ހޮޓެލިއާ މޯލްޑިވްސްގެ އެވޯޑު ހަފްލާ: ޓޫރިޒަމް ދާއިރާ އިން ފާހަގަކޮށްލެވޭ ބޭފުޅުންނަށް މި ހަފުލާގައި ވަނީ އެވޯޑު ދީފައި.
18 ޖޫން 2025 - 14:49
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑު ހަފްލާ ބާއްވައިފި އެވެ.
ބެސްޓްބައި މޯލްޑިވްސް އިން ޓައިޓްލް ސްޕޮންސާކޮށް މި އަހަރުގެ ހޮޓެލިއާ މޯލްޑިވްސް އެވޯޑު މިދިޔަ ހޮނިހިރު ދުވަހު ބޭއްވީ ބާސެލޯ ނަސަންދުރާގަ އެވެ. ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ 23 މީހަކަށް ހަތަރު ކެޓަގަރީއަކުން އެ ހަފުލާގައި އެވޯޑު ދިނެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑު ލިބުނު ފަރާތްތައް.
އެވޯޑު ހަފުލާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ހަތަރު ބޭފުޅަަކަށް ވެސް އެވޯޑު ދިނެވެ.
އޭގެ ތެރޭގައި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ހައުސްކީޕިން މެނޭޖަރު މުހައްމަދު ހާޝިމް އާއި ބަނޑޮސް މޯލްޑިވްސްގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ފުއާދު އާއި ވިލާ ރިސޯޓްސްގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް މާކެޓިން އަލީ ރަޝީދު އާދަމް އާއި 50 އަހަރުގެ ހިދުމަތަށް ފަހު، ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރުގެ މަގާމުން މި އަހަރު ރިޓަޔާކުރެއްވި ހުސައިން މަނިކުފާނު ހިމެނެ އެވެ.
ޓޫރިޒަމް ދާއިރާ ބިނާކުރަން މުހިންމު ދައުރެއް އަދާކުރެއްވި މި ހަތަރު ބޭފުޅުންނަށް ވެސް ވަނީ އެވޯޑު ދީފައި.
ހޮޓެލިއާ މޯލްޑިވްސް އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް އިނާމު ދޭ ހަމައެކަނި ޕްލެޓްފޯމެވެ.
މިދިޔަ އަހަރު ފުރަތަމަ ބޭއްވި މި އެވޯޑަށް 300 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 100،000 އަށް ވުރެ ގިނަ މީހުން ވޯޓު ދިނެވެ. މި އަހަރުގެ އެވޯޑަށް 450 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 600،000 އަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވެ އެވެ.
އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޖަޖުންގެ މާކްސްގެ 60 ޕަސެންޓު އަދި ވޯޓު ލިބޭ ނިސްބަތުން 40 ޕަސެންޓު ހިމަނައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމިހް ކެޕްޓަން
18 June 2025
އަސްލުމީ ސަންޖޭގެ ކޮމްޕެނީއެއް. އެމްޑީއަކީ ހަލީލް