މާލޭގެ މޭޔަރު އާދަމް އާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 އޮކްޓޯބަރ 2025 - 12:43
މާލެއިން ބިމެއް ދޫކުރާ ނަމަ، މީގެ ފަހުން އެކަން ކުރާނީ ހުރިހާ ކައުންސިލަރުންނަށް ވެސް އެނގޭ ގޮތަށް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ލޭންޑް އޮޑިޓަކީ ލާމަރުކަޒީ ގާނޫން ކުރަންޖެހޭ ކަމަކަށް ވިޔަސް އެ މަސައްކަތް ނިންމީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ބިންތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު ވަނީ އެކުލަވާލައިފަ އެވެ. އަދި 18 މެމްބަރުން ކައުންސިލުގައި ތިއްބެވިއިރު އެ ބޭފުޅުން އެދިވަޑައިގަތީ ކައުންސިލަރުން އެ މައުލޫމާތުތައް ބަލައި އެކަން އާންމުންނަށް ހިއްސާކުރަން ކަމަށެވެ.
އާޒިމް ވިދާޅުވީ ބިންތަކާ ގުޅިގެން ހިއްސާކުރެވޭނީ ކޮން މައުލޫމާތެއްތޯ އާއި ގާނޫނީ ގޮތުން ހިއްސާކުރެވޭނީ ކޮން މައުލޫމާތެއްތޯ ބެލުމަށް ކައުންސިލުން ލަފާދޭ ކަމަށެވެ. އަދި ކައުންސިލުގެ ލަފައަކީ މުހިއްމު އެއްޗެއް ކަމަށާއި ކައުންސިލު ހިންގަމުން ދަނީ ކައުންސިލުންދޭ ލަފާގެ މަތިން ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލަރުންނަށް އެ މައުލޫމާތުތައް ހިއްސާކޮށް ނިންމުމަށް ފަހު، އާންމުންނަށް ހިއްސާކުރެވޭނެ ވަކި ތާރީހެއް އެނގިވަޑައެއް ނުގަންނަވަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކައުންސިލަރުން އެ މައުލޫމާތު ބަލަމުންދަނިކޮށް މައްސަލަތަކެއް ފާހަގަވެއްޖެ ނަމަ، އެކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށާއި އާންމުންނަށް ހިސާބަށް ފޯރުކޮށްދޭން ޖެހޭނީ ރަނގަޅު މައުލޫމާތު ކަމަށްވާތީ ކަމަށެވެ.
"އެބޭފުޅުން އެދުނީ ތިމަނަންމެންނާ އެކީގައި އޭތި ގޯތުރޫކޮށް ނިންމާފައި ދެން ހިނގާށޭ ހިއްސާކުރަން. އެއީ މި އަންނަ ހަފުތާއޭ އަޅުގަނޑަށް ނުކުރޭނެ ބުނާކަށް [އާންމުކުރެވޭނީ]. މިސާލަކަށް އެބޭފުޅުން ގޯތުރޫކުރަނިކޮށް އެބޭފުޅުން ފާހަގަކޮށްފާނެ ކަންތައްތަކެއް ވެސް. މިކިޔަނީ ވަރަށް ބައިވަރު މައުލޫމާތުގެ ވާހަކަ. އެހެންވީމަ ރަނގަޅު މައުލޫމާތު ޕަބްލިކަށް ގެންދެވޭނީ ވީހާވެސް ގިނަ ލޯތަކަކުން ބަލައިގެން ކަމަށް ފެންނާތީ އަޅުގަނޑު ވެސް ބުނިން އާއެނކޭ،" އާޒިމް ވިދާޅުވި އެވެ.
އެހެންވެ އާޒިމް ވިދާޅުވީ ރަނގަޅު ގޮތަކީ މަޝްވަރާކޮށްގެން ކުރިއަށް ދިއުން ކަމަށެވެ.
އާޒިމް ވިދާޅުވީ އެ މަސައްކަތް ކުރުމުގެ މައިގަނޑު ބޭނުމަކީ މަގާމާ ހަވާލުވެވަޑައިގަތްއިރު އެންމެ ގަދައަށް އިވުނު އެއް ޝަކުވާކަމަށްވާ ކުދިކުދި ކޮމިޓީތައް ހަދައިގެން ބިންތައް ދޫކުރާ މައްސަލަ ހައްލުކުރުން ކަމަށެވެ.
ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަން ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަހަލަ ކަމެއް ކުރާނަން އެނގިއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ނިންމީ އެ ފުރުސަތު ނުދޭން އެއްވެސް މީހަކަށް. އަޅުގަނޑު ހުންނަ ތަނެއްގައި ވައްކަމާއި ކޮރަޕްޝަނަކަށް ފުރުސަތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޑޕ ކުރިޔަށް
02 October 2025
ސާބަހޭ މޭޔަރު އާޒިމް
ކޮރަލް
02 October 2025
އެމްޑީޕީގެ ވެރިކަމުގަ ނުއަގުގަ ދީފަ ހުރި ބިންތައް ނަގަން ގޮވާލަމެވެ.
އުދުހޭ
02 October 2025
އެއްވެސް އެއްޗެއް ފޮރުވާކަށް ނުޖެހޭ. ހާމަކުރާކަށް ހުއްދައެއް މަޝަވަރާއެއް ކުރާކަށް ނުޖެހޭ މިއުޅެނީ ވައްކަމެއްކުރާކަށެއްނޫނެއްނުން
އޮނަރަބަލް ވަޅުކައްޓޭ
02 October 2025
ކުރީގެ މޭޔަރު ދޫކުރި ގަރާޖުތަކާއި މާލޭން ވިއްކި ބިންތަކުގެ ދަފަތުރު މޭޔަރުކަމާއި ހަވާލުވެ ވަގުތުން ހާމަކުރާނެ ކަމަށް ވައުދުވީމައި ވޯޓުދިނީ. ދެން ވޯޓު ހޯދަން ނާންނާތި.