އައްޑޫ ހޮސްޕިޓަލް: ކަރަންޓުގައި ޖެހުނު މީހާއަށް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން..-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ސެޕްޓެމްބަރ 2025 - 10:39
އައްޑޫގައި ކަރަންޓު ކޭބަލެއް ބުރިކޮށްލަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު މީހާގެ ހާލު ސްޓޭބަލް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ފޭދޫގައި ހުންނަ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވެގެންނެވެ.
އެ ހާދިސާގައި ކަރަންޓު ކޭބަލް ބުރިކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި ވަރަށް ބޮޑަށް އަނިޔާވި އެވެ. އޭނާގެ ގައިގެ ބައެއް ފިހި، ބޯފަޅައިގެންދިޔަ އެވެ.
އޭނާއަށް ފަރުވާދޭން އެންމެ ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. އެކަމަކު އެތަނުގައި ކަރަންޓް ނެތިގެން ގެންދަން ޖެހުނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ފިރިހެން މީހާގެ ހާލު ސްޓޭބަލް ކަމަށާއި އެހެންވެ އިތުރު ފަރުވާއަށް މިވަގުތު މާލެ ނުގެންދަން ނިންމާފައިވާ ކަމަށެވެ. އޭނާގެ ގައިގެ ބައެއް ފިހިފައިވާ ކަމަށް ވިދާޅުވިޔަސް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
އައްޑޫ ކަރަންޓު ކޭބަލަކަށް ގެއްލުން ދިނުމުގެ ސަބަބުން މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ދެވުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.
މި މައްސަލައާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހޭ ކަންކަން ކަމަށެވެ. މިއީ، މި ކަހަލަ އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ބައިވެރި ނުވާ އެންމެންގެ ހަށިގަނޑާއި ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަކަށް ވާތީ، މި ކަހަލަ އަމަލުތައް ނުހިންގަން އިލްތިމާސްކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މާލޭގައި ވެސް ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަތައް ދޭތެރެއަކުން ރިޕޯޓްކުރެ އެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަންކުރުމުގެ މައްސަލަ ވެސް ބޮޑެވެ. އެއް ހާދިސާއެއްގައި ވަނީ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 September 2025
ތިކަހަލަ މީހުން ޖަލުގަ ނުބޭއްވެއްޏާ ދިގުމުއްދަތަކަށް ސްޓޭބަލްކޮން އެޑްމިޓްކޮށްފަ ނަމަވެސް ބާއްވަބަލަ.
ހޫހާހީ
07 September 2025
ދެން އަނެއްކާ ހާލު ރަނގަޅުވީމަ އަލުން ކޭބަލް ބުރިކުރަން ދޫކޮއްލާ އަވަހަށް
އެލެކްޓްރިކް
07 September 2025
އަނެއްކާ ކަރަންޓުގަ ޖެހުނީ އަހަރެމެންގެ އޮނަރަބަލް ތަ؟ އެސޮރުގެ ކޮމެންޓެއް ނުފެނޭ ތިޔަ ހާދިސާ ހިނގިފަހުން!