ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި.
27 އޯގަސްޓް 2025 - 11:50
ކައުންސިލްތައް އިންތިހާބުވެ ފަހު އަހަރުތެރޭ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލި ކައުންސިލްތަކަށް ގެއްލުންވާ ކަމަށާއި އެހެންވެ އެކަން އެ ކަންކަން ބަދަލުކޮށްދިނުމަށް އެދޭ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރަން ރޭ ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ހިނގަން އެންމެ ރަނގަޅު ނިޒާމް ކަމަށާއި މާލޭގައި ހުންނަ ވުޒާރާއަކުން ރަށްރަށުގައި ހިދުމަތް ދިނުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
ރައްޔިތުންނަށް އެންމެ އަވަސް، ރަނގަޅު ހިދުމަތެއް ދެވޭނީ މޭޔަރު ވިދާޅުވި ގޮތުގައި ކައުންސިލްތައް މެދުވެރިކޮށެވެ. ނަމަވެސް، މިފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކުގެ ބާރު ވަރަށް ހަނިވެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމަށް މި ގެނެވުނު އިސްލާހަކީ ކައުންސިލްތަކަށް ވަރަށް ބޮޑަށް ގެއްލުންވާ އިސްލާހެއް، އޭގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ވެސް ބުރޫ އެރުން އެކަށީގެންވާ ގޮތަކަަށް އޮތް އިސްލާހުތަކެއް ކަން އަޅުގަނޑު ފާހަގަކުރަން،" މޭޔަރު ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ އަދިވެސް އުއްމީދުކުރަނީ ގާނޫނަށް ގެނައި ގޯސް ބަދަލު އިސްލާހު ކުރާނެ ކަމަށް ކަމަށެވެ. އަދި އެކަމަށް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.
މޭޔަރު ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ރަށުގައި އިގްތިސާދީ މަސައްކަތްތަކަށް ބިން ދޫކުރުމާއި ކައުންސިލްތަކަށް ވަޒީފާއަށް މުވައްޒަފުން ނެގުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެއީ ކައުންސިލްގެ މަސައްކަތަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވޯޓު ދިނީ ފަސް އަހަރުގެ ދައުރުގައި މަސައްކަތްކުރަން އަދި އެ ރައްޔިތުންނަށް އެކީގައި އިށީނދެ ތަރައްގީގެ ޕްލޭނެއް ލިޔެގެން ކަރުދާހަށް ތިރިކުރީ. އެހެންވީމާ އަޅުގަނޑުމެން އިންތިހާބުވެފައި ތިއްބާ އަޅުގަނޑުމެންގެ ދައުރުގެ ފަހު އަހަރު މަސައްކަތްތަކެއް ނުކުރެވޭ ގޮތް ހެދުމަކީ އަޅުގަނޑުމެން އިންތިހާބީ ހައްގެއް ވެސް ގެއްލޭ ކަމެއް އަދި ރައްޔިތުންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހާ އެކު، އަސާސީ ހިދުމަތްދޭ ތަންތަނުން ކައުންސިލަށް ބިމު ކުލި ނުލިބޭ ގޮތަށް އޮތުމުގެ ސަބަބުން ހަތަރު މިލިއަން ރުފިޔާގެ ގެއްލުމެއްވާނެ ކައުންސިލަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މާލީ ކަންކަމުގައި ކައުންސިލްތަކުން މައި ސަރުކާރުގައި އާދޭސް ދެންނެވުމަށް މަޖުބޫރުވާ ގޮތަށް އިސްލާހު އޮތްކަން ވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
"މާލީ ކަންކަން މޮނިޓާކުރެވޭނެ ފުރިހަމަ ނިޒާމް މިހާރު ވެސް ކައުންސިލްތަކުގައި އެބައޮތް. އެންމެ ރުފިޔާއެއް ވެސް މި ހަރަދުކުރަނީ ވިޔަ މޮޑިއުލްގެ ތެރެއިން. ދުވަހުން ދުވަހަށް އެލްޖީއޭއަށް ވެސް މޮނިޓާކުރެވޭނެ. ކައުންސިލްތަކުން އެއްވެސް ހަރަދެއް ކޮށްފި ނަމަ، ކޮންމެ މަހަކު އެކުރާ އެއްލާރި ވެސް ގެޒެޓް ކުރަމުން ދާނީ،" އާތިފް ވިދާޅުވި އެވެ.
އެހެންކަމުން، އާތިފް ވިދާޅުވީ މާލީ ކަންކަމުގައި ކައުންސިލްތައް ޒިންމާދާރުކުރުވައި ޖަވާބުދާރީކުރެވޭނެ ރަނގަޅު ނިޒާމެއް އޮއްވައި، ކައުންސިލްތަކަށް އިތުރު ހުރަސްތައް ކުރިމަތިކުރުވުމުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ރައީސް އަދިވެސް މިކަމާ ރަނގަޅަށް ވިސްނައިވަޑައިގަތް އަޅުގަނޑުމެންނަށް މި ބަދަލުތައް ފަސޭހަވާނެ ގޮތަށް އިންތިޒާމް ކޮށްދިނުން،" މޭޔަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީބެ
27 August 2025
ޑައުރުގެ ފަހުއަހަރު ޅައެތި އަޅާނަމަ ރިޔާސީ ދައުގެ fahun އަހަރު އެކުރާ ކަންތައްވެސް މަނާކުރަންވާނެ . ޢާ ޕްރޮޖެކްޓެއް ފަށައިގެން ނުވާނެ. ގޯތިދޫކޮށްގެންވެސް ނުވާނެ
ޑރ ވާންޗޯ
27 August 2025
ކަލޯ ދުނިޔެއަށް އައިގޮތަށް އެއްވެސްކަމެއް ބަދަލުނުވެ މިހުރިހާދުވަހު ޕޯސްވެފަތަހުރީ؟.
ޕިކްސް
27 August 2025
އުފަންވި ފަހުން ގާނޫނާ ގަވާއިދުތަށް އިސްލާހު ކުރުމުންވެސް ހައްގުތައް ގެއްލޭ.
އަފުން
27 August 2025
ޖަރީމާ ހިންގުމުގެ ފުރުޞަތު ކައުންސިލްތަކަށް ހަނިވީމަ ކައުންސިލަރުން ކަންބޮޑުވާކަމަށް ފެންނަނީ، ރަނގަޅަށް މަސައްކަތްކުރާ އިޚްލާސްތެރިންނަށް ތި ބަދަލުން ވާނެ ދައްޗެއް ނެތް.
ޕީ އެން ސީ
27 August 2025
މި ކިހާވަރަކަށް މައުލޫމާތު އެނގިގެން ޖެހިކޮމެންޓެއްބާ.
ނުގެއްލޭ
27 August 2025
އެއްވެސް ހައްގެއް ނުގެއްލޭނެ. ގެއްލޭނެ ހައްގަކީ އެންމެ ފަހު ވަގުތު ހިތުހުރި ބަޔަކަށް ވަޒީފާ ބެހުމާއި ބިންތައް ބަހައި ނުލެވޭތީ ގެއްލޭ ހައްގެއް. އެއީ ލިބެންޖެހޭ ހައްގެއް ނޫން. ރައްޔިތުންގެ މުދަލާއި ފައިސާ ޚަރަދުކުރަންވާނީ ރައްޔިތުންނަށް ވާނުވާ އެނގޭގޮތަށް އޮންނަ ނިޒާމާ އެއްގޮތަށް.
ބުނަންތަ
27 August 2025
ހައްގު ހަމަގެއްލޭ ރަނގަޅަށް ބަލާފަ މިތާގަ ލިޔޭ
އަފުން
27 August 2025
މައި ސަރުކާރަށްވުރެ ރަށު ކައުންސިލް މާ ލެވެލް މަތިކަމަށް ޤަބޫލުކުރާ ކައުންސިލަރުން އެބަފެނޭ. މައި ސަރުކާރަށް ޖަވާބުދާރީވާންޖެހުމަކީ ހައްގު ގެއްލުމެއް ނޫން. އަދި ޕްލޭންކޮށްގެން ކަންކަން ކުރުމަށް ފުރުޞަތު އޮތުމަކީ ޒިންމާދާރުވުމަށް ލިބުނު އިތުރު ފުރުޞަތެއް. އެއީ ހައްގު ގެއްލުމެއްނޫން. އެކަމެއްނުވާނެ، މިކަމެއް ނުވާނޭ ކިޔުމުގެ ބަދަލުގައި ޒިންމާދާރުކަން އިތުރުކޮށްލައްވާ، އޭރުން ބެންކޮކް ތަޖުރިބާ ދަތުރުވެސް ކުރެވޭނެ.