ސިވިލް ސާވިސްގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެއަށް ބަޔަކު ވަންދަން ދަނީ: އާއިލާގެ މީހުންގެ ބަލިތަކާ ގުޅިގެން ހާއްސަ ޗުއްޓީއެއް ދޭން މިހާރު ވަނީ ނިންމާފައި. -- ފޮޓޯ: މިހާރު
15 ސެޕްޓެމްބަރ 2025 - 10:46
އާއިލާ މީހަކު ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާ ނަމަ، 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވައިދު އިއްޔެ އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އެ ކޮމިޝަންގެ ގަވައިދަށް 13 ވަނަ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހުގައި ވަނީ، ގަވައިދުގެ 188 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 2 ވަނަ ނަމްބަރުގައި ބުނެފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެ ނަމަ އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
އެއަށް ކިޔަނީ "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" އެވެ.
އެ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައި ބުނާގޮތުން، ބަލިވުމުގެ ސަބަބުން މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ ގަޑިއަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ނަމަ ސަލާމުގެ ޗުއްޓީ ދޭންޖެހޭނެ އެވެ. އަދި އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑިއަށް ނުވަތަ ރަސްމީ ގަޑި ފެށޭތާ ލަސްވެގެން އެއް ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އެކަން އެންގުމުން ސަލާމުގެ ޗުއްޓީ ދޭންޖެހޭނެ ކަމަށް ދެ ވަނަ މާއްދާގައި ބުނެ އެވެ.
ސަލާމުގެ ޗުއްޓީ ދިނުމުގައި ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިއަސް ސަލާމުގެ ޗުއްޓީ ދެވޭނެ އެވެ.
އެކަމަކު، ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ ހޯދުމަށް، އެ ބަލި މީހަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހެއް ކަމާއި ބަލީގެ ވައްތަރާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓް ނުވަތަ ސެޓްފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހޭނެ އެވެ.
އެ ޗުއްޓީ އެއްވެސް މީހަކަށް ދޭނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނަށް ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މުވައްޒަފެއްގެ އާއިލާ މީހަކު ބަލިވުމުން ހާއްސަ ޗުއްޓީއެއް ދޭ ގޮތަށް އުސޫލު ބަދަލުކުރިއިރު، ސިވިލް ސާވެންޓަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދުމަށް މިހާރު ވެސް މުސާރަ ލިބޭ ގޮތަށް 60 ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ.
އެ ކޮމިޝަނުން ވަނީ، މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭނެ ހާލަތްތަކާ ގުޅޭ މާއްދާއަށް ވެސް އިސްލާހު ހުށަހަޅައިފަ އެވެ.
އޭގައި ބުނެފައިވަނީ މުވައްޒަފަށް ދިމާވާ ސިއްހީ ހާލަތަކާ ގުޅިގެން އެ މުވައްޒަފަށް ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދިއްޖެނަމަ އެ މީހަކު ވަޒީފާއިން ދޫކޮށްލެވޭނެ ކަމަށެވެ. އެ ހާލަތުގައި މުވައްޒަފަށް ވަޒީފާ އަދާކުރުމަށް ނުކުޅެދޭ ކަމުގައި ބަލާނީ އެކަން ބަޔާންކޮށް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ސޮއިކޮށް ލިޔުން ދޫކުރާ ތަނުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި ރާއްޖެއިން ބޭރުގެ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމެއްނަމަ އެ ފަރާތަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒެއްގެ ސިއްހީ މަސައްކަތްތެރިއެއްކަމުގައި ވާންޖެހޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަ
17 September 2025
5 އަހަރުގެ ދައުރު ފެށިގެން ނިމެންދެންވެސް ސިޔާސީ މީހުންލުމުގަ، ކޮންމެ ގަވާއިދެއް ހެދިޔަސް ސިވިސް މުވައްޒަފުންނަށް މުސާރައެއް ބޮޑެއް ނުކޮށްދޭނެ، ދެތިން މީހުން ކަޑާފަ ޕީއެންސީ އަށް ސޮއިކޮށްލާ އެކްޓިވިސްޓަށް މަސައްކަތްނުކޮށް މުސާރަދޭ ސިޔާސީ މަގާމެއް، ކަޑާ މީހުންގެ ބަދަލަށް މީހުނެއް ނުނަގާ، ސިވިލް ސްޓާފުންނަށް އެހާ ބުރަ
އަސޭލާ
16 September 2025
ތިކަންތިގޮތަށް ކުރީމަ އާއިލާއިން އެކަކު ބަލިވީމަ ސަރުކާރު ވަޒީފާ އަދާކުރާ އެއާއިލާގެ އެންމެންނަށް ޗުއްޓީލިބޭނެތާދޯ އަދި އެޗުއްޓީނަގާމީހާ ނޫނީ ބަޔަކު އެބަލިމިމީހާ ބަލާތޮއާ އެބަލިމީހާ ބޭސްފަރުވާއަށް. ކޮންމެތާކަށް ދިޔަޔަސް އެޗުއްޓީ ނަގާބަޔަކު ނޫނީ އެމީހާ ބަލިމީހާޔާއެކު ދޭތޯ ސަރުކާރުން ބަލަންޖެހޭނެ ތިޔައީ 1912 ވަނަ އަހަރުގެ ބޯދާ ގަވަދެއް
އ ސައީދު
15 September 2025
ވާނުވާ ކިޔާ ޗުއްޓީ އެއްވެސް ސިވިލް މީހުން އެބަ ނަގާ! ދެދުވަހު ސަލާން އަނެއް ދުވަހު ބަލި!އަނެއް ދެދުވަހު އަނެއްކާ ސަލާމް! ދެން އަންނާނީ ހަފްތާ ބަންދު!
ޢޭންޖަލް
15 September 2025
ޓީޗަރުން ނަރުހުން ޑޮކްޓަރުން މީގެ ޗުއްޓީއެއް ނަގައިފިއްޔާ 30 ދުވަހުގެ އެޓެންޑަންސް އެލަވަންސް ނުލިބޭނެ. އެއީ ވަރަށް ބޮޑު އެެއްޗެއް ގެޔަށްގެންދާ މުސާރައިން. އެހެންވީމަ ނެތް ތި ޗުއްޓީވެސް ނެގޭކަށް
ފަލިސަފާ
16 September 2025
ތިޔާ ދެން އަމިއްލަ ކަމެއްނު. އަސާސީ މުސާރަވެސް ބޮޑު އިރު، ލިބޭ އިނާޔަތްތައް އަދި އެޔަށްވުރެ މާ ބޮޑީ ކަމަށް ފެންނަނީ.
ހިންނަ
15 September 2025
ޙާމަ333 ގެ ކޮމެންޓަށް ހަމަ ވަރަށް ތާއީދު. މާސްޓަރސް ލެވެލްގެ ޑިރެކްޓަރަކަށްވެސް ގެއަށް ގެންދަން މި ލިބެނީ 16000 ހާ ރުފިޔާ. ސިޔާސީ މަގާމުތަކުގަ ތިބި މީހުންގެ މުސާރަ ބަލާބަލަ. ކޮމްޕެނީތަކުގެ އެމްޑީން އަދި ޑީ އެމްޑީން ގެ މުސާރަޔާ. ޚިދުމަތް ރަނގަޅުކުރެވޭނީ މޮޓިވޭޓްވާނެ ކަމެއްވެސް އޮތީޔާ
ޙާމަ333
15 September 2025
ސިވިލްސާވިސް އޭ ބުނެފިއްޔާ ކެކޭނެ ބައިގަނޑެއް މިގައުމުގަ އޮންނާނެ..ޒާތީވެ ހަސަދަ ވެރިވާ ބައިގަނޑެއް އުޅޭނެ...އެހެނެއްނޫން ޑޮކްޓަރުން ނަރުހުން ޓީޗަރުން އެކަނި ވަޒީފާގަ މުސާރަވެސް އެހެނިހެން އިނާޔަތްތައްވެސް ލިބެންޖެހޭނީ އެމީހުންގެ ވިސްނުމުގަ އޭތި އޯކޭ ދެން ދޮޅުލާރި ދީފަ މަސައްކަތްކުރުވާ ބަޔަކު ލައްވައި 5 ސްޓާ ފެންވަރު ހިދުމަތަށް މިމީހުން އެވަރުންވެސް އުއްމީދުކުރޭ
ގެދޮރޭ
15 September 2025
ޕްރައިވެޓް ސެކްޓަރ ގަވެސް އުޅެނީ އިންސާނުން. އެހެންވީމަ ގާނޫނު ވެސް އޮންނަނީ އެމީހުންވެސް ހިމެނޭގޮތަށް ހަދާފަ. އެކަމަކު ކޮންމެވެސް ބައެއްގެ ނުފޫޒުން ޕްރައިވެޓް ސެކްޓަރގެ މީހުންނަށް މިފަދަ އިނާޔަތްތައް ލިބުނަނުދެނީ. ގިނަފަހަރަށް ބޮޑެތި ވިޔަފާރިވެރިން ސަރުކާރާ ގުޅިގެން އެކަން ކުރަނީވެސް. ގެޓް ދޯ މި ބުނި އެއްޗެއް? އެނގޭނު މިހާރުވެސް ބައެއް ވިޔަފާރިވެރިން އުޅޭ ގޮތް?
ސާދަ
15 September 2025
އެއްބަޔަކު ވައިބާރ އިން އެޓެންޑެންސް ފޮނުވާފަ ބޮޑެތި މުސާރަ ކަމުންދާ ދުވަސްވަރެއްގައި މީތި ގޯހެއްނޫން.
އަޅި އަލީ
15 September 2025
ދަތުގަ ރިއްސާތީ ނެގޭނެ ޗުއްޓީއެއްވެސް ހަމަޖައްސާލި ދެއްވި ނަމަ ވަރަށް އުފާވާނެ!
ސޯޅަ
15 September 2025
އަނެއް ބާގަޑު ތި އުފެއްދީ. ޓީޗަރުން ތި ޗުއްޓީގެ ބޭނުން ހިފައިގެން ސްކޫލްތަކަށް ވާނީ ކިހިނެއްބާ؟
ކިޔާ އަޑުއެހިން
15 September 2025
ޅ.އަތޮޅު ރަށެއްގައި މުވައްޒަފަކު ސަލާމް ބުނެފަ އެދުވަހު ރަށުތެރެއިން އެމުވައްޒަފު ފެނިއްޖެއްޔާ އެމުވައްޒަފެއްގެ ސަލާމް އެއް ވެރިއާ އެޕްރޫވެއް ނުކުރެއޯ
ސުވާލި
15 September 2025
ޓީޗަރުންގެ ވިއްޔާ އާއިލާއެއް ނޯންނަނީތަ ؟ ޓީޗަރުންކުރަމުންދާ ބުރަ މަސައްކަތް ހިތަށް އިހުސާސް ނުވަނީބާ؟