ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.---- ފޮޓޯ: ފުލުހުން
30 ނޮވެމްބަރ 2025 - 08:25
އިސްކަންދަރު ކޮށީގެ ދެ ވަނަ ފަންގިފިލާގެ މެއިން ހޯލަށް ފުލުހުންގެ ހުރިހާ ކޮމާންޑަރުން ތިބީ ހާޒިރު ކޮށްފަ އެވެ. މާލޭގައި ތިބި އަދި އަތޮޅުތެރޭގެ އެކި ރަށްރަށަށް ފޮނުވާފައި ތިބި އެކި ރޭންކުތަކުގެ ވެރިން އޮންލައިންކޮށް ވެސް ބައިވެރިވި، ފުލުހުންގެ މުއައްސަސާގެ ތާރީހުގައި ވެސް އެއީ ހާއްސަ ބައްދަލުވުމެކެވެ.
ފުލުހުންގެ ކަންކަމަށް ޒިންމާވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މި ބައްދަލުވުން ފެއްޓެވީ މިއަދު ކޮންމެ އާންމު ރައްޔިތަކު ވެސް ފުލުހުންނާ ކުރަން ބޭނުންވާނެ ސުވާލަކާ ގުޅުވަ އެވެ.
"ދިވެހި ރައްޔިތުންނަށް ހައްގު މިންވަރަށް ހިދުމަތް ދެވޭ ކަމަށް ގަބޫލުކުރެވޭ އޮފިސަރުން އަތްމައްޗަށް ނަގާ!،"
ބައްދަލުވުން ކުރިއަށް ދިޔަ ގޮތް "މިހާރު" އާ ހިއްސާކުރި އެކި ފުލުހުންގެ ފަރާތުން އެނގުނު ގޮތުގައި މިނިސްޓަރު މިހެން ވިދާޅުވުމުން އަތް ހިއްލައިލަން ކެރުނު އެއްވެސް ފުލުހަކު ނެތެވެ. މުޅި ތަން ހިމޭންވެ، އެންމެން އިސްދަށަށް ޖަހާލަން ޖެހުނެވެ. ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ކުރިމަތިވާ ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން އަންނަ އެ ސުވާލު އަމާޒުވީ ފުލުހުންގެ ހިތަށެވެ.
ފުލުހުންގެ މުއައްސަސާ އަލުންބަލުން އެކުލަވާލައި "ޓޯޓަލް ރިސެޓް" އަކަށް ދާން ޖެހިފައި އޮތްކަމުގެ ހިތި ހަގީގަތް މިނިސްޓަރު އެ ހިސާބުން ވަރަށް ފާޅުގައި ހާމަކުރެއްވި އެވެ.
ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމާ ބެހޭ ގޮތުން، އަންނަ އަންގާރަ ދުވަހު ފަށާ "ލޯކަލް ޕޮލިސިން ކޮންފަރެންސް 2025" އަށް ތައްޔާރުވުމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގެ އެއް ބައިވެރިޔަކު ބުނި ގޮތުގައި މިނިސްޓަރުގެ ހުރިހާ ވާހަކައެއް، ކަން އޮތް ގޮތަށް ވަރަށް ސީދަލަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.
"މުޅި ސިސްޓަމް ފެއިލްވެފައިވާ ކަމަށް ވިދާޅުވި. ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށް ވިދާޅުވި،" އޭނާ ބުންޏެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފުލުހުން
ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރުގެ ޒިންމާގެ ދަށުގައި ހުރި އިދާރާތަކުގެ ތެރެއިން އެންމެ ފަހަތުގައި އޮތް މުއައްސަސާ އަކީ ފުލުހުން ކަމަށް ވަރަށް ތިލަކޮށް ސާފުކޮށް ވިދާޅުވި އެވެ.
"މިނިސްޓަރު އެ ވާހަކަ ދެއްކެވީ ވަރަށް އަސަރާ އެކު. ބައްދަލުވުމުގައި ތިބި ފުލުހުންގެ މޫނުމަތިން ވެސް ފެނުނީ ލަދުވެތިކަން،" މިނިސްޓަރުގެ ވާހަކަ ފުލުހުން ވެސް ގަބޫލުކުރާ ކަމަށް ދޭހަވާ ކަމަށް ސިފަކޮށް ވާހަކަ ދެއްކި ފުލުހަކު ކިޔައިދިނެވެ.
ސަރުކާރުގެ ދެ އަހަރު ފާއިތުވެ ދިޔައިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާ އަދާނުކުރެވުނު ކަމަށާއި މި ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް މިނިސްޓަރު އިހުސާން އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. ފުލުހުންނާ މެދު ރައްޔިތުންގެ ޝުއޫރު ހުރި ގޮތަކީ މިއީ ކަމަށާއި ފުލުހުންނަށް ހައްގު މިންވަރަކީ މިހާރު ހާލަތު އޮތް ގޮތުން، އެ ބަދު ބަސްކަން ސިފަކޮށްދެއްވީ އެހާ ތިލަކޮށެވެ.
ޑްރަގާ ދެކޮޅަށް މަސައްކަތް ކުރުމާއި ގޭންގު މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން މައްސަލަ އާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ފުލުހުންނަށް ސަރުކާރުން ދީފައިވާ މައިގަނޑު ހަތަރު ޓާސްކެވެ. މީގެ ތެރެއިން މިނިސްޓަރު ހިތްހަމަ ޖެހޭ މިންވަރަށް ނަތީޖާ ނެރެވުނީ ގޭންގުތަކާ ދެކޮޅަށް އޮޕަރޭޝަނަލް ލެވެލްގައި ފުލުހުން ކުރަމުން އަންނަ ޕްރެވިންޓިވް މަސައްކަތުން އެކަނި ކަމަށް ވިދާޅުވި އެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.---- ފޮޓޯ: ފުލުހުން
މި ހަގީގަތްތައް ކިޔައިދިން މުހިންމު ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ނެތުމަކީ ވެސް ވަރުގަދަ މެސެޖެކެވެ.
ފުލުހުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައި އެކުލަވާލި ރިޕޯޓެއްގައި، ނަވީން ހިމެނޭހެން އިސް އެހެން ބައެއް ވެރިންނަށް ފިޔަވަޅު އެޅުމަށް ލަފާދޭން މަޖިލީހަށް ހުށަހެޅިތާ 24 ގަޑިއިރު އިރު ނުވަނީސް ބައްދަލުވުން ކުރިއަށް ގެންދިޔައިރު ނަވީން ހުންނެވީ ރަސްމީ ދަތުރެއްގައި ގައުމުން ބޭރުގަ އެވެ. އޭނާ އޮންލައިންކޮށް ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
"ލީޑަޝިޕް އޮތީ ފެއިލްވެފައި ކަމަށް އަސަރާ އެކު [މިނިސްޓަރު އިހުސާން] ވިދާޅުވި."
މައްސަލަތަކުގެ ހައްލަކަށް މިނިސްޓަރުގެ އިންސްޓްރަކްޝަނަކީ ވަގުތުން ވަގުތަށް "ނޮން-ނެގޯޝިއަބަލް ހާޑް ރިސެޓް" އަކަށް ދިއުމެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ ބަރު ހެލި އެޑްމިނިސްޓްރޭޓިވް ނިޒާމް ދޫކޮށް، މުވައްޒަފުން އޮޕަރޭޝަނަލް ރޯލްތަކަށް އެލޮކޭޓްކޮށް، މުއައްސަސާ ރީ-ސްޓްރަކްޗާ ކުރުން ކަމަށް ވިދާޅުވި އެވެ. ސުޕަވިޝަން އާއި މެނޭޖްމަންޓް ހަރުދަނާ ކުރުމެވެ. ކޮމާންޑް އަދި ލީޑަޝިޕް ރޯލްތަކުގައި ތިއްބެވި ބޭފުޅުން އޮފިސަރުންނާ އެކު ގާތުން ހިދުމަތުގައި ބައިވެރިވުމެވެ.
މިނިސްޓަރު އެ ވާހަކަ ދެއްކެވީ ވަރަށް އަސަރާ އެކު. ބައްދަލުވުމުގައި ތިބި ފުލުހުންގެ މޫނުމަތިން ވެސް ފެނުނީ ލަދުވެތިކަން،"--- ފުލުހެއް
ސުޕަވިޝަން އާއި މެނޭޖްމެންޓް ހަރުދަނާކޮށް ކޮމާންޑް އަދި ލީޑަޝިޕް ރޯލްތަކުގައި ތިއްބެވި ބޭފުޅުން އޮފިސަރުންނާ އެކު ގާތުން ހިދުމަތުގައި ބައިވެރިވުމެވެ. ފުލުހުންގެ ބޭސިކް މަސައްކަތަށް ފޯކަސް އިތުރުކޮށް ޑިސިޕްލިން އާއި އެތިކްސް ހިފެހެއްޓުމުގައި ޒީރޯ ޓޮލަރެންސަށް ދިއުމެވެ.
"މިހާރު" އާ ވާހަކަ ދެއްކި ފުލުހުން ބުނި ގޮތުގައި މިނިސްޓަރު ދެއްވީ އިންޒާރެކެވެ.
"ނަތީޖާ ނުނެރެވޭ އަދި މަސައްކަތަށް ފަރުވާ ނުބަހައްޓާ ވެރިންނަށް ދެއްވީ އިންޒާރެއް. ވަކި މިންވަރަކަށް މޮނީޓަ ކުރުމަށް ފަހު، ނަތީޖާ ނުނެރެވޭ މީހުން މަގާމުތަކުން ދުރުކުރެވޭނެ ކަމަށް ވިދާޅުވި،" ފުލުހަކު ކިޔައިދިނެވެ.
"ވިދާޅުވީ އެކަށީގެންވާ ވަރަށް ޕާފޯމް ނުކުރެވޭ ނަމަ މުއައްސަސާ ދޫކޮށް ދާންޖެހޭނެ ކަމަށް. ރެޕިއުޓޭޝަން ރައްކާތެރިކޮށް ދެމެހެއްޓޭނީ ސޯޝަލް މީޑީއާ ނުވަތަ ފޭސްބުކް ޕޭޖަކުން ނޫނޭ ވިދާޅުވި. ވިދާޅުވީ ރެޕިއުޓޭޝަން ރަނގަޅު ކުރެވޭނީ މަސައްކަތުން ނެރޭ ނަތީޖާއިން ކަމަށް."
މި ސަރުކާރުގައި ފުލުހުންނަށް ދެ ކޮމިޝަނަރުން އައްޔަން ކޮށްފި އެވެ. މިދިޔަ ދެ އަހަރުގެ ފުލުހުންގެ ފެއިލިއާގެ ހިއްސާއެއް ފުލުހުންގެ ލީޑަޝިޕުން ނަގަން ނުޖެހޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ. މިނިސްޓަރު ވެސް އިސްތިސްނާ ނުކޮށެވެ.
މިހާރު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެ މަގާމަށް އައްުޔަން ކުރެއްވިތާ ހަތް މަސްވީއިރު އަދި މީޑިއާ ކުރިމައްޗަށް ހުއްޓިވަޑައެއް ނުގަންނަވަ އެވެ. ފުލުހުންގެ ކުރިއެރުމާއި ތަރައްގީގެ ލަނޑުދަނޑިތަކެއް އެކަށައަޅައި ހާއްސަ މަސައްކަތްތަކެއް ކުރެއްވި ކަމެއް ނޭނގެ އެވެ. ފުލުހުންނަށް ފަހަކަށް އައިސް ބޮޑެތި ތުހުމަތުތައްކޮށް އަދި ބައެއް ފުލުހުންގެ ނަޒާހަތްތެރިކަން ގެއްލޭ ވަރަށް ކަންކަން "ފަޅާއެރިއިރު" ވެސް ސީޕީ ނަވީން ފެންނަނީ "ހަނު" ހުންނަވާ ތަނެވެ. ލީޑަރެއްގެ އެއްވެސް ރޯލެއް ނުފެނެ އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި ފުލުހުން ބުނި ގޮތުގައި ބައްދަލުވުމަށް ފަހު ފުލުހުން ނުކުމެގެން ދިޔައިރު އެކަކު އަނެކަކާ ބުނަމުން ދިޔައީ "އަސްލު ވެސް، އަލުން ހިފާލަން ޖެހޭ" ކަމަށެވެ. މިނިސްޓަރުގެ ވާހަކަ އެތަނުގައި ތިބި ފުލުހުން، ހިތުގެ އަޑީން ގަބޫލުކޮށްގެން ތިބި ކަމަށް ބުންޏެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަން އިމާރާތް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު، އަބަދުވެސް ފެންނަ ހަގީގަތަކީ، ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަގަޅުވެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދަން، ފުލުހުންނަށް މިނިވަންކަމާއި ހަމަހަމަކަމާ އެކު ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމުގެ ޖާގަ އާއި މަސައްކަތުގެ މާހައުލެއް ނުލިބޭ ކަމެވެ.
"މިހާރު" އާ ވާހަކަ ދެއްކި ބައެއް އޮފިސަރުން ވިދާޅުވީ، ސިޔާސީ ގޮތުން އެއްބާރުލުން ދޭ ނުވަތަ ލޯޔަލް ކަމަށް ބެލެވޭ މީހުންނަށް އިސްކަން ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ. މިއީ ކޮންމެ ސަރުކާރަކުން ވެސް ފަހަކަށް އައިސް ފުލުހުންގެ "ކޮންޓްރޯލް" ނަގަން ގެންގުޅޭ އުކުޅަކުން އުފަން ވެފައިވާ ކަމެއްގެ ގޮތުގައި އެ އޮފިސަރުން ގަބޫލުކުރައްވަ އެވެ.
އިދިކޮޅުގައި ތިބޭ އިރު ވަކިވަކި އޮފިސަރުންނާއި ގްރޫޕްތަކާ ގުޅުން ބާއްވައިގެން، ވެރިކަމަށް އައިސް އެ މީހުން އިސްކުރެވޭ ގޮތް ވަނީ އެވެ. ނަމަވެސް ގިނަ ފަހަރަށް، އެއީ މުއައްސަސާ ހިންގަން އެންމެ ގާބިލު މީހުންނަކަށް ނުވެ އެވެ.
ފުލުހުންނަށް ގެއްލިފައިވާ އިތުބާރު ހޯދަން ސުމަކުން ފެށި ނަމަވެސް ސިޔާސީ ނުފޫޒާއި މަސްލަހަތުން ފުލުހުން އެއްކިބާ ނުކޮށްފި ނަމަ އެ ޓޯޓަލް ރިސެޓް އަނެއްކާވެސް ރިސެޓް ކުރަން ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް އޮފިސަރުން ބުންޏެވެ.
"ފާއިތުވެ ދިޔަ ތަނުގައި ފެނުނީ މި ކަންކަމުގެ މޯހިރުގައި އެއްބަޔަކު އަނެއްބަޔަކު ކަތިލަން އުޅޭތަން. އެ ކަންކަން ހަމަ މަގަށް އެޅުވޭނީ އެންމެ މަތިން ފެށިގެން ޕްރޮފެޝަނަލް ވެގެން،" އޮފިސަރަކު ބުންޏެވެ.
ހުޅުމާލޭގައި ކުރިއަށް ދިޔަ ފުލުހުންގެ ރަސްމިއްޔާތެއްގައި އޮފިސަރުން ބައިވެރިވަނީ-- ފޮޓޯ: މިހާރު
ކޮންމެ ވެރިކަމެއް ބަދަލުވާއިރު، ފުލުހުންގެ އެކި އޮފިސަރުން މަސްއޫލިއްޔަތުން ދުރުކޮށް ސަބަބެއް ވެސް ނޭނގޭ ހާލަތުގައި އެބަ ތިބެ އެވެ. ޓްރެއިނިން އާއި ތަޖުރިބާއާ ނުގުޅޭ ތަންތަނަށް މުވައްޒަފުން ބަދަލުކޮށް ސިޔާސީ ގޮތުން ރުހުން އޮންނަ އޮފިސަރުން އިސްކުރުމުގެ ނަތީޖާ ގޯހުން ގޯހަށް ދަމުން ގޮސް މުޅި މުއައްސަސާގެ އެތެރޭގައި ނަފްރަތާއި ހަސަދައިގެ ހުޅު ފަޅައިގެން ގޮސް އެންމެ ފަހުން މި ވަނީ ބޭރަށް ނުކުމެފަ އެވެ. އެންމެ ފަހުން ވެސް ސޯޝަލް މީޑިއާގައި ނޭނގޭ އެކައުންޓުތަކުން ފުލުހުންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ފަލީހަތް ކުރަމުން ދިޔައީ އެ ކޯޅުމުގެ ތެރޭގަ އެވެ.
ދިވެހިން އުންމީދުކުރާ ފެންވަރު ރަގަޅު، ނަތީޖާ ނެރޭ، ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ބޭނުން ނަމަ ސިޔާސީ އަވާގައި ނުޖެހި މިނިވަންކަމާ އެކު ތިބުމުގެ ފުރުސަތު ފުލުހުންނަށް ދޭންޖެހެ އެވެ.
މިނިސްޓަރު އިހުސާންގެ ސުވާލަށް ފުލުހުންނަށް އަތް ނަގަން ނުކެރި އިސްޖަހާލަން ޖެހުނު ސަބަބު ސާފުކޮށް އޮތީ ފެންނާށެވެ. ހަމަ އެ ސުވާލު ދެން އޮތީ އާންމުންނަށެވެ. ފުލުހުންގެ ހިދުމަތާ މެދު އިތުބާރު އޮތް ނަމަ އަތްމައްޗަށް ނަގާށެވެ!
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކީލްް
04 December 2025
ހުރިހާވެސް މައްސަލައަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފުލުހުންގެ ތެރެއިން ބަޔަކު ފާޅުގައި ނުކުތްކަމެވެ. ވެރިކަން ވައްޓާލި ނުވަތަ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދިނުމަށް މަޖްބޫރު ކުރުވިދުވަހު ފުލުހުންގެ ތެރެއިން ބަޔަކު ގާނޫނާއި ގަވާއިދާއި ހިލާފު އަމަލުތަކެއް ރޯމާ ދުވާލު ރައްޔިތުން ކުރިމަތީ ކުރިއެވެ. ވީޑިއޯ ހެކިތައްވެސް ފެންނަން އެބަހުއްޓެވެ. މިބުނާ މީހުނާމެދު ފިޔަވަޅު ނޭޅި ޕްރޮމޯޝަން ދިންދިނުމުގެ ނަތީޖާމިއަދުފެންނަމުން ދަނީ.
ދަބަރު މޯޑޭ
02 December 2025
އާއްމުންނާ އަދަބުއިހުތިރާމާ އެކު މުއާމަލަތް ކުރަންވެސް ތީގެ ގިނަ މީހުންނަށް ނޭގެ. އެހެން ގައުމުތަކުގެ ފުލުހުން ހާދަ ރެސްޕެކްޓެއް ކުރޭ ރައްޔިތުންނަށް
ކޮބާ އަހުލާގު؟
02 December 2025
މިނިސްޓަރު ވާހަކަ ދައްކާއިރުވެސް އެތިބީ އެވެރިން ފޯނާ ކުޅެން. ފޮޓޯއަށް އެރިތަންކޮޅު އެއީ އަދި. ހަމަ ގޮތެއްފޮތެއް އަހުލާގެއް މެނާސް އެއް ނެތީ ފުލުހުންގެ ގިނަ މީހުން.
ބޭކަަރު
01 December 2025
1 ލައްކަ ރުފިޔާގެ މުސާރަ ދިނަސް ފުލުހުން ހިތް ނުފުރޭނެ. ސާވިސް ކޮލިޓީ ސުމެއް. ޕޮލިސް އުވާލާފަ ހޯމް ލޭންޑު ދަށުން ހިންގާ ސެކުސަނަކަށް ޕޮލިސް ބަދަލުކުރުން ރަނގަޅު
އިގޫ
01 December 2025
މަހަކު 30 އިން 40 ހާހުން ގެއަށް ގެންދަން ފައިސާލިބޭ 3 އިރު ކާންލިބޭ މުޅިއާއިލާއަށް ހައްދެއްނެތް ބޭސްފަރުވާލިބޭ ޔުނީފޯމަށް ފައްތަކާ ތަރިތަށްދަނީ އަރަމުން ދާއިރުވެސް ޝަކުވާކުރުން ނޫން ކަމެއް ގިނަ ފުލުހުންގެ ނޯވެ. ގަޑި ޖައްސާފަ ނުކުމެ ދެން ދުއްވައިގަންނަނީ ކޮންމެވެސް ކަޓެއް ނުވަތަ ޑީލަކުން ރުފިޔާ ލިބޭތޯ. ގައުމަށް ހިދުމަތް ކުރުމުގެ ރޫހެއް ނެތް. ޔުނިފޯމުގެ އަގެއްނެތް. އަމިއްލައަށް ހަދާ އެއްވެސް މިސްޓޭކެއް އޮތްކަމަކަަށް ފުލުހުން ގަބޫލެއްނުކުރޭ
މަންދީރުބޭ
01 December 2025
މިތާ ހުރި ކޮމެންޓުތައް ކިޔާ ނިމުން އިރު އަހަރެންގެ ބޯ ގުޑައިފި. ގައުމެއްގެ ފުލުހުންނާ ފުލުސް އިދާރާގެ ކަންތައްތައް ހުރި ހިސާބު ވަރަށް ގޯސް. މިނިސްޓަރު އިހުސާނުއަށް އެގޭބާ އެހުރިހާ ކަމެއް؟ އަޅުއްވާނީ ކޮން ފިޔަވަޅެއްތޮ؟ ބައްދަލުވުމަކުން އަތް މައްޗަށް ނަގައިގެން ނިމޭވަރަށް ތުރެ ހާލަތު މާ ކުރިޠިކަލު ކަމަށް ފެންނަނީ
ކުނިބުނި ސާފުކުރައްވާ މިނިސްޓާ
01 December 2025
މުސާރައާ ނުބައްދަލު އަދަދުތަކުން ފައިސާ ގެންގުޅޭ ފުލުހުންނާ، މުސާރައަ ނުބައްދަލު ލައިފުސުޓައިލު އުޅޭ ފުލުހުންނާ، ވިޔަފާރިކޮށް ޑީލު ކަޓު ކުރުމުގައި ތެޅިބާލާ ފުލުހުން ހޯދާ އެމީހުންނަށް ހަރުކަށި ފިޔަވަޅު އަޅާ މިނިސްޓަރު. މިނިސްޓަރު އެފަދަ އޮފިސަރުންގެ މައުލޫމާތު ހޯދަން ބޭނުން ނަމަ ހޮމްލޭންޑަށް މިނިސުޓުރީއަށް ރިޕޯޓުކުރާނެ ނަންބަރެއް އާއްމުކުރަވާ. ލިސްޓު ވަރަށް ދިގު ވާނެ.
އައްޔުބޭ
01 December 2025
ތިކަމުގައި އަތެއް މައްޗަކަށް ނެގޭކަށްނެތް. މިންގަޑަށް ބަލާއިތު ތިރިކުރަމުންގޮސް ފައިގެ ބޮޑުވާ އިގިލީގައި ހިފަންޖެހޭނީ.
ރިއަލިޓި
01 December 2025
ފުލުސް އޮފީހުން ޕޮލުކޯ ޖަހައިން ހިންގާ ވިޔަފާރިއާ ކޮރަޕްސަން ހުއްޓުވާފަ ވަކިވަކި ފުލުހުން ގުޅަބަޖިޔާ ވިއްކާ މަސާޖު ޕާލަރު ތަކާ އެހެން ވިޔަފާރިތަކާ ޑީލުތަކުގައި ހޭކުން ހުއްޓުވާއިގެން ނޫން ގޮތަކަށް ފުލުހުންގެ ސާވިސް ކޮލިޓީ ނުހިފެހެއްޓޭނެ. މިގައުމުގައި ޖަރީމާއާ ކުށް މަދު ނުކުރެވެނީ ފުލުހުން ވިޔަފާރިއާ ގޭންގާ ޖަރީމާ ނެޓުވޯކުތަކާ ގުޅިފަ ތިބީމަ އެފަރާތްތަކުން ހިންގާ ކުށްތައް ހުއްޓުވަން ފުލުހުން ފަހަތު ފަޔަށް ބަރުވާތީ.
އިޔާޒު
01 December 2025
ފުލުހުންނަށް އެހެން ވަޒީފާތައް އަދާކުރުމާ ވިޔަފާރިކުރުމާ މަނާވަނީ ސަބަބުތަކެއް އޮވެގެން. މަނާ ކަންތަކުގެ ތެރޭގައި އުޅެމުން ގާނޫނެއް ތަންފީޒެއް ނުކުރެވޭނެ. މަނާ ނުވިޔަސް އެހުންނަނީ އާއްމުގޮތެއްގައި ފުލުހުން ކުރަން ރަގަޅު ކަންކަމެއް ނޫން މަސްލަހަތު ފުށުއަރާނެ
ލަބީދު
01 December 2025
ކަންމަތީ ފިހާރަ....ކޮފީ ޝޮޕް.....ޓެކްސީ ކުރުން.....ކޮން ވަގުތެއް މިވެރިން ނައް ވާނީ.
ބުންބެރު
01 December 2025
ހޮޓާތަކަށް އަރާ ތިބެވެސް ބައެއް އޮފިސަރުން ބޯ ގުޑުވަނީ ޑީލެއް ކަޓެއް ލިބޭތޯ. އެކަން ކޮއްފަ އެހެން ކަމެއް ކުރެވޭނެ ބާ؟
ގައިރުގާނޫނީ
01 December 2025
އަބަދުވެސް ރުފިޔާ މަދުވެފަ ތިބެނީ. ޑިއުޓީ އަކަސް އޮފް އަކަސް ވިޔަފާރިކުރުމާ ޑީލު ހެދުމާ ކަޓު ނެގުމުގައި
ހުއްދަ މަނާ ؟
01 December 2025
ގެސްޓުހައުސް ގުޅަބަޖިޔާ ކަންމަތީ ފިހާރަ މަސާޖު ޕާލަރު ޓެކުސީ ވިޔަފާރިއަށް ދަންދެން އެވެރިންވަނީ ވަދެގަނެފަ
ބަޑީ
01 December 2025
ބައެއް ފުލުހުންގެ ނަމުގައި ހުރި ބޭންކު އެކައުންޓުތައް ފެންނަ ދުވަހަކުން މިނިސްޓަރު ޝޮކަށް ދާހާ ޖަރީމާ ގިނަ.
ރަށުމީހަ
01 December 2025
އޮފީހުގައި ތިބެގެން ޑިއުޓީގައިވެސް ވިޔަފާރި ހިންގާ ޑީލު ބުރޭކުކޮށް ކަޓުނަގާ އޮފިސަރުން ތިބޭ. އެވާހަކަ އަދި މާ ގައްޑާވެފަ ދައްކާވެސް އުޅޭ