ޣައްޒާގައި އިޒްރޭލުން ޝަހީދުކޮށްފައިވާ ބައެއްގެ ހަށިތަކުގެ ކައިރީގައި އާއިލާގެ ބަޔަކު ހިތާމާގައި: ވަރުގަދަ ހަމަލާތައް ކުރިއަށް ދާއިރު ހަމާސް ޖަމާއަތުން ވަނީ ޣައްޒާގައި ރަހީނުކޮށްފައި ތިބި އިޒްރޭލުގެ 10 މީހަކު މިނިވަންކުރަން އެއްބަސްވެފައި. -- ފޮޓޯ: އޭއެފްޕީ
10 ޖުލައި 2025 - 06:25
ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ގަތަރުގައި އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުން އަންނަ ނުސީދާ މަޝްވަރާތަކުގެ ތެރެއިން އަދި އެއްބަސްވުމަކާ ހަމަޔަށް އާދެވުމުގެ ކުރިން އިޒްރޭލުގެ 10 ރަހީނަކު ދޫކޮށްލަން ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ އެވެ.
އެމެރިކާ އާއި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާތަކުގެ ބޭނުމަކީ 21 މަސް ދުވަސްވީ ހަމަލާތައް 60 ދުވަހަށް މެދުކަނޑާލުމަށް ފަހު ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް ހެދުމެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިން އިރު ރަހީނުކުރި މީހުންގެ ތެރެއިން ދިރިހުރި 10 މީހަކު ދޫކޮށްލުން، މިހާރު މަޝްވަރާކުރާ ހުށަހެޅުމުގައި ވެސް ހިމެނޭ ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވި އެވެ.
ޣައްޒާއާ ކައިރީގައި އޮންނަ، އިޒްރޭލު ބޯޑަރު ކޮމިއުނިޓީތަކަށް ދިން ހަމަލާގައި ހަމާސް އިން އަތުލައިގަތް 251 މީހުންގެ ތެރެއިން 49 މީހުން އަދިވެސް ޣައްޒާގައި ހިފަހައްޓާފައި އެބަތިބި ކަމަށާއި އޭގެ ތެރެއިން 27 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.
ރަހީނުންގެ ބަޔަކު މިނިވަންކުރުމާ ބެހޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ މަޝްވަރާތަކުގައި އުނދަގޫ ކަންކަން ހައްލު ނުވެ އަދިވެސް ހުރި ގޮތަށް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި، މިނިވަންކަމާ އެކު ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ ގޮތް ހަމަޖެއްސުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި ދާއިމީކޮށް ސުލްހަ ގާއިމުގެ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ ކަށަވަރުކަން ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
"ދޫދީގެން މިކަމުގައި ކުރިއަށްދިއުމުގެ ނިޔަތް ހާމަކޮށް މި ޖަމާއަތުން 10 ގައިދީއަކު ދޫކޮށްލަން އެއްބަސްވީ" ކަމަށް ހަމާސްގެ ބަޔާނުގައިވެ އެވެ.
"އިސްތިއުމާރީންގެ ހަރުކަށިކަމުގެ ސަބަބުން މިހާތަނަށް މިކަންކަމާ މެދު މަޝްވަރާކުރުމުގައި ގޮންޖެހުންތައް ކުރިމަތިވިޔަސް، މެދުވެރިޔަކާ އެކު މި މަސައްކަތްކުރަނީ، އެ ހުރަސްތައް ނައްތާލައި، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ފިލުވައިދީ، މިނިވަންކަމާއި ރައްކާތެރިކަމާއި ޝަރަފުވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދީ އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އިހްލާސްތެރިކަމާ އެކު މަސައްކަތްކުރުމުގެ ރޫހުގައި އަޅުގަނޑުމެން ދެމިތިބިކަން،" ބަޔާނުގައިވެ އެވެ.
މަޝްވަރާތަކުގައި އިޒްރޭލުން އެމެރިކާގެ ހުށަހެޅުމާ ނުރުހި ދެބަސްވުން ބޮޑުވި ކަމުގެ އިޝާރާތްތަކެއް ކުރިން ވަނީ ލިބިފަ އެވެ. މަޝްވަރާތައް ހަތަރު ވަނަ ދުވަހަކަށް ދެމިގެން ދިޔައީ ޣައްޒާއަށް އެހީ ވެއްދުމުގައި އެމެރިކާއިން އެދޭ ގޮތަށް އިޒްރޭލު އެއްބަސްނުވުމުން ކަމަށްވެ އެވެ.
މަޝްވަރާތައް ކުރިއަށްދާއިރު ވެސް އިޒްރޭލުން ޣައްޒާގައި ދަނީ ވަރުގަދައަށް ހަމަލާ ދެމުންނެވެ. އަދި މިއީ މަޝްވަރާތައް ކާމިޔާބުކުރުމަށް މުހިންމު ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަސްކަރިއްޔާގެ ވެރިން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
10 July 2025
ހަމާސް ހުރިހާ ރަހީނުން ދޫކޮށްލާ. ނަތަންޔާހޫއަކީ ހިތެއްނެތް މީހެއް. އެމީހުންގެ ބޭނުމަކީ ރަހީނުންގެ ނަމުގައި ގާޒާ ފުޑާލާފައި ފަލަސްތީން އެންމެން މަރާލުން. އެހެންވީމާ ރަހީނުން ނިވާފަތްގަޑަކަށް ހަދައިގެން އެހިންގާ ޖަރީމާ ހިންގަން ފުރުޞަތު ނުދީ އެންމެން ދޫކޮށްލާ. އޭރުން ދުނިޔެއަށްވެސް އެނގޭ ދެން އިޒްރާއީލުން ކުރާކަމަކީ ހަމަ ނަސްލު ނައްތާލުންކަން.
ވެންގަބޯ
10 July 2025
ތީވާނޭކަމެއްނޫން އަބަބި މުސްލިމުން ތިބީ ނަހޫދީންނާއި އެމެރިކާއަށް ފުރިހަމަ ތާއީދު އެބައޮތޭ.؟ ފަލަސްތީނުގެ ދިފާއުގައި ހަމާސްއަށް އެހީވާނޭ ހަމަ އެއްވެސް މުސްލިމް ގައުމެއް ނެތީ އެއީ އަހަރެން ދެކޭގޮތުގައި ކާފަރުންނާ ބައިތު ހިފައިގެން އުޅޭ ގައުތަކެއް ކާފަރުންގެ ގުޅުން އެއްގަމު އަނެއްގައުމާ ގުޅުންތައް މާވަރުގަދަ މުސްލިމުންވެސް އެކަތި ގަނޑަކަށް ވާންއެބަޖެހޭ ނަތަންޔާހޫ ނުބައި މަރަކުން މަރުގަންނަވާންދޭ އާމީން ޔާ ﷲ ޔާ ﷲ
ނުރަބޯ
10 July 2025
މިއީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއްނޫން. މިކަމުން ބޯހަރު އިޒްރޭލަށް ލިބޭނެ މެސެޖަކީ ކޮންމެ ޙާލެއްގައި ވެސް ހަނގުރާމަ ހުއްޓަން ޙަމާސް ބޭނުންވާ ކަމެވެ.
ތާކިހާ
10 July 2025
ހަމާސް އައް ތިނޫން ގޮތެއް ނޯންނާނެ.
ޖަޒީރާއިން
10 July 2025
މަރުޙަބާ، ހަމާސް، ކާމިޔާބަކީ ކެތްތެރިކަމާއެކީ ޖިހާދުކޮށްށްގެން ލިބޭ އެއްޗެއް. މިސާލަކަށް އެމެރިކާސިފައިން އަފްގާނިސްތާނުން ފޭބީ ތާލިބާނުން ވިއްސަކަށްއަހަރު ( 2001 ން 2014 ) ކުރި ޖިހާދުގެ ސަބަބުން. ޢަދި މޮޅުހަތިޔާރުހުރިނަމަ 2-5 އަހަރުން ވާނެ.