21 ސެޕްޓެމްބަރ 2025 - 08:59
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މެޑިކަލް ކޮމިޓީ އަށް ރާއްޖޭގެ ތަޖުރިބާކާރު ސްޕޯޓްސް ޑޮކްޓަރު އަހުމަދު ޝަކީބް (ޑޮކް) އައްޔަންކޮށްފި އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ، އޭޝިއާގެ ވޮލީބޯޅައިގެ އެންމެ ބޮޑު ޖަމިއްޔާގެ އެ ކޮމިޝަނަށް ޝަކީބް އައްޔަންކުރީ މި މަހު 6 ވަނަ ދުވަހު ތައިލެންޑުގައި އޮތް އޭވީސީ ބޯޑް އޮފް އެޑްމިނިސްޓްރޭޝަނުގެ ބައްދަލުވުމުގައި ކަމަށެވެ.
ޝަކީބް ބުނީ މި ކޮމިޓީގައި އޭނާ ހިމެނުމަކީ ލިބުނު ޝަރަފެއް ކަމަށާއި، ވީއޭއެމް އިން އޭނާ އަށް ކުރި އިތުބާރާއި، ދިން ސަޕޯޓާއި، ހިތްވަރު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.
މި ކޮމިޓީ އަށް ޝަކީބް އައްޔަންކުރުމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ވިދާޅުވެފަ އެވެ.
ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރައްވާފައިވާ ޝަކީބަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސްޕޯޓްސް ޑޮކްޓަރެވެ. އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޝަކީބް ވަނީ 1997 ވަނަ އަހަރުން ފެށިގެން ފަހަކާ ޖެހެންދެން ގައުމީ ޓީމަށް ވެސް ހިދުމަތްކުރައްވައިފަ އެވެ. ގައުމީ ޓީމުން ފުޓްބޯޅައިގައި ހޯދި ބޮޑެތި ހުރިހާ ކާމިޔާބީތަކެއްގައި އޭނާގެ ހިއްސާ ބޮޑެވެ.
ފީފާ ފުޓްބޯލް މެޑިސިން އިން ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ޝަކީބް ވަނީ، އޭއެފްސީ އެލީޓް މެޑިކަލް އޮފިސަރު ކޯހާއި އޭއެފްސީ ޓީމު ފިޒިކްސް ޕްރޮގްރާމްގެ އިތުރުން އެޑްވާންސް ކާޑިއޯވާސްކިއުލާ ލައިފް ސަޕޯޓް ކޯސް ވެސް ފުރިހަމަ ކުރައްވައިފަ އެވެ.
ފަހުން އޭނާ އަންނަނީ ކުޅިވަރުގެ އިދާރީ ހިންގުމުގެ ތެރޭގައި ވެސް އުޅުއްވަމުންނެވެ. އެގޮތުން އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމް ވަނީ ފުރުއްވާފައިވެ އެވެ. އަދި ފީފާ އިން 2015 ގައި އެފްއޭއެމަށް އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގައި ވެސް ހިމެނިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންފަންޓީނިޔޯ
21 September 2025
ތީ މިހާރު ނަޒާހަތްތެރި ބޭފުޅެއް ނޫން، ކޮރަޕްޓް ޑޮކްޓަރެއް ތީ!
ނިލް
22 September 2025
ތިބޭފުޅާ އަމިއްލަ ނަފުސަށް ވިސްނާލާފަ ބުނެބަލަ ކިހާ ނަޒާހަތްތެރި ބޭފޫޅެއްތޯ ތީ... އެހެންނޫނަސް ތިމާ ނުރުހޭ ކޮންމެ މީހަކީ ކޮރަޕްޓް މީހެކޭ ކިޔާއިރު ތިމާ ހުރި ހާލު ވިސްނަބަލަ.. އަދިވެސް އެހެންމީހުންނަށް ގުދޯ ގުދޯ ނުގޮވާ ތިމާގެ ނަފުސު އިސްލާހުކުރޭ..