26 އޯގަސްޓް 2025 - 14:59
މޯލްޑިވްސް އިސްލާމިކް ބެންކުން "މިބް9" ކްލަބުގެ ކަސްޓަމަރުންނަށް އެ ބެންކުން ދޭ ހިދުމަތްތަކުން ގިނަ ފައިދާތަކަކާއި އިތުރު އިނާޔަތްތަކެއް ލިބެ އެވެ.
އެގޮތުން މި ކްލަބުގެ މެމްބަރުންނަށް ވިޔަފާރިކުރުމަށާއި ސަބްސްކްރިޕްޝަންތަކަށް ޑޮލަރުން ފައިސާ ދެއްކުމަށް އޮންލައިން ޓްރާންސެކްޝަންތަކަށް 250 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ. އަދި އެ ކްލަބްގެ މެމްބަރުންނަށް އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކުޑަ އަގެއްގައި ފައިނޭންސްކޮށް، ކުޑަ އިންސްޓޯލްމަންޓް އަދަދަކާ އެކު އިތުރު ލިމިޓެއް ލިބޭނެ އެވެ.
މި ކްލަބްގެ މެމްބަރުންނަށް ލިބޭ އިތުރު އިނާޔަތްތަކުގެ ތެރޭގައި ކޮންސިއާޖް ގުރޫޕް މެދުވެރިކޮށް ބަޓިކް އެއާގެ ފްލައިޓްތަކުން މަގުބޫލު ޑެސްޓިނޭޝަންތަކަށް ޓިކެޓްތަކުން 12 ޕަސެންޓާއި ހަމައަށް ޑިސްކައުންޓާއި ޓީއެފްޖީ އާއި ޖިމްނޭސިއާ އިން ޖިމް މެމްބާޝިޕްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި ފްލޭޝް ޑީލްސްގެ ނަމުގައި އެމްއައިބީގެ ޕާޓްނާ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ގެސްޓުހައުސްތަކުން އެ ކްލަބު މެމްބަރުންނަށް ހާއްސަ އެކި ޑިސްކައުންޓުތައް ލިބޭނެ އެވެ.
"މިބް9" ކްލަބްގެ މެމްބާޝިޕް ލިބޭނީ އެ ބެންކުގެ އެކައުންޓަކަށް މުސާރަ ޖަމާވާ ކަސްޓަމަރުންނަށެވެ. އެމްއައިބީން "މިބް9"ގެ މެމްބަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް މިދިޔަ ޖުލައި މަހު ވަނީ ފަށައިފަ އެވެ. އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ދާ އެ ޕްރޮމޯޝަނުގެ އެއް ވަނަ އިނާމަކަށް ހުށައަޅާފައި ވަނީ ބަޓިކް އެއާގެ އެންމެ މަގުބޫލް ހަ ގައުމުގެ ތެރެއިން އެއް ގައުމަކަށް ދާން ދެ މީހުންގެ ދެ ކޮޅު ޓިކެޓެވެ. ދެ ވަނަ އަށް ނަސީބުވެރި އެއް ފަރާތަކަށް 1000 ޑޮލަރު ހުށައަޅާފައި ވާއިރު ތިން ވަނަ އަށް ހުށައަޅާފައި ވަނީ ބޭންކުގެ ޕާޓްނާ ޖިމަކުން އެއް އަހަރު ދުވަހުގެ ހިލޭ މެމްބާޝިޕެވެ. އަދި ހަތަރު ވަނަ އަށް ހުށަހަޅާފައި ވަނީ އެޕަލް މެކްބުކް އެއާއެކެވެ.
"މިބް9" ކްލަބާ ގުޅޭ އިތުރު މައުލޫމާތު އެމްއައިބީގެ ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy