ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޕެސެންޖާ ބޯޑިން ބްރިޖުތަކަށް ހާއްސަކުރި މުވައްޒަފުން ފޮޓޯއަކަށް ތައްޔާރު ވެގެން.---ފޮޓޯ: އެމްއޭސީއެލް
05 ޖުލައި 2025 - 10:46
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ "ޕެސެންޖާ ބޯޑިން ބްރިޖުތައް" އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އޭގެ ތެރެއިން އެންމެ މުހިންމު އެއްބަޔަކީ ޕެސެންޖާ ބޯޑިން ބްރިޖުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުމެވެ.
އެއީ ރާއްޖެ އަށް ވެސް މުޅިން އާ ހިދުމަތަކަށް ވާތީ އެކަމަށް ވީއައިއޭ އިން ހާއްސަ އިސްކަމެއް ދިން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޕެސެންޖާ ބޯޑިން ބްރިޖުތަކަށް ހާއްސަކުރި މުވައްޒަފުން މެލޭޝިއާގައި ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ފޮޓޯއަކަށް ތައްޔާރު ވެގެން.---ފޮޓޯ: އެމްއޭސީއެލް
ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާ އެކު، މަތިންދާބޯޓުން ޓާމިނަލަށް ފައިބަން ގުޅާލާ ބްރިޖެކެވެ. އެ ބްރިޖާ އެކު، ޓާމިނަލުން މަތިންދާބޯޓަށް އަދި ބޯޓުން ޓާމިނަލަށް ފަސިންޖަރުން ދިއުމަށް ބަސްތައް ބޭނުންކުރާކަށް ނުޖެހޭނެ އެވެ. ފަސިންޖަރުން ބޯޓުން ސީދާ ފައިބާނީ ޓާމިނަލަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޕެސެންޖާ ބޯޑިން ބްރިޖުތަކަށް ހާއްސަކުރި މުވައްޒަފުން ފޮޓޯއަކަށް ތައްޔާރު ވެގެން.---ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލް އިން ބުނީ، ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް 46 މުވައްޒަފުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާ އަށް ފޮނުވައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ، އެ ތަމްރީނުތަކުގެ ބޭނުމަކީ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވެ، ސަލާމަތްތެރިކަމާ އެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޕެސެންޖާ ބޯޑިން ބްރިޖުތަކަށް ހާއްސަކުރި މުވައްޒަފުން މެލޭޝިއާގައި ތަމްރީނު ހަދަނީ.---ފޮޓޯ: އެމްއޭސީއެލް
ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއް ވެސް ވަނީ ހަދައިފަ އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، އަމާޒަކީ މެލޭޝިއާ އަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިމަގުގައި ބޯޑިން ބްރިޖް އޮޕަރޭޓް ކުރާނެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށި އެ މަޝްރޫއު ނިންމައި އެއާޕޯޓް އަވަހަށް ހުޅުވުމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ އިސްކަމެއް ދިން އެއް ޕްރޮޖެކްޓެވެ. އެކަމަށް ބޭނުންވާ އިތުރު ފައިނޭންސިން ވެސް ސައުދީ ފަންޑާ ގުޅިގެން އިތުރު ކުރި އެވެ.
ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރަކަށް ބޮޑުކޮށް، ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރު ކުރާނެ އެވެ. ޕްރޮޖެކްޓަށް ގެނައި އާ ބަދަލުތަކާ އެކު، އެ ތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
06 July 2025
އަންހެނުން ބާރުވެރު ކުރުމުގެ ވާހަކަ ނުދައްކާ މިސަރުކާރުން ތިޔަ ތަނުން ފެންނަނީ ހުސްފިރިހެނުން!
ރާއްޖެ
05 July 2025
އަަހަރެމެން ގިނަ މީހުން އަތުގަ އައިފޯނަކާ ސައިކަލެއް ހުރީމާ މި ހީވަނީ މީހާ އާއި ގައުމު ވަރަށް ތަރައްގީ ވެއްޖެ ހެން. އެކަމަކު މި ގައުމު މިއީ އަދިވެސް އެންމެ ކުޑަކޮށް ތަރައްގީ ވެފަ އޮތް ގައުމެއް.
ދަގަތްފާނު
05 July 2025
ކައްދޫ އެއާޕޯޓަށް ބައިގަރުނު ވާއިރު އަދިވެސް ތީގެއެއްޗެއްނެތް. އެހެންނަމަވެސް އަތޮޅުގެ ރައްޔިތުން ހޭލުންތެރިކަން ކުޑަވުމާއިވެސްއެކީގަ އަދި މާބޮޑަކަށް އެކަހަލަ ވާހަކައެއް ނުދައްކާ. ވައިގެ ބޭސް ހަދާތަނެކޭ ކިއަނީ.
ޔޫނުސް22
05 July 2025
ތިޔަ 6 ބުރިޖްގެ ތެރެއިން މަސައްކަތް ކުރާތަން ފެންނާނީ ދެބައިކޮޅު އެއްބައި. ބާކީ ޓޭޕް ދަމާ ބަންދުބޯޑު އަޅުވާފަ ހުންނަތަން ފެންނާނީ. ސަބަބަކައްވެފަ އޮންނާނީ މުވައްޒަފުން ނެތުން. ޑިއުޓީއައް ނުނިކުތުން. ބަލަން ތިބެމާ ބަހީ!
މަނަސް
05 July 2025
ނޫނީ ސައިގަޑި، ނޫނީ ޑިޔުޓީބަދަލުވާގަޑި ވީމަ ސްޓާފުންނެތިގެން !
ޢަލީ ކުރުސީ
05 July 2025
ބޮޑު އިވެންޓެއް ނުބާއްވާތަ މިކަމާ ގުޅިގެން؟ ތިޔައީ ޓަރމިނަލް އަށް ފެންހޮޅި ގުޅާފަ ރަސްމިއްޔާތު ބޭއްވި ގްރޫޕްނު؟
ހެހެހެ..
05 July 2025
ބާއްވާނެ. ކެތްކޮއްބަލަ.
ކައުންސެލަރު...
05 July 2025
ކަލޯ އިބުރާހިމް މުހައްމަދު ސޯލިހަކަށް އާޓާމިނަލަކަށް އިސްތައްޓެއްވެސް ގުޅައެއްނުލެވުނު. އެހެންވީމާ މަނަމަ ވަހާވެސް އެރުވީމުސް ފެންހޮޅިގުޅާފަ.
އަހުމަދީ
05 July 2025
70 އަހަރުވީ ޓެކްނޮލޮޖީއެއް އަދި ރާއްޖެއާ ހިސާބަށް މިއައީ. އަލްހަމްދުލިއްލާހި . މިއޮތްހުރިހާ ދުވަހު ލިބުނު ލާރިން އެމްއޭސީއެލްއަށް ކުރެވުނު ކަމެއް އެބައޮތްތަ. ކޮންމެ ކަމަކަށް ބޮޑެތި ލޯނުތައް ނަގަމުންދާތަން މިފެންނަނީ
މަބުނާނީ
05 July 2025
ރައްޔިތުންނަށް ސަބްސިޑީދީގެން ގައުމުހިންގަދެނީ އެމްއޭސީއެލް.
ތައްހާނު.
05 July 2025
އަޑު އެހިން އައު ބޯޑިން ބުރިޖުގަ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ހުސް ފިރިހެން މުވައްޒަފުން ކަމަށް. ޖޯކެއް ކަމަށް ފުރަތަމަ ހީކުރީ. ނަމަވެސް މިލިޔުމުގައި ޖަހާފަ ހުރި ފޮޓޯތަކުން މިހާރު ހީވޭ ރަގަޅު ވާހަކައެއްހެން.
ޑެބީ
05 July 2025
ދުނިޔޭގެ ގިނަ އެެއަޕޯޓުތަކުގައި ބޭނުންކުރާތާ 70 އަަށްވުރެން ގިނަ އަހަރުވެދާނެ. އަދި ކިރިއާ ރާއްޖޭގައި ބޭނުންކުރަން މިފަށަނީ. ހަވާ އަރުވާފަ ބޮޑު ހަފްލާއެއް ބާއްވަންފެނޭ
މަބުނީ
05 July 2025
ދެންކޮބާ މައްސަލައަކީ؟ ތަރައްގީ އާއި އެއްވަރަށްދޯ ބޭނުންކުރާ ސާމާނު ހޯދާ ބޭނުންރެވޭނީ؟
ބާލިދީ30
05 July 2025
ޓާމިނަލެއްނެތްތާކު 100 އަހަރުވިޔަސް ތިއެއްނުބެހެއްޓޭނެ. ޓާމިނަލެއް އެޅުނީމަތާ އެވެސް ބެހެއްޓޭނީ. ބައިގަރުނުވީ ރަންވޭއަށޭ.
ނެޕީ
06 July 2025
އަދި މިއަށްވުރެވެސް ލަސްކޮށްލަންވީތަ؟