އިޒްރޭލުން ދިން ހަމަލާގައި ޣައްޒާ ސިޓީގެ މުޝްތަހާ ޓަވަރު ވެއްޓިފައި: އުސް އިމާރާތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފައި. -- ފޮޓޯ: އޭއެފްޕީ
06 ސެޕްޓެމްބަރ 2025 - 09:26
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފަން ކުރަމުން ގެންދާ މަސައްކަތުގައި އެ ސިޓީގެ އުސް އިމާރާތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އިއްޔެ އިމާރާތެއް ބިމާ ހަމަކޮށްލައިފި އެވެ.
ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން އިޒްރޭލުގެ އެތެރެއިންނާއި ބޭރުން ވެސް ފިއްތުންތައް އިތުރުވެފައި ވިޔަސް އިތުރު ރިޒާވް ސިފައިން ވެސް ނެރެ އިޒްރޭލުގެ އަސްކަރިއްޔާއިން ގެންދަނީ ހަމަލާތައް ވަރުގަދަކުރަމުންނެވެ.
ބާރަ ބުރީގެ އިމާރާތެއް ކަމަށްވާ މުޝްތަހާ ޓަވަރު ބިމާ ހަމަކޮށްލީ "ހަމާސްގެ ޓެރަރިސްޓް ހަރަކާތްތައް ޣައްޒާ ސިޓީގެ އިމާރާތްތަކުގެ ތެރޭގައި އަދި ހާއްސަކޮށް އުސް އިމާރާތްތަކުގެ ތެރޭގައި ހިންގާކަން އެނގޭ" ކަމަށާއި އެހެންވެ "ކުރިއަށް އޮތް ދުވަސްތަކުގައި" އެފަދަ އިމާރާތްތަކަށް ހަމަލާދޭނެ ކަމަށް ބުނެ ބަޔާނެއް ނެރުނުތާ ގަޑިއެއްހާއިރު ފަހުންނެވެ.
މުޝްތަހާ ޓަވަރަށް ހަމަލާ ދިނުމުގެ ކުރިން، އެތަނުގެ ކައިރީގައިވާ ރެފިއުޖީ ކޭމްޕެއްގެ މީހުން އެ ދިމާލަށް ބަލަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ
އޭއެފްޕީގެ ފުޓޭޖްތަކުން ފެންނަ ގޮތުގައި ޣައްޒާ ސިޓީގެ އަލް ރިމާލް އަވަށުގައި ހުންނަ މުޝްތަހާ ޓަވަރު ބިމާ ހަމަކޮށްލީ އިމާރާތުގެ ބުޑަށް ދިން ވަރުގަދަ ހަމަލާއަކުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އިމާރާތް ވެއްޓި ދުމާއި ހިރަފުހުން މުޅި ހިސާބު ފުރިގެން ދިޔަ އެވެ.
Israeli forces attacked and destroyed the 12-storey Mushtaha Tower in Gaza City on Friday, after giving just 15 minutes’ warning for Palestinians to evacuate the area.
— Al Jazeera English (@AJEnglish) September 5, 2025
The building is located near a displacement camp where Palestinians are sheltering in tents. pic.twitter.com/9pwpA6MKR2
އިޒްރޭލުގެ ހަމަލާގައި އިމާރާތް ގޮވައި ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް
އިޒްރޭލުން ބުނީ އެ އިމާރާތް ގޮއްވާލީ އިޒްރޭލު ސިފައިންނާ ދެކޮޅަށް ހަމަލާ ދިނުމަށް ހަމާސް އިން އެ އިމާރާތުގެ ބޭނުންކުރާތީ ކަމަށެވެ. އަދި އާންމުންނަށް ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅި ކަމަށާއި ކުރިއާލައި އިންޒާރު ދިން ކަމަށް ވެސް ބުންޏެވެ.
މުޝްތަހާ ޓަވަރަށް އިޒްރޭލުން ހަމަލާ ދިން ވަގުތު: ހިނދުކޮޅެއްގެ ތެރޭގައި އިމާރާތް ވަނީ ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ
މަންޒަރު ދުށް ބައެއް އާންމުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި އިޒްރޭލުގެ އިންޒާރާ ގުޅިގެން އިމާރާތުން އާންމުން ނުކުންނަށް ލިބުނީ ކުޑަ އިރުކޮޅެކެވެ. އަތުން ހިފައިގެން ގެންދެވޭ ސާމާނުތަކާ އެކު މީހުން ނުކުމެ ނިމުނުތާ ބައި ގަޑިއެއްހާއިރު ތެރޭ އިމާރާތަށް ހަމަލާ ދިން ކަމަށް އާންމުން ބުންޏެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ހަމަލާ ދިނީ އާންމުން އުޅޭ އިމާރާތަކަށް ކަމަށާއި މިއީ ޣައްޒާ ސިޓީން މީހުން ނިކުމެގެންދާން މަޖުބޫރުކުރުވަން އިޒްރޭލުން ހިންގާ އަމަލެއް ކަމަށެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާދޭތާ ދެ އަހަރުވާން ގާތްވެފައި ވާއިރު ގާތްގަނޑަކަށް 65،000 މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލައިފަ އެވެ. ސިވިލް ޑިފެންސް އެޖެންސީން ބުނީ އިއްޔެ ވެސް ޣައްޒާ ސިޓީން 19 މީހަކާއި މުޅި ޣައްޒާއިން، އެންމެ މަދުވެގެން 42 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy