21 އޯގަސްޓް 2025 - 12:18
ބޭންކް އޮފް މޯލްޑިވްސްއިން އއ. އުކުޅަހުގައި ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
ބީއެމްއެލް ބްރާންޗާއި ޑޮލަރު އޭޓީއެމް ހުޅުވުމަށް އުކުޅަހުގައި އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމްގެ މުހިންމު މަރުކަޒެއް ކަމަށްވާ އުކުޅަހުގެ މުޖުތަމައަށް ހިދުމަތްތައް އިތުރަށް ފުޅާކުރެވުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މިއީ އެރަށުގެ ވިޔަފާރިތަކާއި އާއްމުންނަށް ބޭންކިން ހިދުމަތް ހޯދުމުގައި ބޮޑު ލުޔެއް ލިބޭނެ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"އަލަށް ގާއިމްކުރެވުނު ބްރާންޗާއި އޭޓީއެމްގެ ޒަރީއާއިން އުކުޅަހާއި ކައިރި ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ތަރައްގީއަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތައް ފަސޭހަކަމާއެކު ލިބިގެންދާނެ." ޝަރީފް ވިދާޅުވި އެވެ.
އުކުޅަހަކީ ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ރަށެކެވެ. އުކުޅަހުގައި ގާއިމްކުރި އާ ބްރާންޗްގެ ހިދުމަތް ދޭނީ ބޭންކުގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 42 ބްރާންޗް، 144 ސެލްފްސާވިސް ބޭންކިން ސެންޓަރު، 202 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy