އިޒްރޭލު ސިފައިން ޣައްޒާއަށް ދެ އަހަރު ވަންދެން ދިން ހަމަލާތަކަށް ފަހު އެތަން އޮތް ގޮތް: ހަމާސްއާ ގާތް އޮފިޝަލުން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ޣައްޒާގައި ހަމާސް އިން ދެން ވެރިކަމެއް ނުކުރާނެ. -- ފޮޓޯ: އޭއެފްޕީ
12 އޮކްޓޯބަރ 2025 - 19:34
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓާލާފައި ވާއިރު ދެން އެ ތަން ހިންގުމުގައި ހަމާސްގެ ބައިވެރިވުން ނޯންނާނެ ކަމަށް، ސުލްހައިގެ މަޝްވަރާގައި ހަމާސްގެ ފަރާތުން ބައިވެރިވި ޓީމާ ގާތް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނަށް ހަމާސް އާއި އިޒްރޭލު އެއްބަސްވެ އެ ކަންކަން ތަންފީޒުކުރުމުގެ މަޝްވަރާ ކުރިއަށް ދާއިރު ހަމާސްގެ ހަތިޔާރު ބެހެއްޓުން ވެސް އޭގައި ހިމެނެ އެވެ.
"ޣައްޒާގައި ހަމާސްގެ ވެރިކަމެއް އޮތުން އެއީ އެ ޖަމާއަތަށް މި ހިސާބުން ބަންދުވެފައިވާ މައުޟޫއެއް. ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ވެސް ހަމާސްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ. މާނަ އަކީ ހަމާސް އިން ވެރިކަން ދޫކޮށްލި ނަމަވެސް ފަލަސްތީނުގެ މުހިންމު ބައެއްގެ ގޮތުގައި ހަމާސް އަދިވެސް ދެމިއޮތުން،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
ހަމާސް އަކީ ވެރިކަމުގެ ބާރުތަކުގެ މައްސަލައިގައި އެ ޖަމާއަތުގެ އިސް ބޭފުޅުންގެ މެދުގައި އަބަދުވެސް ހިޔާލު ތަފާތުވުން ބޮޑު ޖަމާއަތެކެވެ. އެކަމަކު އެ ޖަމާއަތުގެ ހަތިޔާރު ބެހެއްޓުމުގެ މައްސަލައިގައި ހިލާފެއް ނެތި ހުރިހާ ބޭފުޅުން ވެސް ވިދާޅުވަނީ އެއީ މަޝްވަރާ ނުކުރެވޭނެ، ރަތް ރޮނގު ކަމަށެވެ.
"ހަމާސް އިން ވަނީ ދިގު މުއްދަތަކަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައި. އަދި އެ ޖަމާއަތުގެ ހަތިޔާރު، އިޒްރޭލުން ޣައްޒާއަށް ހަމަލާ ދީފި ހާލަތެއްގައި ނޫނީ އެއްވެސް ގޮތަކަށް ބޭނުން ނުކުރަން ވަނީ އެއްބަސްވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
ހަމާސްގެ އޮފިޝަލު އޭއެފްޕީއަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ޖަމާއަތުގެ ހަތިޔާރު ދުލެއް ނުކުރާނެ އެވެ. އަދި އެކަމާ ވާހަކަ ވެސް ނުދައްކާނެ ކަމަށް ވިދާޅުވި އެވެ.
ޣައްޒާއަށް ސުލްހަ ގެނައުމަށް ޓްރަމްޕު ހުށަހެޅުއްވި ކަންކަމުގެ ކުރީގައި، ޣައްޒާ އަކީ ޓެރަރިޒަމްގެ އަމަލުތައް ނުހިންގާ، ހަރުކަށި ފިކުރު ނެތް ތަނަކަށް ހެދުން ހިމެނެ އެވެ. އަދި އެއީ އަވަށްޓެރިންނަށް ނުރައްކަލެއް ނެތް ތަނަކަށް ހަދަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ޣައްޒާގެ ވެރިކަމުގައި ހަމާސްގެ ބައިވެރިވުން ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަތިޔާރު ބެހެއްޓީ ނިކަމެތިވީ ...
14 October 2025
ހާދަ ނިކަމެތި ދުވަހެއް، މީ އެ ޝައިތޯނު އެމެރިކާ އަށް ހަދިޔާދިން މީހުން އުފާކުރިޔަސް، މުސްލިމެއްގެ ހައިސިއްޔަތުން ކަރުނައަޅަން.
އައިމިނާ
13 October 2025
މީނަހިތުން މިއީ މުޅިދުނިޔޭގެ ރައީސްތަ. އެމެރިކާގެ ރައީސެއް ނޫންތަ ތިއީ. ޣައްޒާ އެއީ އެމެރިކާ ނޫނީ އިސްރާއީލްގެ އަވަށެއް ތަ. އަމުރު ހިންގަން.
ކިންގްސް
14 October 2025
އެމެރިކާގެ ރައީސް ސުލްހައަށް ކުރައްވާ މަސައްކަތް ބަލައިގަންނަން. ޒާތީވެ ޖަޒްބާތުގަޖެހިގެން ލިބޭނެ ކުރިއެރުމެއް ނެތް. ބޭނުންވަނީ ސުލްހައާއި އަމާންކަން.