އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކުދިންތަކަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައި: އިޒްރޭލުގެ ހަމަލާތަކުގައި އެތައް ކުދިންނެއް ޝަހީދުވެ އަދި ޒަހަމްވެފައިވޭ. -- ފޮޓޯ: އޭއެފްޕީ
14 ޖުލައި 2025 - 19:24
ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިންނާއި ހަމާސްއާ ދެމެދު ވަރުގަދައަށް ކުރިމަތިލުން ހިނގަމުން އަންނައިރު ޣައްޒާގެ އެކި ހިސާބުތަކަށް އިޒްރޭލުން މިއަދު ދިން ހަމަލާތަކުގައި ވެސް ފަލަސްތީނުގެ 22 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ 21 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އިޒްރޭލާއި ހަމާސްއާ ދެމެދު ގަތަރުގައި ކުރަމުންދާ މަޝްވަރާއަށް ހަފްތާއެއްވީ އިރު ވެސް ކޮޅެއްގައި ނުޖެހި ނުތަނަވަސްވެފައި ވަނިކޮށެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ ޣައްޒާގެ އުތުރު ސަރަހައްދުގައި ވައިގެ މަގުން ދިން ތިން ހަމަލާއެއްގައި ފަލަސްތީނުގެ 10 މީހަކު މިއަދު ޝަހީދުވި ކަމަށެވެ. އަދި ޚާން ޔޫނިސްގެ ދެކުނު ސަރަހައްދަށް ދިން ހަމަލާތަކުގައި އިތުރު 12 މީހަކު ޝަހީދުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭއެފްޕީން ސުވާލުކުރުމުން އިޒްރޭލު ސިފައިން އާންމުކޮށް ދޭ ޖަވާބުގައި ބުނާ ގޮތަށް މިފަހަރު ވެސް ބުނީ މިކަން ބަލަމުން އަންނަ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ "ޓެރަރިސްޓުންގެ އިންފްރާސްޓްރަކްޗާ އާއި ބައެއް އިމާރާތްތަކަށް ހަމަލާދީފައި ވާނެ" ކަމަށެވެ. މިއީ ހަމާސް އާއި އެ ޖަމާއަތާ އެކު މަސައްކަތްކުރާ އިސްލާމިކް ޖިހާދުން ބޭނުންކުރާ ތަންތަން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އަލް ގުދުސް ބްރިގޭޑުން ވަނީ އިޒްރޭލު ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް މިސައިލުން ހަމަލާދޭ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
އިޒްރޭލުން ޣައްޒާގައި ގަތުލްއާންމު ހިންގުން ހުއްޓާނުލައި ކުރިއަށް ގެންދާއިރު އޮކްޓޫބަރު 7، 2023 އިން ފެށިގެން މިހާ ހިސާބަށް ޝަހީދުކުރި މީހުންގެ އަަދަދު ވަނީ 58،000 އިން މައްޗަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy