ޓްރީޓޮޕް ހޮސްޕިޓަލް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 ޖޫން 2025 - 19:31
ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އަވަހަށް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުންނަ ސަރަހައްދުގައި މިއަދު ހުޅުވި މި ކްލިނިކުގެ ހިދުމަތް ލިބޭނީ ހެނދުނު 10 އިން ރޭގަނޑު 8 އަށެވެ. މި ކްލިނިކްގައި ބަލިމީހުންގެ ރައްކާތެރިކަމަށް އިސްކަންދީ، ބޭރުގައި މަޑުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހައްޖުވެރިން އެނބުރި އަންނައިރު ދަތުރުމަތީގައި މާސްކު އެޅުމަށާއި އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އައުމަށް ފަހު 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން ނުވަތަ ނޭވާލުމުގައި ދަތިކަން ހުރި ނަމަ، ލަސްނުކޮށް ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އިރުޝާދު ދެ އެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކުން، ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދޭނެ އެވެ. އަދި އެ ކްލިނިކުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy