އެންމެ ގިނަ މީހުން އެއްފަހަރާ ސްނޯކުލް ކުރުމުން ގިނިސް ބުކް ވޯލްޑް ރެކޯޑްސް އިން ދިން ސެޓްފިކެޓް ދައްކާލަނީ. ފޮޓޯ: ސިޔާމް ވޯލްޑް
07 ޑިސެމްބަރ 2025 - 13:07
އެއް ވަގުތެއްގައި އެއް ތަނެއްގައި 307 މީހުން ފީނައިގެން ދުނިޔޭގެ ރެކޯޑެއް ރާއްޖޭގައި ހަދައިފި އެވެ.
ފްރީޑައިވް މޯލްޑިވްސް އާއި ސިޔާމް ވޯލްޑް ގުޅިގެން މިދިޔަ ހުކުރުދުވަހު ސިޔާމް ވޯލްޑްގައި ހެދި ރެކޯޑަކީ އެއް ވަގުތެއްގައި، އެއް ތަނެއްގައި އެންމެ ގިނަ މީހުން ފީނުމުގެ (ސްނޯކުލް ކުރުމުގެ) ރެކޯޑެވެ.
އެ ހަރަކާތުގެ ބައިވެރިންނަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ދޭ ރަން މެޑެލް ވަގުތުން ވަނީ ދީފަ އެވެ.
ފްރީޑައިވް މޯލްޑިވްސްގެ އިންސްޓްރަކްޓަރު ފަހުދު ފާއިޒް ވިދާޅުވީ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ އޮފިޝަލުންގެ ހާޒިރުގައި ހުކުރު ދުވަހު ހިންގި ހަރަކާތުގައި އެ ޖަމިއްޔާ އާއި ސިޔާމް ވޯލްޑް އިން ވެސް ދުނިޔޭގެ ރެކޯޑް ހެދި ކަމަށެވެ.
ސިޔާމް ވޯލްޑް ވެފައި ވަނީ ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން ދުނިޔޭގެ ރެކޯޑެއް ހެދި ފުރަތަމަ ރިސޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކުލް ކުރުމުގެ ވޯލްޑް ރެކޯޑް ހެދުމުގައި ބައިވެރި ފީނާ މީހުން. ފޮޓޯ: ފްރީޑައިވް މޯލްޑިވްސް
"މި ރެކޯޑް ހެދުމުގައި ކުރަން ޖެހުނު ކަމަކީ އެންމެން އެއް ތަނެއްގައި ތިބެފައި ބޯ ނުހިއްލައި އެއް މިނެޓް ވަންދެން ފީނުން، މިއީ، މިހާ ގިނަ ބަޔަކު އެއް ވަގުތެއްގައި އެއް ތަނެއްގައި ތިބެ މިފަދަ ހަރަކާތެއް ހިންގި ފުރަތަމަ ފަހަރަށް ވުމުން ރެކޯޑަކަށް މިވީ،" ފަހުދު ވިދާޅުވި އެވެ.
ނ. ދިގުރަށުގައި ހަދާފައިވާ ފަސްތަރީގެ ލަގްޒަރީ ރިސޯޓް ސިޔާމް ވޯލްޑް އާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި "ސްނޯކުލް ވޯލްޑް 300" ހަރަކާތުގައި ހދ، ނ، އަދި ބ. އަތޮޅުގެ ބައެއް ރަށްރަށުން މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ނައިވާދު އާއި ނ. ވެލިދު އާއި ކެނދިކުޅުދޫގެ އިތުރުން އެ އަތޮޅުގެ ބައެެއް ރިސޯޓް ތަކާއި ބ. އޭދަފުށްޓާއި މާޅޮހާއި ދަރަވަންދޫ ހިމެނެ އެވެ.
އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކުލް ކުރުމުގެ ވޯލްޑް ރެކޯޑް ހެދުމުގައި ބައިވެރި ފީނާ މީހުން. ފޮޓޯ: ފްރީޑައިވް މޯލްޑިވްސް
ޖުމްލަ 250 މީހުން ބައިވެރިކުރަން އަމާޒުކޮށްގެން ބޭއްވި އެ ހަރަކާތުގައި ޖުމްލަ 307 މީހުން ބައިވެރި ވި އެވެ.
ފަހުދު ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ދިވެހިންގެ އިތުރުން ސިޔާމް ވޯލްޑްގައި ތިބި ޓޫރިސްޓުން ވެސް ބައިވެރިވި އެވެ.
"ޓޫރިސްޓުން، ވަރަށް އުފާވި ކަމަކަށް މިކަންވީ. އެ މީހުންނަކަށް ނޭނގޭނެތާ ޗުއްޓީއަށް އަންނަ އިރު ދުނިޔޭގެ ރެކޯޑަކަށްވާ ކަމެއްގައި ބައިވެރިވެވޭނެ ކަމެއް. އެހެން ތިއްބައި ފުރުސަތު ލިބުމުން ވަރަށް އެކްސައިޓް ވެފައި ތިބީ،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ރެކޯޑް ހެދުމުގެ ދެ ހަރަކާތެއް ފްރީޑައިވް މޯލްޑިވްސް އިން އޯގަނައިޒްކޮށްގެން މީގެ ކުރިން ވެސް ވަނީ ބާއްވައިފަ އެވެ. އެއީ "ނޭވާ 1 ގެ ނަމުގައި 2019 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީއަށް ހިންގައިދިން ހަރަކާތަކާއި ފްރީޑައިވް މޯލްޑިވްސްގެ އަމިއްލަ ހަރަކާތެއްގެ ގޮތުގައި 2022 ވަނަ އަހަރު ބޭއްވި "ނޭވާ 2" ހަރަކާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
08 December 2025
ދުނިޔޭގެ ރެކޯޑުތަކުގެ ގިނެސް ފޮތުގަ، 2002 ވަނަ އަހަރުން ފެށިގެން، ދިވެހިރާއްޖޭގެ އެހެން ރެކޯޑެއް ވެސް އޮވެ އެވެ. އެއީ އިނދެ ވަރިކޮށް، ފައްކެނޑުމުގެ ރޮނގުން ދުނިޔޭގެ ރެކޯޑުތަކުގެ ގިނެސް ފޮތުގެ ރެކޯޑެވެ. ކުރިޔަށް އޮތް ތަނުގަ، ފަށް ކެނޑުމުގެ ރޮނގުން ވެސް ޕުރޮފެސަންލް ދަރަޖައިގަ މަސއްކަތްކުރާ އެންމެ ގިނަ ފިރިހެނުން ގެ އާބާދީއެއް އޮތް ރާއްޖެއަށް ވުމުގެ ރޮނގުންވެސް، ވާތީ ދެވޭ މެޑެލި ލިބުމުގެ މެޑެއްޔެވެ.
އެހެންދޯދޯ
07 December 2025
ތިކަން ތިންވަނަ ފަރާތަކުން ވެރިފައި ކުރޭތޯ ވެސް ބަލަން ޖެހޭނެއޭ
އަސަރު68
07 December 2025
"މި ރެކޯޑް ހެދުމުގައި ކުރަން ޖެހުނު ކަމަކީ އެންމެން އެއް ތަނެއްގައި ތިބެފައި ބޯ ނުހިއްލައި އެއް މިނެޓް ވަންދެން ފީނުން، މަމެންގެ ނޭވާ މިހުރީ ވިހި ތިރީސް ސިކުންތުގަ. ވަރަށް ދެރަވަވރު މިކަހަލަ ކަމެއްގާވެސް ބައިވެރި ނުވެވޭތީ.
ޖޭމް
07 December 2025
ދޮންކަލޯ، ސްނޯކަލް ކުރާ މާސްކާއި ފިންސް ބޭނުންކޮށްގެން ހެދި ރެކޯޑެއް އެއީ..އެހެންވީމަ 1 މިނެޓް ކީއްކުރަން، 1 ގަޑީރުވެސް އޮވެވޭނެއެންނު..ކޮންކަމަކާ ތި ހާސްވަނީ؟