައުމު ވާދަކުރާނެ އެވެ. އެއީ، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.
މިއީ ފީބާ، 16 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހޯދައިފައިވާ ފަހުރުވެރި ކާމިޔާބީއެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ސިފަކުރެ އެވެ. އަދި މިއީ ރާއްޖޭގެ ޒުވާނުންގެ ކުޅިވަރު ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވެސް ދެކެ އެވެ.
މި މުބާރާތުގައި، ދިވެހި އަންހެން ބާސްކެޓް ގައުމީ ޓީމު ހަވީރު 5:30ގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މިރޭ 8:00 ގައި ފިރިހެން ގައުމީ ބާސްކެޓް ޓީމު ބައްދަލުކުރާނީ ސްރިލަންކާއާ ދެކޮޅަށެވެ.
ދިރާގަކީ ބާސްކެޓް ބޯޅަ ފަދަ އެކި ކުޅިވަރުތައް ކުރިއެރުވުމުގައި އެއްބާރުލުންދޭ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy