ރިހާން (ކ) އަދި އާން (ވ).--
30 ޖުލައި 2025 - 10:30
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި މުހައްމަދު ރިހާން ޝިހާމް އަދި މުހައްމަދު އާން ހުސެއިންގެ އިތުރުން މިކްސްޑް މެޑްލޭ ޓީމު ވެސް ގައުމީ ލޯންގްކޯސް ރެކޯޑް އާކޮށްފި އެވެ.
އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ފިރިހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓުގައި ވާދަކޮށް ރިހާން ނިންމީ 2:25.20 ސިކުންތުންނެވެ. މި ރެކޯޑް އެންމެ ފަހުން އާކުރީ ވެސް ރިހާން އެވެ. އެއީ، 2023 ވަނަ އަހަރު އޮތް 19 ވަނަ އޭޝިއަން ގޭމްސްގައި 02:28.17 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
އާން ވަނީ މިއަދު ހެނދުނު އޮތް ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް 53.80 ސިކުންތުން ރޭސް ފުރިހަމަ ކޮށްފަ އެވެ. މި ރެކޯޑް އެންމެ ފަހުން އޮތީ ވެސް އާން އަތުގަ އެވެ. މިދިޔަ އަހަރު އާން ވަނީ ދެ ފަހަރު މި ރެކޯޑް އާކޮށްފަ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައި ރެކޯޑް އާކުރުމަށް ފަހު އާން ވަނީ މެލޭޝިއާގައި އޮތް 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސްގެ ހީޓުގައި 54.46 ސިކުންތުން ފަތައިފަ އެވެ.
މިކްސްޑް މެޑްލޭ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ހަތަރު ބައިވެރިން؛ (ކ-ވ) ތަޒްކީ، މެރާލް، އާން، ރިހާން.
މުބާރާތުގައި 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ޓީމު ރެކޯޑް ހެދީ، 4:40.23 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ޓީމުގައި ހިމެނެނީ ރިހާން އާއި އާންގެ އިތުރުން، މުބާރާތުގައި ދެން ވާދަކުރާ އަންހެން ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އަމްނާ ތަޒްކިޔާ މިރުސޯދު (ތަޒްކީ) އެވެ.
މިކްސްޑް މެޑްލޭ އިވެންޓުގެ ރެކޯޑް އެންމެ ފަހުން އާކޮށްފައި ވަނީ މިދިޔަ އަހަރު ގަތަރުގެ ދޯހާގައި އޮތް 21 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގަ އެވެ. އެ އިވެންޓުގައި ހަމްނާ އަހްމަދު، މުބާލް އައްޒާމް އިބްރާޙީމް، ރިހާން އަދި އައިޝަތު އުލްޔާ ޝާއިގް ރޭސް ފުރިހަމަ ކުރީ 04:41.83 އިންނެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ވާދަކުރި ފަސް އިވެންޓުން ވެސް ގައުމީ ރެކޯޑް އާކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު މެރާލް ވަނީ 02:44.34 އިން ފަތައިގެން އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގަައުމީ ރެކޯޑް އާކޮށްފަ އެވެ. އަދި ޖެހިގެން އައި ދުވަހު ތަޒްކީ ވަނީ 1:13.49 އިން ފަތައިގެން އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy