ނިއު ރޭޑިއަންޓްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި ލަމްއާން (މެދުގައި) އެ ކްލަބްގެ މަގާމާ ހަވާލުވުމަށް ފަހު ޗެއާމަން އަހްމަދު މުބީނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ނިއު ރޭޑިއަންޓް
11 އޯގަސްޓް 2025 - 23:50
ނިއު ރޭޑިއަންޓްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އައްޔަން ކޮށްފި އެވެ.
ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކްލަބުގެ މަގާމުގައި އޮތް ނިއުގެ ޗެއާމަން އަހުމަދު މުބީން "މިހާރު" އަށް ވިދާޅުވީ ލަމްއާން، ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ އަސާސީ ގަވާއިދުން އެކްސްކޯ އަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.
ނިއުގެ ނައިބު ރައީސުންގެ މަގާމުގައި މިހާރު ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕްގައި ވެސް ނައިބު ރައީސްކަން ކުރައްވާ މުޖުތަބާ ޖަލީލާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އިބްރާހިމް (ކައްޕި) އެވެ. ކައްޕި އަކީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ވެސް މެ އެވެ. އަދި މުޖުތަބާއަކީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރެވެ.
މުބީން ވިދާޅުވީ، މުޖުތަބާ އާއި ކައްޕި އެފްއޭއެމްގެ މަގާމަށް ވަޑައިގަތުމުން، ނިއުގެ މަސައްކަތުގައި އެ ބޭފުޅުންނަށް ބައިވެރިވެވަޑައިގެންނެވޭ މިންވަރު މިހާރު ވަރަށް ކުޑަ ކަމަށެވެ.
ނިއުގެ އާ ނައިބު ރައީސް ލަމްއާން: އޭނާ މަގާމަށް އައްޔަން ކުރީ އެކްސްކޯއިން ފާސްކޮށްގެން --- ފޮޓޯ: ނއިު
"އެފްއޭއެމްގެ ރައީސް [އަހްމަދު ތޯރިގް] ޓޮމްއާ އަޅުގަނޑު ބައްދަލުކުރިން. ވިދާޅުވި މުޖޭ އާއި ކައްޕި އެފްއޭއެމްގެ މަސައްކަތުގައި މަސްއޫލުވުން މި ވަގުތު މާ ބޭނުންތެރިއޭ،" މުބީން ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަށް އެބަ ބޭނުންވޭ ނައިބު ރައީސުން ކްލަބްގެ މަސައްކަތުގައި ބައިވެރިވެވޭނެ. އެގޮތުން ލަމްއާންގެ ނަން އަޅުގަނޑުމެން އެކްސްކޯ އަށް ހުށަހަޅައިގެން ނައިބު ރައީސްކަމަށް އައްޔަން ކުރީ. އަސާސީ ގަވާއިދުގައި އެ ބާރު އެކްސްކޯ އަށް އެބައޮތް ލިބިދީފައި."
ދާދި ފަހުން ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުބީން ވިދާޅުވި ގޮތުގައި މި ވަގަތު އޭނާ ފުލުޓައިމްކޮށް ހުސްވެވަޑައިގެން ހުންނެވީ ކްލަބްގެ މަސައްކަތްތަކަށެވެ.
ނިއުގެ ބޯޑުގެ ބައެއް މެންބަރުންނާ އެކު ލަމްއާން އާއި މުބީން --- ފޮޓޯ: ނިއު
މުބީން ވިދާޅުވިގޮތުގައި، ނިއުގެ މަސައްކަތްތަކުގައި ހިއްސާވާނެ އިތުރު އެހެން ބޭފުޅަކު ވެސް މަގާމަށް އަދި ގެންނަވާނެ އެވެ.
"އަޅުގަނޑުގެ ވިސްނުން އެބަހުރި އިތުރު ބޭފުޅަކު ވެސް ވައިސް ޗެއާމަން ކަމަށް ގެނައުމަށް. ބޭނުމަކީ ކްލަބްގެ މަސައްކަތްތަކަށް ކޮންޓްރިބިއުޓްކޮށް، މި މަސައްކަތުގައި ބައިވެރިވޭނެ އިތުރު ބޭފުޅަކު ގެނައުން،" މި މަހު އެފްއޭއެމުން އެކުލަވާލި ގޯލްޑަން ޖުބްލީގެ ވައިސް ޗެއާމަންގެ މަގާމު ވެސް އަދާކުރައްވާ މުބީން ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓް އޮތީ ދެވަނަ ޑިވިޝަނުގަ އެވެ. އެއްވަނަ ޑިވިޝަނަށް އަރަން އެ ޓީމުން މިދިޔަ ދެ އަހަރު ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ޢަލީ
12 August 2025
އޯވް.އެބޭފުޅާ އެއަރޕޯޓުގެ އާޓާމިނަލް ހުޅުވާފަ، މެލޭޝިޔާގަ މުޅި އާއިލާ ޗުއްޓީ ނިންމާލާފަ އައީތޯ.ހައްތާވެސް އެމް.ޑީން އަދި ޑީ.އެމް.ޑީން ނިއުގެ ހިންގާ ކޮމެޓީއަށް މިއަންނަނީ އެހެންނު.ދެން ބަލަމާ ފުރަތަމަ ޑިވިޜަނަށް ކޮލިފައިވާނެ ކަމަށް.އިސްޕޮންސަރުން ހޯދަންވެސް ވަރަށް ފަސޭހަކޮށްފަ މިއޮތީ.
ޓޭސީ
12 August 2025
ކުރިއަށް އޮތްތާވެސް ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ރަނގަޅު ނުވާނެ ކަމުގެ ސާފު ހެކި މިފެންނަނީ