މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އެ ޖަލްސާގައި ބައެއް ބޭފުޅުން އޮންލައިންކޮށް ވެސް ބައިވެރިވެވަޑައިގަތް.-- ފޮޓޯ: ސިޓީ ކައުންސިލް
18 ސެޕްޓެމްބަރ 2025 - 19:54
މާލިއްޔަތު ގަވާއިދާ ހިލާފު ކަމަށް ބުނެ ކައުންސިލަރުން ތިއްބަވާ މާލޭ ސިޓީ ކައުންސިލުގެ ޕްރޮޕޯސަލް ބިޑު އިވެލުއޭޝަން ކޮމިޓީ އުވާލައި އެ ކޮމިޓީގެ ބަދަލުގައި ލަފާދޭ ކޮމިޓީއެއް ހަދައިފި އެވެ.
ހަތަރު ކައުންސިލަރަކާއި ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ބިޑް އިވެލުއޭޝަން ކޮމިޓީއެއް ކައުންސިލުން ހެދީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ ސިޓީ ކައުންސިލަށް ބިޑު ކޮމިޓީއެއް ނުހެދޭނެ ކަމަށާއި އެކަމަކު ބިޑަށް ލަފާދޭ ކޮމިޓީއެއް ހެދޭނެ ކަމަށެވެ. އެހެންވެ، އޭނާ ހުށަހެޅުއްވީ ބިޑުތަކަށް ލަފާދޭ ކޮމިޓީއެއް ހެދުމަށެވެ.
އެކަމާ ގުޅިގެން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލުން އުފެއްދި ކޮމިޓީން ބިޑު އިވެލުއޭޓްނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ޑޮކިއުމަންޓެއް ތައްޔާރުކުރާނީ ޕްރޮކިއުމަންޓުން ކަމަށާއި ކައުންސިލުގައި އޮންނަ ބިޑު އިވެލުއޭޓް ކޮމިޓީން ލިޔެކިޔުންތައް އިވެލުއޭޓްކޮށް ނިމުމުން އެ ކޮމިޓީން އިވެލުއޭޓްކުރި ގޮތް ބަލައި އެކަން ހިނގާފައި އޮތީ ރަނގަޅަށްތޯ ޕްރޮޕޯސަލް ބިޑު އިވެލުއޭޝަން ކޮމިޓީން ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެންނާ ހަމައަށް އައުމުގެ ކުރިން އިތުރު ސްކްރީނެއް މި ގެންދަނީ. އަދި އަޅުގަނޑުމެންނާ ހަމައަށް އައިމަ އަޅުގަނޑުމެން މިކޮޅުން އެއްޗެހިތައް ބަލާފައި ލަފާދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެ ކޮމިޓީގެ ބޭނުމަކީ ބިޑު މަރުހަލާ ކުރިއަށްދާ ގޮތާއި ދެވޭނެ ލަފާތައް ބެލުމެވެ.
"އެހެންވީމަ ހަމަ ސީދާ މިތާ އޮންނަ އިވެލުއޭޝަން ކޮމިޓީން ނިންމާލާފައި މިއޮތީ މިއޭ ކިޔާފައި ބަޔަކަށް ދިނުމުގެ ކުރިން އަޅުގަނޑުމެން އެކަން ބަލާފައި ކުރަން އެ ކޮމިޓީ ހެދީ... ބައެއް ފަހަރު މިތަނުގައި [ކައުންސިލުގައި] އެބަ ބުނޭ ކާކަށް ކަމެއް ދިނީ. ކިހިނެއް ކަމެއް ހިނގީ. އެކަމަކު ޕްރޮޕޯސް މިކުރީ ހަތަރު މަރުހަލާގައި އެކަން ދާގޮތް ބަލަން. އާހިރުގައި މި ޒިންމާވަނީ ކައުންސިލު. އެހެންވީމަ ކައުންސިލަށް އެނގެންޖެހޭ ރަނގަޅަށްތޯ މިކަން ކޮށްފައި އޮތީ،"
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް.
މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ފާތިމަތު އިޝާން އަލީ ވިދާޅުވީ މާލިޔަތު ގާނޫނު އޮންނަ ގޮތުން ބިޑު ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ސިޔާސީ މަގާމެއް އަދާކުރަމުންދާ ފަރާތްތަކާއި އިންތިހާބުވެގެން ހޮވިފައިވާ ފަރާތްތަކާއި ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް މަސްއޫލިއްޔަތުތަކާ ހަވާލުވެގެން ހުރި އެއްވެސް މީހަކު އައްޔަންކޮށްގެން ނުވާނެ ކަމަށެވެ.
އެހެންވީމަ މިހާރު އޮތް ކޮމިޓީގެ ނަން ކަމުނުދާ ކަމަށާއި އެކަމަކު ލަފާ އަރުވާ ކޮމިޓީއެއް އެކުލަވާލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ވިދާޅުވީ އެންމެ ފުރަތަމަ ބިޑު ކަނޑާ ބަޔަކަށް ކައުންސިލަރުން ވެގެން ނުވާނެ ކަމަށާއި އެއީ ގާނޫނުން ތަންދޭ ކަމެއް ނޫން ކަމަށެވެ. އިވެލުއޭޝަންގެ މަސައްކަތް ކުރަންވާނީ ސިވިލް ސާވަންޓުން ކަމަށް ސައިފް ވިދާޅުވި އެވެ.
"ފުރަތަމަ ބިޑެއް ކަނޑައިގެން އެމީހުން ހުށަހަޅާފައި ހުރި އެއްޗެހި ބަލަމުންދާނީ އިންތިހާބީ މީހުނެއް ނޫން. އެއީ މާލިއްޔަތު ގާނޫނުގެ އަދި ގަވާއިދުގެ ރޫހާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވީ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލަކަށްވާތީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމީޓިގެ މުގައްރިރާއި ނައިބް މުގައްރިރަކީ ވެސް ޕީއެންސީގެ މެމްބަރުން ކަމަށް ކަނޑައެޅުމަށް ހުށަހަޅުއްވައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އެ ޖަލްސާގައި ބައެއް ބޭފުޅުން އޮންލައިންކޮށް ވެސް ބައިވެރިވެވަޑައިގަތް.-- ފޮޓޯ: ސިޓީ ކައުންސިލް
އެހެންވެ، އެ ގޮތަށް ކަނޑައަޅައި ވޯޓަށް އަހަން ކައުންސިލަރުން އެދުނު ނަމަވެސް މޭޔަރު ވަނީ ދެން އޮންނަ ޖަލްސާއެއްގައި އެ ކޮމިޓީއަށް ނަންތަކެއް ހުށަހަޅުއްވާނެ ކަމަށާއި އެ ލިސްޓު އެކުލަވާލާނީ ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ކައުންސިލަރު ނަހުލާ ވަނީ އެ ކޮމިޓީއަށް ހަތް މެމްބަރުންގެ ނަން ހުށަހަޅުއްވައިފަ އެވެ. އެއީ؛
- ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް
- މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ފާތިމަތު ޝައުފާ ސަލީމް
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަހުމަދު ރިޝްވާން ރަޝީދު
- މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ފާތިމަތު އިޝާން އަލީ
- ވިލިމާލެ ދާއިރާ ނަހުލާ އަލީ
އެ ނަންތައް ހުށަހެޅުއްވުމުން ވެސް އާޒިމް ވިދާޅުވީ ދެން އޮންނަ ޖަލްސާއަކަށް ޑެޕިއުޓީ މޭޔަރާ މަޝްވަރާ ކުރެއްވުމަށް ފަހު ނަންތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. އެކަމަކު މޭޔަރު އެހެން ވިދާޅުވުމާ އެކު ޖަލްސާގައި ބައިވެރިވެވަޑައިގަތް މެމްބަރުން އަޑުގަދަކުރަން ފެއްޓެވި އެވެ. ހުށަހެޅުމެއް ލިބުމުން ވޯޓަށް އަހަން ޖެހޭނެ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވި އެވެ.
އެ މައްސަލާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ އައިމަން ވިދާޅުވީ ޕްރޮޕޯސަލް ބިޑު އިވެލުއޭޝަން ކޮމިޓީއެއް ފާސްކުރީ މެމްބަރުންގެ ވޯޓުން ކަމަށާއި އެ ދުވަހުގެ ބައްދަލުވުމުގައި އެ ކޮމިޓީ ފާސްކުރިއިރު އެފަދަ އެއްވެސް މައްސަލައެއް ޖައްސާފައި ނުވާ ކަމަށެެވެ.
"ހަމަ ބަޔަކު އެއްޗެއް ލާއިރަށް އެއަށް އަތް ނަގާފައި ވޯޓު ދިނީމަ ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ސުވާލުކުރެއްވީ، އެންމެ ކައުންސިލަރަކު ބޭނުންވާ ނަންތަކެއް ނަގައިގެން ކޮމިޓީއެއް ކަނޑައަޅައި ވޯޓަށް ނޭހޭނެ ކަމަށާއި އެއީ ކޮން އުސޫލެއްގެ ދަށުން ކުރެވޭ ކަމެއްތޯ އެވެ.
އެކަމަކު އޭގެ ފަހުން ޑެޕިއުޓީ މޭޔަރު ޖަލްސާއަށް ވަޑައިގެންނެވުމުން ނަހުލާގެ ހުށަހެޅުމަށް ވޯޓަށް އެހި އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގަތް 15 ބޭފުޅުންގެ ތެރެއިން 7 ބޭފުޅަކު އެކަމަށް ތާއީދު ކުރެއްވުމުން، އެ ހުށަހެޅުން ފާހެއް ނުވެ އެވެ.
އެ ކޮމީޓީގައި އަރީޝް އިންނަވަން ބޭނުންނުވާތީ އޭނާގެ ބަދަލުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު ހަސަން ނިޒާމު ކޮމިޓީއަށް ލުމަށް ހުށަހެޅި ހުށަހެޅުމަށް އަށް ވޯޓާ އެކު އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުބެގެ ބެއްޔާ
19 September 2025
ކައުންސިލަރުންނަކީ ބިޑިން ޕްރޮސެސް އަދި އިވެލުއޭޝަންގެ ތެރެއަށް އެއްވެސް ހައިސިއްުޔަތަކުން ވަންނަންޖެހޭ ބައެއްނޫން.
ލަފު
19 September 2025
ލަދެއް ނެތޭ ދޯ
ކޮރަލް
19 September 2025
އާޒިމް އަކީ ހިންގުން ތެރި އެކެވެ. އެކަން އެމްޓީސީސީ އިން ވެސް ވަނީ ދައްކާ ފަ އެވެ.
ބުރިބެ
19 September 2025
އޮޅުވާލައިގެން
ބޮޑުބެގެ ބެއްޔާ
19 September 2025
ކައުންސިލަރުން ލަދުގަންނަން ޖެހޭ. މާލިއްޔަތު ގާނޫނު ނަގާ އޮޅާލައިގެން ތިޔަ ތިބެނީ. އަނެއްކާ އެންޓިކަރަޕްޝަން ކޮޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަންވެސް ގަދަ ނިދީގަ.
އުވާލާ
19 September 2025
މާލެ ސިޓީ ކައުންސިލް ގާނޫނަކުން އުވާލާ އެއީ ވެރިކަން ކުރާ ރަށަކަށް ބޭނުން ބަޔެއް ނޫނޭ
އަފްރާސިޔާބު
18 September 2025
އަދި ކިރިޔާ ރަނގަޅުކަމެއް ތިޔަކޮށްލެވުނީ. މިހުރިހާ ޒަމާނެއްވާންދެން ގާނޫނާ ޚިލާފަށް ބިޑު އިވެލުއޭޓް ކޮށް ހެދިކަން އަދި ކިރިޔާ ފަޅާ އެއެރީ. އާދަމް އާޒިމު ގަދައޭ. ސަރުކާރުގައި ދަންނަވައިގެން އުވާލިކަން. މަށަށްފެންނަނީ ސިޓީ ކައުންސިލްތައް އުވާލަން. ގާނޫނާ ޚިލާފަށް އެކަންކުރިމީހުންނަށް ދެން އޮންނާނީ ކޮންއަދަބެއްބާ؟