ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ޝަހީދުކޮށްލި މީހެއްގެ ހަށިގަނޑު ކައިރީ އާއިލާގެ ބަޔަކު: ޣައްޒާގައި މިއަދު 50 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
10 ޖުލައި 2025 - 15:54
ފަލަސްތީނުގެ ޣައްޒާގައި މިއަދުގެ މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 52 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މުހައްމަދު އަލް މުޣައިރް އޭއެފްޕީއަށް ކުރިން ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަށް ކުޑަކުދިން ވެސް ހިމެނެ އެވެ.
"ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގެ މެޑިކަލް ފެސިލިޓީއެއް ކައިރީގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 8 ކުޑަކުދިންނާއި ދެ އަންހެނުންނާ އެކު 17 މީހަކު ޝަހީދުވި،" މުޣައިރް އޭއެފްޕީއަށް ވިދާޅުވި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި ޣައްޒާގެ އެކި ތަންތަނަށް އިޒްރޭލުން ގެންދަނީ ވަރުގަދައަށް ހަމަލާ ދެމުންނެވެ.
ހަމަލާތައް ވަރުގަދަކޮށްފައި މި ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު ނުސީދާ މަޝްވަރާތައް ގަތަރުގައި ކުރިއަށްދަނިކޮށެވެ. މި މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވޭ ހިސާބަށް ނުދެވުނަސް ހަމާސް އިން ވަނީ އިޒްރޭލުގެ ރަހީނުންގެ ތެރެއިން 10 މީހަކު މިނިވަންކުރަން އެއްބަސްވެ އެކަން އިއުލާނުކޮށްފަ އެވެ.
އިޒްރޭލުން ބުނަމުންދަނީ މިހާރު އޮތް ހުށަހެޅުމަށް ހަމާސް އެއްބަސްކުރުވުމުގައި މިހާރު ދެމުންދާ ހަމަލާތައް އެހީއަކަށް ވާ ކަމަށެވެ.
ރަހީނުންގެ ބަޔަކު މިނިވަންކުރުމާ ބެހޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ މަޝްވަރާތަކުގައި އުނދަގޫ ކަންކަން ހައްލު ނުވެ އަދިވެސް ހުރި ގޮތަށް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި، މިނިވަންކަމާ އެކު ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ ގޮތް ހަމަޖެއްސުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި ދާއިމީކޮށް ސުލްހަ ގާއިމުގެ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ ކަށަވަރުކަން ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެންގަބޯ
11 July 2025
މީކިހާ ބޮޑުވެއްޖެ މުސީބާތެއް މީހާރު ފަލަސްޠީނު ވަށައިގެން އޮތީ އިސްލާމީ ފައިތަކެއް ތޯ ބަލަން ވެއްޖެ މިހާރު ކީއްވެގެން ތޯ ޔަހޫދީންނާއި ހަނގުރާމަ ކުރަން ނުކެރިގެން ތިއުޅޭނީ ނަސްލެއް ނައްތާލާއިރު ވެސް މަޑުން ތިބެނީ ހެޔޮނުވާނެ ހުރިހާ މުސްލިމުން އެއްބައިވޭ އެކަތިގަނޑަކަށް ވާށޭ އަދި ޔަހޫދީންނާއި ވަރަށް ވަރުގަދައަށް ކުރިމަތިލާ ޔަހޫދީން ފަހަތަށް ޖައްސުވާ އިންސާ ﷲ އެކަތިގަނޑަކަށް ވެގެންނޫނީ މިކަމެއް ނޫވާނެ ސައުދީއަކީ ހުރިހާ މުސްލިމް ގައުމުތަކުގެ މަންމަ