ބަންގްލާދޭޝްގައި މިއަދު ސްކޫލެއްގެ ތެރެއަށް ޖެޓެއް ވެއްޓުނު ހާދިސާއަށް ފަހު އެތަނުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
21 ޖުލައި 2025 - 18:07
ބަންގްލާދޭޝް އެއާފޯސްގައި ޓްރެއިނިންތަކަށް ބޭނުންކުރާ ފައިޓަޖެޓެއް އެ ގައުމުގެ ސްކޫލެއްގެ ކެމްޕަސްތެރެއަށް ވެއްޓި މިއަދު 16 މީހުން މަރުވެއްޖެ އެވެ.
ފަހުގެ ތާރީހެއްގައި އެ ގައުމުގައި ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސްކޫލްގެ ދަރިވަރުންނެވެ.
އޭއެފްޕީގެ ފޮޓޯގްރާފަރަކު ބުނީ މަރުވި އަދި ޒަހަމްވި ދަރިވަރުން ސްޓްރެޗާތަކުގައި ނެރެގެން ގެންދާތީ ފެނުނު ކަމަށާއި އެތަނުން މީހުން ނެރު ސާފުކުރުމުގެ މަސައްކަތުގައި ސިފައިން ވެސް ބައިވެރިވި ކަމަށެވެ.
މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު މަދުވެގެން 83 މީހަކު ގެންދަނީ އެކި ހޮސްޕިޓަލްތަކުގައި އެކި ޒަހަމްތަކަށް ފަރުވާ ހޯދަމުންނެވެ.
ބަންގްލާދޭޝްގައި މިއަދު ސްކޫލެއްގެ ތެރެއަށް ޖެޓެއް ވެއްޓުނު ހާދިސާއަށް ފަހު ރޯވި އަލިފާން ނިއްވައި މީހުން ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޗައިނާގައި އުފައްދާފައިވާ އެފް-7 ބީޖޭއައި މަރުކާގެ މަތިންދާބޯޓު ވެއްޓުނީ މިއަދު މެންދުރު ފަހު 1:06 ގައި ފުރުމަށްފަހު އޭގެ ކުޑަ އިރުކޮޅެއް ފަހުން، މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ކެމްޕަހަށެވެ.
މަންޒަރު ދުށް މީހުން ބުނީ ޖެޓް ވެއްޓުމާ އެކު ވަރަށް ބާރު އަޑުފައްގަނޑެއް އަރައިގެން ދިޔަ ކަމަށާއި ބިންހެލުމެއް ފަދަ އިހްސާސެއް ކުރެވުނު ކަމަށެވެ.
ޖެޓް ވެއްޓުނު ސްކޫލްގެ ދަރިވަރަކު އޭއެފްޕީއަށް ބުނި ގޮތުގައި ޖެޓް ވެއްޓުނީ ކުދިން ކުޅެން އޮންނަ ދެ ދަނޑުގެ ތެރެއިން ޖޫނިއާ ކުދިންގެ ދަނޑަށް ކަމަށެވެ.
"އަހަރެމެން ތިބީ ބޮޑެތި ކުދިން ކުޅޭ ދަނޑުގައި. ކުއްލިއަކަށް ދެ ޖެޓުގެ ތެރެއިން އެއް ޖެޓް ގޮސް ވެއްޓުނީ،" އުމުރުން 18 އަހަރުގެ ދަރިވަރެއް ކަމަށްވާ ރަހްމާން ޝާފީ ބުންޏެވެ.
ބަންގްލާދޭޝްގައި ސްކޫލެއްގެ ތެރެއަށް ޖެޓެއް ވެއްޓުނު ހާދިސާއަށް ފަހު އިމަޖެންސީ ވެހިކަލްތައް ޖަމާވަނީ އަދި އެ ހިސާބަށް މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ
އެ ދަރިވަރު ބުނި ގޮތުގައި ބާރު އަޑަކާ އެކު ގޮސް ވެއްޓުމާ އެކު ބޮޑު ހުޅުގަނޑެއް ފަޅައިގެންގޮސް ބިމާ އެކު ގުޑުން އަރައިގެން ދިޔަ ކަމަށެވެ.
މަރުވި އެތައް ކުދިންނެއްގެ ހަށިތައް ސިފަ ނޭނގޭ ވަރަށް އަނދާފައި ވާތީ ބެލެނިވެރިން އެ މީހުންގެ ދަރިން ވަކިކުރަން ޖެހުނީ ކުދިންގެ އަތުގައި ހުރި ތަކެތި ފަދަ އެއްޗިއްސަށް ބަލައިގެންނެވެ.
ބަންގްލާދޭޝްގައި މިހާރު އޮތް ވަގުތީ ސަރުކާރުން ވަނީ މި ހާދިސާއާ ގުޅިގެން، މާދަމާ އަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށް އިއުލާނުކޮށްފަ އެވެ.
ބަންގްލާދޭޝްގައި މިހާތަނަށް ހިނގި ވައިގެ ދަތުރުގެ އެންމެ ނުރައްކާތެރި ކާރިސާ ހިނގާފައިވަނީ 1984 ވަނަ އަހަރު ޗަޓޯގްރާމުން ޑާކާއަށް ދަތުރުކުރި މަތިންދާބޯޓެއް ވެއްޓިގެންނެވެ. އެ ހާދިސާގައި ވަނީ އެ ބޯޓުގައި ތިބި 49 މީހުން މަރުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
21 July 2025
މަހީކުރީ އެމެރިކާގެ ކޮންމެވެސް ކުންފުންޏަކުން އުފެއްދި ޖެޓެއްކަމަށް ވެއްޓުނީ. މިތާ ކޮމެންޓްކުރާ ރޯނުއެދުރުންތަކަށް އަބަދުވެސް ހީވެފަ އޮންނަނީ އެހެން. ބޯޓުވެއްޓުނު ހާދިސާގަ މަރުވި ފަރާތްތަކަށް ރަހުމަތްލަވަވާ އާއިލާތަކަށް ކެއްތެރިކަން ދެއްވާށި. ޢަދި ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވަވާށި. ޖެޓް އުފެއްދި ޗައިނާ ކުންފުނިން މިތަހުގީގުގަ ބައިވެރިވެ ވެއްޓުނު ސަބަބު ދރނެގަތުން ވަރަށްމުހިންމު.
ސަކީނާއްތަ
21 July 2025
އެފް 7 އެއީ 1965 ހިސާބުގެ ބޯޓުފަހަރު. އޭގެ ރަންޒަމާނަކީ ފަނުން ރިޔާނަގައިގެން ދިވެހިން އޮޑިދުއްވި ޒަމާން. މިހާރަކު ބަޔަކު ކާރިވާ އެއްޗެއްނޫން.