ހަމާސްގެ މެންބަރުން ހަތިޔާރާ އެކު ޣައްޒާގައި: އެ ޖަމާއަތުން ބުނަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމު ނުވާހާ ހިނދަކު ހަތިޔާރު ނުބަހައްޓާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
03 އޯގަސްޓް 2025 - 20:46
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި އިޒްރޭލުގެ އެންމެ ބޮޑު ޑިމާންޑަކީ ހަމާސް އިން ހަތިޔާރު ބެހެއްޓުން ކަމަށް ވާއިރު، ފަަލަސްތީނުގެ ދައުލަތެއް ގާއިމުވުމުގެ ކުރިން އެކަން ނުކުރާނެ ކަމަށް ހަމާސް އިން ބުނާ ބަސް އަނެއްކާވެސް ތަކުރާރުކޮށްފި އެވެ.
ހަމާސް އިން މިހެން ބުނީ ހަމާސް އިން ހަތިޔާރު ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވުމުން އެ ވާހަކަތަކަށް ރައްދު ދެމުންނެވެ.
އިޒްރޭލުން ދެކޭ ގޮތުގައި ހަމަލާތައް ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމަކާ ހަމަޔަށް ދެވޭނީ ހަމާސް އިން ހަތިޔާރު ބެހެއްޓުމުންނެވެ.
ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކަށް 21 މަސް ދުވަސް ވެފައި ވާއިރު އެ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ހަމާސް އާއި އިޒްރޭލާ ދެމެދު ބާއްވަމުން އަންނަ ނުސީދާ މަޝްވަރާތައް މިދިޔަ ހަފްތާގައި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެ ކަމަށް ފްރާންސާއި ކެނެޑާ ފަދަ ހުޅަނގުގެ ބައެއް ގައުމުތަކުން އިއުލާނުކޮށްފައި ވާއިރު އަރަބި ބައެއް ގައުމުތަކުން މި ފަހުން އަންނަނީ ޣައްޒާގެ ކޮންޓްރޯލް ހަމާސް އިން ދޫކޮށްލައި ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ގޮވާލަމުންނެވެ. މި ގޮވާލުންތައް އިތުރުވެފައި ވާއިރު އިނގިރޭސިވިލާތުން ވެސް ވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އިޒްރޭލުން ވަކި ޝަރުތުތަކެއް ފުރިހަމަ ނުކޮށްފި ނަމަ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާ، އިނގިރޭސިވިލާތް އަދި އީޔޫގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިންތިކޮށްފައިވާ ހަމާސް ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގުދުސް އަކީ އެ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން، ފުރިހަމަ ސިޔާދަތީ ދައުލަތެއް އުފެދިގެން ނޫން ގޮތަކަށް ހަތިޔާރު ދޫނުކުރާނެ ކަމަށެވެ.
ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ކުރާ މަޝްވަރާތައް ހުއްޓިފައި ވަނިކޮށް، ފަލަސްތީނުގެ ޖަމާއަތްތަކުން ރަހީނުކޮށްފައިވާ އިޒްރޭލުގެ ދެ މީހެއްގެ ވީޑިއޯ އާންމުކުރުމާ އެކު މައްސަލަ ވަނީ އަނެއްކާ ވެސް ހޫނުވެފަ އެވެ. ބަލިކަށިވެފައި ތިބި އެ ދެ މީހުންގެ ވީޑިއޯއިން ފެންނަނީ "އަނިޔާވެރިކަމާއި ލާއިންސާނީ" އަމަލުތައް ކަމަށް ބުނެ އިޒްރޭލު ސަރުކާރުން ފާޑުކިޔާފައި ވާއިރު އެ ވީޑިއޯއާ އެކު އިޒްރޭލުން ހަމާސްއާ އެކު އެއްބަސްވުމަކަށް އައިސް ރަހީނުން އަވަހަށް މިނިވަންކުރުމަށް އާންމުން ކުރާ ޕްރެޝަރު ވެސް ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެނީލާ
04 August 2025
އިޒުރެއިލް ކިޔާ ނިރުބަވެރި ޖަމާއަތަކުން ވަނީ މިވަގުތު ދުނިޔެ މަތީގައި އެންމެ ބޮޑަށް ރަހީން ކުރިވިފައި އޮތް ބިމަށް ގަޒާ ހަދާފައި. އޮތީވެސް އެންމެނަށް ފެންނަހެން. ތިބަޔަކު މުޅި ފަލަސްތީން ފޭރިގަތުމުގެ ބިރު އެބައޮތް. ޔާﷲ!! ފަލަސްތީނާއި މުސްލިމުން ހިމާޔަތް ކުރެވޭނެ ފަދަ ވެރިންތަކެއް އަރަބި އިސްލާމީ ގައުމުތަކުގެ ވެރީންކަމުގައި ލައްވާންދޭވެ.
ނަސްރުގެ ދުލުން
04 August 2025
ތެދުވެރި މުސްލިމުން ހަނގުރާމަ ކުރާނީ ހައްގާއި ބާތިލް ވަކިކުރަން. ހަނގުރާމައިގަ އޮންނާނީ ހައްގުގެ މަގުގަ ޝަހީދުވުން ނުވަތަ ފަތަހައާ ނަސްރު ލިބުން. ދުޝްމަނުން ދެކެ ބިރުން އަމާންދިނުމެއް ނޯންނާނެ... ހަމާސްއަށް ނަސްރާ ކާމިޔާބު މިންވަރު ކުރައްވާށި!
ޙަަހަ
03 August 2025
ބަރާބަރް ދަގަނޑު ކެނޑޭނީ ދަގަނޑުން..