ދިވެހި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތް ރައީސް މުއިއްޒު، ސަލީމަށް މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2025 - 10:47
ދިވެހި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި އަހުމަދު ސަލީމް (ނަންރީތި ސަލީމް) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ 57 އަހަރު ވެފައިވާ އަދި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތާ އެކު، ހިދުމަތުން ރިޓަޔާ ކުރައްވާ ސަލީމަށް އެ އިއްޒަތް އެރުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
ސަލީމަކީ ދިވެހި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތުގެ ލަގަބު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ހާރިޖީ ދާއިރާގެ ހިދުމަތްތެރިޔާ ވެސް މެ އެވެ. އެ ލަގަބު ތައާރަފުކުރި ކަން ސަރުކާރުން އިއުލާންކުރީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މިއަދެވެ.
އެ ލަގަބު އަރުވާއިރު ދިގު މުއްދަތެއް ކަމަށް ބަލަނީ ހާރިޖީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ޝަރަފު އަރުވަނީ ވަޒީފާ އިން ރިޓަޔާ ކުރައްވަން ގާތް ވެފައިވާ އަދި އެ ވަގުތަކު ހިދުމަތުގައި ދެމިތިއްބެވި ބޭފުޅުންނަށް ކަމަށް އެ އޮފީހުން ބުންޏެވެ.
ދިވެހި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތުގެ ޝަރަފު މިއަދު ހާސިލް ކުރެއްވުމަށް ފަހު، ސަލީމް އަދި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސަލީމް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ޖުލައި 7، 1968 ގަ އެވެ. އޭގެ ފަހުން 35 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އޭނާ ވަނީ ހާރިޖީ ދާއިރާގައި އެކި ފަހަރު މަތިން މަސައްކަތް ކުރައްވައިފަ އެވެ. ފުރަތަމަ އަދާކުރެއްވީ، ފޮރިން މިނިސްޓްރީގެ ޔޫއެން އޯގަނައިޒޭޝަނާ ބެހޭ ބައިގެ ސްޓެނޯ-ޓައިޕިސްޓް ކަމެވެ.
އޭގެ ފަހުން އެކި މަގާމުތައް ފުރުއްވަމުން އައިސް ޕާކިސްތާނުގައި ހުންނެވި ދިވެހި ސަފީރުކަމާއި ރާއްޖެ އިން ނޭޕާލަށް ކަނޑައަޅާފައި ހުންނެވި ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމު ވެސް ފުރުއްވި އެވެ. އަދި ސާކް ޖަމިއްޔާ އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި ޑިރެކްޓަރަކީ ވެސް ސަލީމެވެ. އޭގެ ފަހުން، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމު ވެސް ސަލީމް ވަނީ ކުރައްވައިފަ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ސަލީމްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ހާރިޖީ ދާއިރާގެ އިތުރުން ވެސް ދައުލަތުގެ އެހެން ބައެއް މަގާމުތައް ސަލީމް އަދާކުރެއްވި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި 2003 ގައި ފުރަތަމަ ފަހަރަށް އުފެއްދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމާއި އަދި މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އުފެއްދި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްގެ މަގާމު ހިމެނެ އެވެ.
ދެން އަދާކުރެއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމާއި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެ އެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަ ޖެނެރަލްކަމުގެ މަގާމާއި މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމު ވެސް ސަލީމް ފުރުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
29 July 2025
މަރުހަބާ ސަލީމް! ވެލް ޑިޒަރވްޑް އޮނަރ!
ރާއްޖެ
27 July 2025
ބޭކާރު އެވޯޑް ތަކެއް. މީގެން އެއްވެސް މީހެއް އެންމެ ދުވަހަކު ވެސް މުސާރަ ނުހިނގާ ގޮތަކަށް އޮފީހަށް ދިޔަތަ؟
އަދުލީ
27 July 2025
ސަލީމުގެ ނަން ރީތި. މާނައަކީ ސަލާމަތް.
ޢިބޫ
27 July 2025
ކޮންމެ ގައުމެއްގަވެސް ތިބޭނެ ދައުލަތަށް ބަލަދު އަރާފަ ތިބޭބައެއް.