ހިތާނީ ކޭމްޕު ކޮންމެ އަހަރެއްގެ ވެސް ސްކޫލު ބޮޑު ބަންދުގައި ބައްވާ. -- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް
20 އޯގަސްޓް 2025 - 13:55
ޓްރީޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ހިތާނީ ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި 120 ކުދިން ވަނީ ހިތާނުކޮށްފަ އެވެ. މި ކޭމްޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ހިތާނީ ކޭމްޕްތަކުގެ ތެރެއިން އެއް ކޭމްޕުކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ކޭމްޕުގައި ހިދުމަތްތައް ދިން ޕެކޭޖުގެ އަގަކީ އާސަންދައަށް ކެނޑުމަށް ފަހު، 5،500ރ. އެވެ. އެ ޕެކޭޖުގައި ސާޖަރީގެ އިތުރުން ބޭހާއި ޓެސްޓްތައް އަދި ފޮލޯއަޕް ވެސް ހިމެނުނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕޭޝަންޓު ކެއާ މެނޭޖަރު ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ފަސޭހަ، ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެ ކޭމްޕުގައި ހާއްސަ އިސްކަމެއް ވަނީ ދީފަ އެވެ. އެގޮތުން ކޭމްޕްގައި ބައިވެރިވި ހުރިހާ ކުދިންނަށް ހަނދާނީ ހަދިޔާއެއްގެ އިތުރުން ރޫމް އަޕްގްރޭޑުކުރަން ބޭނުންވި ފަރާތްތަކަށް އިތުރު ފީއަކާ ނުލައި ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ވެސް ދީފައިވާކަން ފާހަގަކުރެއްވި އެވެ.
ޓްރީ ޓޮޕުން ބުނީ މި ކޭމްޕުގައި ބައިވެރިވި ކުދިންގެ ބެލެނިވެރިން ވަނީ ހިދުމަތްތަކާ މެދު ހިތްހަމަޖެހުން ފާޅުކޮށްފައި ކަމަށެވެ.
މިއަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިތުރު ހިތާނީ ކޭމްޕެއް އޮންނާނެ އެވެ. މި ކޭމްޕު ބާއްވާނެ ވަކި ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy