ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުން. -- ފޮޓޯ: ބީއެމްއެލް
01 ޑިސެމްބަރ 2025 - 11:32
ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، ބީއެމްއެލްއަށް 15 އަހަރާއި 20 އަހަރާއި 30 އަހަރު އަދި 40 އަހަރު ހިދުމަތްކުރި މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އެ ހަފްލާގައި 43 މުވައްޒަފަކަށް އެވޯޑު ދިނެވެ.
ބީއެމްއެލްއަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ހަސަން ޝާމަށް ހާއްސަ އެވޯޑެއް އެރުވި އެވެ. އަދި ބޭންކަށް 25 އަހަރު ހިދުމަތްކޮށްފައިވާ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފަށް ވެސް ވަނީ އެވޯޑެއް އެރުވި އެވެ.
ބެންކަށް 40 އަހަރުގެ ދިގު މުއްދަތަކަށް ބޭންކަށް ހިދުމަތްކޮށްފައިވާ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ހަސަން ޝާމަށް އެވޯޑު ދެނީ.
އެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބެންކުގެ ކާމިޔާބީއަށް ވާސިލްވުމުގެ އަސްލަކީ އެ ބޭންކުގެ މުވައްޒަފުން ކަމަށެވެ. އޭނާ ވަނީ މުވައްޒަފުން ކޮށްދޭ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައިފަ އެވެ.
"މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއެކު އެ މުއައްސަސާއަށް ހޭދަކުރެވޭ ވަގުތުތަކާއި އެ މުވައްޒަފުންގެ ހުނަރާ އަދި ޚާއްސަކޮށް އެ މުއައްސަސާއެއްގެ “މިޝަން” ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޕެޝަންގެ ސަބަބުން. އެހެންކަމުން މި ބޭންކު މިއަދު ކާމިޔާބުކަމާ އެކު މި ހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަބޭފުޅުން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއަކީ 99 ޕަސެންޓަށް ވުރެ ގިނަ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ، މާލީ ދާއިރާގެ އެންމެ ގިނަ ވަޒީފާގެ ފުރުސަތުދޭ އެއް މުއައްސަސާ އެވެ. ބީއެމްއެލްއިން ދަނީ މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައި ދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ވެސް އެ ބޭނުންކުން ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy