ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން މީގެ ކުރިން ދިން ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ހިފައިގެން މީހަކު ރޮނީ. -- ފޮޓޯ: އޭއެފްޕީ
15 ޖޫން 2025 - 09:41
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން އިއްޔެ ދިން އެކި ހަމަލާތަކުގައި ފަލަސްތީނުގެ 41 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
"އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި 41 މީހެއްގެ ފުރާނަ ގެއްލިފައިވޭ. އޭގެ ތެރެއިން 23 މީހަކީ އެހީ ހޯދަން ގޮސް ތިބި މީހުން،" ސިވިލް ޑިފެންސް އެޖެންސީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލް މުޣައްޔިރު ވިދާޅުވި އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.
އިޒްރޭލުން ޣައްޒާގައި މީޑިއާތަކަށް ހުރަސް އެޅުމާއި އެ ސަރަހައްދަށް ވަނުން މަނާކޮށްފައި އޮންނާތީ އެތަނުގައި ހިނގާ ކަންކަން ކަށަވަރުކުރެވޭނެ ގޮތެއް ނޯވެ އެވެ.
ޣައްޒާގައި އެހީގެ ސާމާނު ބަހާ ތަނެއްގެ ކައިރީގައި އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުވި އަށް މީހެއްގެ ހަށިގަނޑު ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޣައްޒާގެ ޝިފާ ހޮސްޕިޓަލުން ބުނީ 11 މީހެއްގެ ހަށިގަނޑު ގެންދިޔަ ކަމަށެވެ. މީގެ އިތުރުން އަލް އަގްސާ ހޮސްޕިޓަލާއި ނާސިރު ހޮސްޕިޓަލަށް ވެސް ބައެއް މީހުންގެ ހަށިތައް ގެންދިޔަ އެވެ.
ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހަމަ އެގޮތުގައި ވަރުގަދައަށް ކުރިއަށް ގެންދާއިރު އިޒްރޭލުން މިހާރު ދަނީ އީރާނަށް ވެސް ހަމަލާ ދެމުންނެވެ. އެއާ އެކު އީރާނުން އިޒްރޭލަށް ވެސް ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy