ކުޅުދުއްފުށިން ރައީސަށް މަރުހަބާ ދަންނަވަނީ: ކުޅުދުއްފުށީގައި ސިޓީ ހޮޓަލްއަކާއި އިސްލާމީ މަރުކަޒެއް ގާއިމް ކުރަން ވަނީ އިއުލާން ކޮށްފައި
26 އޯގަސްޓް 2025 - 22:52
ކުޅުދުއްފުށީ ސިޓީގައި ސިޓީ ހޮޓަލަކާއި އިސްލާމީ މަރުކަޒެއް ގާއިމް ކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިސްލާމީ މަރުކަޒެއް އެ ރަށުގައި އެޅުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓާ އިންވެގެން އޮތް ބިމުން އިގުތިސޯދީ ފައިދާ ނެގޭނެ ގޮތް ހެދުމަށް އެ ތަނުގައި ސިޓީ ހޮޓަލެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ބިމުގައި އިންވެސްޓްކުރުމުގެ ފުރުސަތު ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ފަހިކޮށްދޭހާ އަވަހަކަށް އެ ތަނުގައި ސިޓީ ހޮޓަލެއް އެޅުމަށް ހުޅުވާލާނެ އެވެ.
"އެ ތަނުގައި ސިޓީ ހޮޓަލެއް އެޅިގެން ދިޔައީމަ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ސިޓީ ހޮޓަލެއް އަޅަން ސަރުކާރުން ނިންމި ބިމަކީ ކުޅުދުއްފުށީގެ ކުޅީގެ ބައެކެވެ. އެ ތަން މިހާރު އޮތީ އެއްވެސް ބޭނުމެއް ނުކުރެވި، އާންމުންނަށް ވެސް ބަންދުކޮށްފަ އެވެ.
ކުޅުދުއްފުއްޓާ ޖެހިގެން އޮތް ހދ. ކޭލަކުނުގައި އީކޯ ޓޫރިޒަމްގެ ގާއިމް ކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއު ވާނީ އެމްޓީޑީސީއާ ހަވާލުކޮށްފައި ކަމަށާއި އެ ތަނުގެ ޑިޒައިން ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ފައިނޭންސިން ވެސް ވަނީ އެމްޓީޑީސީން އަމިއްލައަށް ހަމަޖައްސާފައި ކަން ރައީސް ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމާހް ހަސަން
27 August 2025
ރައީސް މުއިއްޒް މިދަނީ ރައްޔިތުން އެދޭ ކަންކަން ކޮށްދެމުން. ރައްޔިތުންގެ ހުރިހާ ކަމަކަށް އެޑްރެސްކުރަމުން. މީ އުފާކުރަންޖެހޭ ކަމެއް.
މިވީ ކިހިނެތް
27 August 2025
ރައީސް ކުރީ ދުވަހު ނިކަން ގަދައަށް ދެއްކެވި ބިކިނީ ގައި ރަށުތެރޭ އުޅޭ ވާހަކައާއި ކައިރި ފަޅުތެރޭގައި ޔޮޓުފަހަރު ބާއްވައިގެން މީހުން އެއަށް ގެންދާ ވާހަކަ. މިއަދު ސިޓީ ހޮޓާ އަޅާ ވާހަކަ. ހުންގާނު ނެތް އޮޑިއެކޭ އެއްވަރޭ ރަށުތެރޭގައި މިކިޔަނީ ކަމެއްވީމަތާ ދޯ