އިޒްރޭލުން ކުރިމަތިކޮށްފައިވާ ހާލަތަކުގެ ސަބަބުން ކާންބޯން ނުލިބި ނިޔާވި ކުއްޖެއްގެ ހަށިގަނޑުގައި މީހަކު ބައްދާލައިގެން: އިޒްރޭލުން ބުނަނީ މި ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ހަމާސްއިން ކަމަށާއި އިޒްރޭލުން ހަމަލާތައް ނުހުއްޓާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
29 ޖުލައި 2025 - 19:50
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ހިންގަމުންދަނީ "ހީލަތްތެރި" ކެމްޕެއިނެއް ކަމަށާއި ކިތަންމެ ޕްރެޝަރެއް ކުރިޔަސް ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޮން ސާރް ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާރް ބުނީ ޣައްޒާގައި ހަމާސްގެ ބާރު އޮވެ އަދި ހަމާސްގެ އަތްދަށުގައި އިޒްރޭލުގެ ރަހީނުން ތިއްބާ އިޒްރޭލުން ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލާއި ފަަލަސްތީނުގެ އާންމުންނަށް ވެސް ނުރައްކަލަކަށް ވާނެ ކަމަށެވެ.
"އެކަމެއް ނުވާނެ. އިޒްރޭލަށް ކިތަންމެ ޕްރެޝަރެއް ކުރިޔަސް ނުވާނެ،" އޭނާ ބުންޏެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް މިހާރު ވަނީ 21 މަސް ދުވަސް ވެފަ އެވެ. މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރާފައި ވާއިރު ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެހެންވެ އިޒްރޭލުން ހަމަލާތައް މެދުކަނޑާލައި އެހީގެ ސާމާނު ވެއްދުމާއި އެ ތަކެތި ބެހުމަށް އަމާން މާހައުލެއް ތަނަވަސްކޮށްދޭން އިޒްރޭލަށް ބައިނަލްއަގުވާމީ ޕްރެޝަރު މިހާރު ވަނީ ކުރިއަށްވުރެ ވެސް ބޮޑުވެފަ އެވެ.
ނަމަވެސް ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާރު ބުނީ ޣައްޒާގައި ދެމުންދާ ހަމަލާތަކަށް ޒިންމާވާންޖެހޭނީ ހަމައެކަނި ހަމާސް ކަމަށެވެ. ހަމަލާތައް ހުއްޓާލަން އިޒްރޭލަށް ކުރިމަތިކުރާ ޕްރެޝަރުން ބާރު ލިބެނީ ހަމާސް އަށް ކަމަށް އޭނާ ބުންޏެވެ.
"މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެ މީހުން ޑިމާންޑް ކުރާއިރު ހަގީގަތުގައި އޭގެ މާނައަކީ ކޮބާ؟ ޣައްޒާގެ ވެރިކަން ހަމާސްގެ ބާރުގެ ދަށުގައި އޮއްވައި ހަނގުރާމަ ހުއްޓާލަންވީތަ؟" އޭނާ ބުންޏެވެ.
އިޒްރޭލާއި ފަލަސްތީނަށް މިނިވަން ދެ ދައުލަތް ގާއިމުކުރުމުގެ ވާހަކަ އަލުން ދައްކަން ފަށައި ފްރާންސް ފަދަ ގައުމުތަކުން އެކަމަށް އާ މަސައްކަތްތަކެއް ކުރާތީ އެކަމަށް ވެސް ސާރް ފާޑުކި އެވެ.
"ފްރާންސްގެ ފޮރިން މިނިސްޓަރު އިއްޔެ ނިއު ޔޯކްގައި ވަނީ ދެ ދައުލަތުގެ ހައްލަކަށް އެއްބަސްވުމަށް ޔޫރަޕުން އިޒްރޭލަށް ޕްރެޝަރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައި،" އޭނާ ބުންޏެވެ.
"ފަލަސްތީނުގެ ދައުލަތެއް މި ވަގުތު ގާއިމުކުރުމުގެ މާނައަކީ ހަމާސްގެ ބާރުގެ ދަށުގައިވާ ދައުލަތެއް އުފައްދައި، ޖިހާދީންގެ ދައުލަތެއް އުފެއްދުން. އެއީ ވާނެ ކަމެއް ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
30 July 2025
އިޒުރޭލުން ހަނގުރާމަމިކުރަނީ ހަމާސްއާތަ؟؟ ނޫން އަންހެނުންނާ ކުޑަކުދިންނާ މުސްކުޅިންނާ އެއްވެސް ހަތިޔާރެއްނެތް ގަމުމެއްގެ އާންމުރައްޔިތުން މަރާ ގަތުލުއާންުމުތަކެއް މިހިންގަނީދޯ! މުސްލިމުގައުމުތަކުން އިޒުރޭލާދެކޮޅަށް ހަނގުރާމަކޮށް އިޒުރޭލުނައްތާލަންޖެހޭ، ހަނގުރާމަނުހުއްޓާނެކަމަށް އިޒުރޭލުން ގަދަބަސްބުނަމުންދިޔަޔަސް ހަނގުރާމަވެސްޖެހޭނީ ހުއްޓަން އަދި ކާމިޔާބުވެސްލިބޭނީ ފަލަސްތީނަށް
ސަޅިބައިސާ..
29 July 2025
މި ވެރިން ލަދެއް ވެސް ނުގަނޭ... ދުނިޔޭގައި ލެއްވި ހުރިހާ މޮޅެތި ހަތިޔާރެއް ލިބިތިބެމެ އަދި ދުނިޔޭގައި އެންމެ ބާރު ހުރި މީހުންގެ ފުރިހަމަ އިނާޔަތް ލިބިތިބެމެ ދުނިޔޭގައި ތިބި އެންމެ އާރެއްބާރެއް ނެތް ބަޔަކާހަގުރާމަކޮއް އެންމެ ރަހީނެއްވެސް ސަލާމަތް ނުކުރެވުނީމަ... މީ ހަމަ ހިތުން ވަރަށް މޮޅުބަޔަކޯދެންމީ...
ފޫހި
30 July 2025
އެއީ ގަސްދުގައި ރަހީނުން ސަލާމަތް ނުކުރަނީ. ބަހަނާ ދައްކައިގެން އެ ބިން ހިފަންވެގެން. ހަނގަުރާމަކުރަނީ ބިން ހޯދަން ރަހީނުން ސަލާމަތްކުރާކަށްނޫން.