ދުނިޔެ / ގާޒާ

ދެ އަހަރަށް ފަހު ޣައްޒާއިން ބޮމުގެ އަޑު ކެނޑިއްޖެ، އާންމުން އެނބުރި ވަޒަނަށް

ޣައްޒާގައި މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް މިއަދު މެދުކަނޑާލުމާ އެކު ފަލަސްތީނުގެ އާއިލާއެއް ތުއްތު ކުއްޖަކާއި އެ މީހުންގެ މުދާކޮޅާ އެކު އެނބުރި ވަޒަނަށް ދަނީ: ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރުމާ އެކު އެތައް ހާސް ބަޔަކު ވަނީ އަމިއްލަ ގެދޮރަށް ދާން ދަތުރު ފަށާފައި. -- ފޮޓޯ: އޭއެފްޕީ

10 އޮކްޓޯބަރ 2025 - 20:33

6 comments

ފަލަސްތީނުގެ ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު މިއަދު ހުއްޓާލިކަން އިޒްރޭލުން އިއުލާނުކުރުމާ އެކު ޣައްޒާގެ އާންމުން އެނބުރި ވަޒަނަށް ދާން ފަށައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަކަށް ހަމާސް އާއި އިޒްރޭލު އެއްބަސް ހަމަލާތައް މެދުކަނޑާލާފައި ވާއިރު މިއީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނެވޭނެ އެއްބަސްވުމެއް ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ.

މިފަހަރު ހަމަލާތައް ފެށި ދުވަސް ކަމަށްވާ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިން އިރު ރަހީނުކުރި އިޒްރޭލު މީހުންގެ އާއިލާތަކުން ވެސް ގެންދަނީ އެއްބަސްވުމަށް ދެ ފަރާތުން ކަމޭހިތައި ރަހީނުން އެނބުރި ގެޔަށް ދާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

ޣައްޒާގައި މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް މިއަދު މެދުކަނޑާލުމާ އެކު ފަލަސްތީނުގެ އެތައް ހާސް ބަޔަކު އަމިއްލަ ގެދޮރަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ޖީއެމްޓީން މިއަދު ހެނދުނު 9:00 (ރާއްޖޭ ގަޑިން މެންދުރު ފަހު 2:00) ގައި ވަނީ ހަމަލާތައް ހުއްޓާލައިފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން އެންމެ ފުރަތަމަ ފަހަތަށް ޖެހެންޖެހޭ ހިސާބަށް ފަހަތަށް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭރު ބުންޏެވެ.

އޭގެ ތިން ގަޑިއިރު އިރު ފަހުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ އެއްބަސްވި ހިސާބަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހިއްޖެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު އަދިވެސް އިޒްރޭލުން ފަލަސްތީނު ސަރަހައްދުގެ 53 ޕަސެންޓް ކޮންޓްރޯލްކުރެ އެވެ.

އިޒްރޭލު ސިފައިން ފަހަތަށް ޖެހުމާ އެކު، އެއްބަސްވުމުގެ ދަށުން ދެން ގުނަން ފަށާނީ ހަމާސް އިން އަސީރުކޮށްފައި ތިބި އިޒްރޭލު އެންމެން މިނިވަންކުރުމަށް އޮތް 72 ގަޑި އިރެވެ.

ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމުން ފަލަސްތީނު އަންހެނަކު ބައިސްކަލަކަށް ކުއްޖަކާއި ބައެއް މުދާ އަރުވައިގެން އަމިއްލަ ގެދޮރަށް ދާން ހިނގާފައި އަންނަނީ. -- ފޮޓޯ: އޭއެފްޕީ

މި ވަގުތު ގުނެން ފަށާފައި ވާއިރު އިޒްރޭލުން ވަނީ މި އަސީރުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރާނެ، އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރާ ފަލަސްތީނުގެ 250 މީހުންގެ ލިސްޓު ނެރެފަ އެވެ. މި މީހުންގެ އިތުރުން، ޣައްޒާގެ ހަމަލާތައް ފެށި ފަހުން އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު ވެސް މިނިވަންކުރާނެ އެވެ. އެ މީހުންގެ ލިސްޓު ވެސް ވަނީ ނެރެފަ އެވެ.

ޣައްޒާގެ އާންމުން އުފަލާއި ހިތާމައިގެ ތެރޭ އެނބުރި ވަޒަނަށް

ހަނގުރާމަ އާއި ހައިހޫނުކަމުގެ ތެރޭގައި ހޭދަކުރި ވޭންދެނިވި ދެ އަހަރަށް ފަހު ޣައްޒާގެ އާންމުން ވަނީ ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރުމުގެ ކުރިން ވެސް އެނބުރި ވަޒަނަށް ދާން ދަތުރު ފަށައިފަ އެވެ. ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކުރުމާ އެކު އެތައް ހާސް ބަޔަކު ހިމެނޭ ދިގު ސަފުތައް، ދެކުނު ޚާން ޔޫނިސް އިން، ޣައްޒާގެ އުތުރަށް މިސްރާބުޖެހި އެވެ. އިޒްރޭލުގެ ހަމަލާތަކުގައި އާންމުންގެ ގެދޮރު ސުންނާފަތިކޮށްފައި ވިޔަސް އެނބުރި އަމިއްލަ ވަޒަނަށް ދެވޭ ކަމުގެ ހިތްހަމަޖެހުމާ އެކުގަ އެވެ.

"އަހަރެމެން އެނބުރި މި ދަނީ ޒަހަމްތަކާއި ހިތާމަތަކުން ފުރިފައި ތިބެގެން. އެކަމަކު މި ދުވަސް ދެއްކެވިކަމަށްޓަކައި ﷲ އަށް ހަމްދުކުރަން،" އުމުރުން 32 އަހަރުގެ އަމީރު އަބޫ ލިޔާދާ ޚާން ޔޫނިސްގައި އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޣައްޒާގައި މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް މިއަދު މެދުކަނޑާލުމާ އެކު ފަލަސްތީނުގެ އާއިލާއެއް އެ މީހުންގެ މުދާކޮޅާ އެކު އެނބުރި ވަޒަނަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

އުމުރުން 53 އަހަރުގެ އަރީޖް އަބޫ ސާދިއާ ވެސް އެނބުރި ވަޒަނަށް ދާއިރު އެތަނުގެ ވަށައިގެން ވަނީ ފުނޑުފުނޑުކޮށްލާފައިވާ އިމާރާތްތަކާއި އެނބުރިފައި ހުރި ދަގަނޑުތަކާއި ސިމެންތީގެ ހިރަސްފުސް ވިލާތަކެވެ.

"ހަމަލާތަކުގައި އަހަރެންގެ ފިރިހެން ދަރިއަކާއި އަންހެން ދަރިއަކު ޝަހީދުވެފައި ވިޔަސް ސުލްހައިގެ އެއްބަސްވުމާ މެދު އަހަރެން ވަރަށް އުފާވޭ. ސުލްހައިގެ ސަބަބުން އުފާވޭ، އެނބުރި ވަޒަނަށް ދެވޭތީ އުފާވޭ،" އޭނާ ބުންޏެވެ.

އިޓަލީން ބުނި ގޮތުގައި ޣައްޒާގެ އާންމުންނަށް އެހީގެ ސާމާނު ލިބޭނެ މަގު ތަނަވަސްކުރުން ވެސް އެއްބަސްވުމުގައި ހިމެނޭއިރު ރަފަހް ބޯޑަރުން ޣައްޒާ-މިސްރު ގުޅުވައިދޭ، ފައިމަގުގައި ދަތުރުކުރާ މަގެއް ވެސް މި މަހުގެ 14 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

ޣައްޒާގައި މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް މިއަދު މެދުކަނޑާލުމާ އެކު ފަލަސްތީނުގެ އާންމުން އުފާ ފާޅުކުރަމުން އެނބުރި ވަޒަނަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސް އިން މީގެ ދެ އަހަރު ކުރިން ދިން ހަމަލާގައި އަސީރުކުރި 251 މީހުންގެ ތެރެއިން 47 މީހަކު ދޫކޮށްލާނެ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން ޣައްޒާގައި އަސީރުކޮށްފައި ހުރި މީހެއްގެ ހަށިގަނޑެއް ވެސް ހަވާލުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ވަނީ އިޒްރޭލު ސިފައިންނާއި، ހަތިޔާރު އެޅި އުޅަނދުތައް ޣައްޒާ ސިޓީ އާއި ޚާން ޔޫނިސްގައި ތިބި ހިސާބުތަކުން ފަހަތަށް ޖެހުނުކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އަދިވެސް ބައެއް ހިސާބުތައް އާންމުންނަށް ބަންދުވާނެ ކަމަށާއި އެއީ "އޮޕަރޭޝަނަލް ޕޮޒިޝަން އެޖަސްޓްކުރުމަށް" އަދިވެސް ވަގުތު ނަގާތީ ކަމަށެވެ.

އޭއެފްޕީއާ ވާހަކަ ދެއްކި، ޣައްޒާގެ އެތައް ބަޔަކު ވަނީ އިޒްރޭލު ސިފައިންގެ ފައުޖުތައް މަގާމުތައް ދޫކޮށް ފަހަތަށް ޖެހިފައިވާ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 43%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

11 October 2025

މީސުލްހަވީކީނޫން ހަނގުރާމަހުއްޓާލީކީވެސްނޫން، ގައުމުތަކުގެ ރައްޔިތުން ފަލަސްތީނުގެ ދިފާއުގައި ތެދުވަމުންދާތީ އިތުރުގޮތެއްނެތިގެން އެމެރިކާއާ އިޒުރޭލަށް މަޖުބޫރުވީ މިވަގުތަށްދުލެއްދޭން، މިއެއްބަސްވުމާ އުފާފާޅުކޮށް އެމެރިކާގެ ރައީސްކަމުގައިހުރި ކަލޭގެއަށް ސަނާކިޔާތީ ހާމަވަނީ މުސްލިމުގައުމުތަކުގެ ފިނޑިކަން، ހަމާސްތީހަޑިހާވާބައެއް، މުސްލިމުގައުމުތަކުން ތެދުވެ އެމެރިކާއާ އިޒުރޭލު ހަމަމަގަށްއަޅުވަންލިބުނު ފުރުސަތުގެބޭނުންނުހިފާ ފަސޭހަގޮތް ހިޔާރުކުރީ

The name is already taken The name is available. Register?

ވަގުތު

11 October 2025

2 އަހަރުވީ އިރު ކޮން މުސްލިމު ޤައުމަކުންތޯ ތެދުވެ އިސްރާއިލްއާއި އެމެރިކާ ދެކޮޅަށް ތެދުވީ... އީރާނުންދިން ހަމަލާއަކީ އެމީހުންނަށް އިޒްރޭލުން ހަމަލާދިނީތީ ދިން ހަމަލާތަކެެއް.. ޔަމަނުން ނޫނީނެތް ބަޔަކު

The name is already taken The name is available. Register?

ނޭނގޭ ކަންތަކަށް އަނގަ ނުބާނާ

11 October 2025

ﷲަގެ ރަހުމަތާ އެކު މިއަދު އެވަނީ ފަލަސްތިނުގެ ދައުލަތެއް ވާކަމަށް ދުނިޔެ ގަބޫލު ކޮށްފަ. ޢެކަން އެ ކުރީ ހަމާސްގެ ހިއްވަރު ގަދަ ޖިހާދުން..ކާމިޔާބަކީ ގުރުބާނީ އަކާ ނުލާ ހިލޭ ލިބޭ އެއްޗެއް ނޫން...ފަލަސްތީނުގެ ހުރިހާ ބިމެއް ﷲ ތައާލާގެ ރަޙްމަތްފުޅާ އެކު އަނބުރާ ލިބުމުގެ ދުވަސް މި ފެށުނީ.. މުސްލިމުންނަށް ނަސްރު ދެއްވުން އެދި ދުޢާ ކުރެއްވުމުގަ ދެމި ތިއްބަވާ...

The name is already taken The name is available. Register?

raajje

11 October 2025

ނޭނގޭ ކަންތަކަށް އަނގަ ނުބާނާ: ފަލަސްތީނުގެ ދައުލަތެއްވާކަމަށް ދުނިޔެގަބޫލުކުރީމާވަނީކީއް؟ މިމައްސަލައިގާ ކިތައްވަނަ ސުލްހައިގެއެއްބަސްވުންމީ؟ ކޮންމެފަހަރަކު މަދުދުވަސްކޮޅެއްގެތެރޭގައި އިޒުރޭލުން އެއްބަސްވުމާހިލާފުވޭ، އިޒުރޭލާއެކުސުލްހައެއްނުވެވޭނެ، ވެވޭނެކަމަށްހީކުރާނީ މޮޔައިން، ސުހްހަގާއިމުކުރެވިޖޭ އިޒުރޭލުގެސިފައިން ފަހަތައްޖެހެނީޔޭ އެކިޔަނީ ވާނުވާނުބަލާ، ގާޒާގާ ތިބިމީހުންދަށްކާވާހަކައަށްބަލާފަ ކޮމެންޓުމިކުރަނީ ވާނުވާސާފުކޮށްގެން އޯކޭދޯ؟

The name is already taken The name is available. Register?

އުއްތަމަ އުސްތާޛް

12 October 2025

މުސްލިމު ޤައުމުތަކުން ކުރި ބުރަ މަސައްކަތުްނޏޭ މިކަން ހާސިލް މިވީ

The name is already taken The name is available. Register?

ފަރާޝް

11 October 2025

އަނބުރާ ގެއަކަށް ނޫން އާދެވުނީ. ނުބައި ނުލަފާ ޔަހޫދީން ސުންނާފަތިކޮށްފަ އޮތް ބިމަށް އާދެވުނީ. ޖައްބާރު ޖަހޫދީން އުޅެއުޅެ އަޑުކަނޑުވާނުލެވުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454