ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދު
08 ޑިސެމްބަރ 2025 - 23:43
ހއ. ހޯރަފުށި ކައުންސިލުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާކަން ފާހަގަވެފައިވާތީ އެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިނުގަންނަވާ ގޮތަށް ތިން މަސް ދުވަހަށް އެލްޖީއޭ އިން މިއަދުން ފެށިގެން ސަސްޕެންޑުކޮށްފި އެވެ.
ހޯރަފުށި ކައުންސިލާ ގުޅޭ ގޮތުން އެލްޖީއޭ އަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން 8 މައްސަލައެއް ބަލާފައިވާއިރު، ކައުންސިލްގެ ރައީސް ވަހީދާ މެދު ފިޔަވަޅު އެޅީ އެ ކައުންސިލުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާ ކަން ކަށަވަރު ކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ބޭފުޅަކީ ކައުންސިލުގެ ރައީސް ކަމަށް ވާތީ ކަމަށް އެލްޖީއޭގެ ރިޕޯޓުގައި ވެ އެވެ.
ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑު ކުރިއިރު، މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލައި އެލްޖީއޭ އިން ނިންމީ އެހެން ކައުންސިލަރުންނަށް ނަސޭހަތް ދޭށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހުގެ އިތުރުން ކައުންސިލް މެމްބަރުން ކަމަށްވާ އިބްރާހިމް ޝާކިރާއި މަރިޔަމް ވަކީލާ އާއި އާމިނަތު ވިސާމާ އާއި އާމިނަތު ނާސިހާ އަދި އަހުމަދު ރައޫފެވެ.
ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދު ހިމެނޭ ގޮތަށް އެ ހުރިހާ ކައުންސިލަރުން ވެސް ނިސްބަތްވަނީ އިދިކޮޅު އެމްޑީޕީއަށެވެ.
ހޯރަފުށި ކައުންސިލާ ގުޅޭ ގޮތުން ބެލި މައްސަލަތައް:
1- ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފާށް ހަރަދު ކޮށްފައިވުން.
2- ރަށުގެ ގޯތިތަކާ އިންވެގެން އޮންނަ ހުސް ބިންތައް ލޭންޑް ޔޫޒްޑް ޕްލޭނާ ހިލާފަށް އެ ގޯތިތަކަށް އިތުރު ކޮށްދިނުން.
3- މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ގައި ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ.
4- މި އަހަރުގެ އަޟްހާ އީދު ކުޅިވަރާއި ސްޓޭޖުލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލުން ހަރަދު ކުރުން.
5- ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމިޓީގައި ތިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ.
6- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ކައުންސިލުން ނުދިނުން.
7- މި އަހަރުގެ އަޟްހާ އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރި ކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓް ކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާ ކަމާއި އަދި އެ ތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ.
8- ހޯކްސް އަށް 5،000 އަކަފޫޓުގެ ބިމެއް ދޫކުރި ކަމަށް ބުނާ މައްސަލަ.
ހޯރަފުށި ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.---ފޮޓޯ: ހޯރަފުށި ކައުންސިލް އިދާރާ
އެލްޖީއޭ އިން މިއަދު ބުނީ، ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެ އިދާރާާ އަށް ލިބުނު ޝަކުވާތަކާ ގުޅިގެން އިންކުއަރީއެއް ހެދި ކަމަށެވެ.
އެ އިންކުއަރީ އިން ފާހަގަވީ އެލްޖީއޭ އިން ބުނި ގޮތުގައި، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރާ ކަމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އެ ބޭފުޅުން އަމަލުތައް ގެންގުޅޭ ކަމެވެ. އަދި އެލްޖީއޭގެ އެންގުމަށް އަމަލު ނުކުރަން ކައުންސިލްގެ ޖަލްސާއަކުން ނިންމާފައިވާކަން އެނގޭތީއާ އެކު، އޭގެ ސަބަބުން ހޯރަފުށި ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ ކަމަށް ފެންނަ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.
ހޯރަފުށި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއް އެ 8 މައްސަލާގައި ހިމެނޭ ނަމަ އެ ކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލައަކާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭ އިން މިއަދު ނިންމި އެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި އެ އިދާރާ އިން ބެލި މައްސަލަތަކާ ގުޅޭ ގޮތުން ލިޔުމުން ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ދިނެވެ. އަދި އެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް އެ ކައުންސިލް އިދާރާ އިން ހޯދި ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަސްލު ވާ ގޮތް
09 December 2025
ސީދާ ކުރިޔަށް އޮތް އިންތިހާބަށް ޖަހާލި މަންތިރިއެއް. ރައްޔިތުންގެ ތާއިދު އޮތުމާއި ، ދާދި ފަހުން ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ނެތި ބޭއްވި ވަރުގަދަ އެވޯރޑު ހަފްލާ ފެނިފައި ސަރުކާރުން އަންގައިގެން އެލް.ޖީ.އޭ އިން ހިންގި އިންކުއަރީއެއް. އިންކުޔަރީ އަކީ ތަޙްޤީގެއް ނޫން. އިންކުއަރީއެއްގެ ނަތީޖާއަކުން މީހެއްގެ ހައްގެއް ނިގުޅައި ގަނެވޭ ފަދަ އަދަބެއް ނުދެވޭނެ..
ޝިނާޒާ
09 December 2025
އައްޑޫގެ މޭޔަރުގެ ކަމެއްބަލައިފިޔަސް ވާނީތިޔަވަރު.
ކިނާން ހަރީމް
09 December 2025
ކައުންސިލް އިންތިޚާބު ގާތްވެއްޖެ. އިދާރާތާކުން ކެމްޕޭނަށް ނިކުމެއްޖެ
ނަޞީރުބޭ
09 December 2025
އޭރުވެސް މަބުނިން ވަގަކަށް ޙާސްދުވަހޭ ވެރިޔަކަށް އެއްދުވަހޭ! މިހާތިއޮތީ ވަގުހިފަން ފަށައިފަ! މިކައުންސިލުން މިބާވަތުގެ ކަންކަން ކުރާލެއް މަދެއްނޫން! ކިތަންމެ ވަރަކަށްވެސް މީހުންނަށް ގެވަޅުދީގެންނާ ބިންތައް ދީގެން ކޮރަޕްޝަން ހިންގާ! ބައެއް ކައުންސިލަރުން އެޕޯލޯއަށް ބިންދޫކޮށްގެއް އޮޕޯލޯއިން އެޅި ފްލެޓުން ފުލެޓް ހޯދައިފަ ހުރިވާހަކަވެސް އެމީހުން ގޭކުދިން ކިޔާއަޑުއިވޭ! ކެޔޮކޭވަރު އިނގޭނި ބިތުފަންގި ނެގީމާ ދޯ!
ޢަލީރަޝީދު
09 December 2025
މި ލިޔިން ކިޔާލީމާ އެނގުނު އެއްޗަކީ ތި ބުނާ އެލްޖީއޭއަށް ލާމަރުކަޒީ ގާނޫނުވެސް ‘ މާލިއްޔަތު ގަވާޢިދވެސް ނޭގޭކަމެވެ .އަދި ކަންކަން ބަލަން ހަމަޖެހިފައިވާ އުސޫލާއި އެޅެނެ ފިޔަވަޅާއި ‘ ފިޔަވަޅު އަޅަން ޖެހޭ މުއައްސަސާތައް ވެސް ނެގޭކަމެވެ .ނުވަތަ އެނގި ތިބެގެން ޒާތީ ޙަސަދައެއް ފިލވާލީ ކަމެވެ .
މިލލސް
09 December 2025
ކައުންސިލުން ކުރާ ޚަރަދުތައް ކުރަނީ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި އެކަން ކަށަވަރު ކުރުމަކީ މިހާރު ކައުންސިލްގެ ރައީސްގެ ޒިންމާއެއްނޫން، މިހާރުގެ ގާނޫނީ އޮނިގަނޑުއޮތް ގޮތުން އެކަންތައްތައް ބަލައި ޔަގީން ކުރަންޖެހެނީ ސެކެރެޓަރީ ޖެނެރަލް، އަދި ކައުންސިލުން މުދަލާއި ޚިދުމަތް ހޯދުމުގައި ކައުންސިލް ރައީސްގެ އަދި ކައުންސިލްގެ އެއްވެސް ދައުރެއް އޮންނާކަށް ނުޖެހޭނެ މިފަހަރު އަމަލުކޮށްފައިވަނީ ސިންގާ ބަކަރިއާ މެދު ޝަރީއަތް ކުރިގޮތަށް
އަންދަލޫސިޔާ
09 December 2025
ސަރުކާރާ ދެކޮޅަށް ޓްވީޓް ކުރާތީ ދިން އަދަބެއް. މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކަންކަން ގެންދަންޖެހޭނީ ސެކްރެޓަރީ ޖެނެރަލް އަދި ފައިނޭންސް ސެކްޝަނުގެ މީހުން. ކައުންސިލަރުން ސޮއިކުރުމަށް ގެންނަންވާނީ ބިޑް ކޮމިޓީން ވެސް ބަލާ ފާސްކޮށްފަ. ވީމާ، ބިޑް ކޮމިޓީ އެންމެންނަށް އެޅި ފިޔަވަޅެއް ނެތް. މިއީ ސީދާ ޒާތީ ހަސަދަ. ކުށަކީ އެމްޑީޕީ ގައި ތިބުން!
ރަމަ
09 December 2025
ތި މައްސަލައަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއަށް އެވޯޑެއް ދިނުމާއި ގުޅިގެން ތިލަކޮށްގެންއުޅޭ މައްސަލައެއް! ރަގަޅަށް ވިއްޔާ ތިއިން އެއްވެސް ކަމެއް ގޯސްކޮށް ނޯންނާނެ! ރައްޔިތުންނަށްވާ މިއޮތީ ސަރުކާރެއް ހޮވިފަ!
އަފްރާސިޔާބު
09 December 2025
މަގޭ ހިތަށްވެސް އެރީތިޔަހެން. އިބްރާހީމަށް ދައުވަތު ދިންހިސާބުން ފައިސާގެ މައްސަލަ ނެރުނީކަމަށްބެލެވޭނީ. ތިޔަކަމުގައި އެމީހުންވެސް ކުރީ ސަރުކާރުން ކުރާކަންކަން. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިކަމެއް. މާލޭ ވެރިންވެސް އެކިއެކި ހަފްލާ ބާއްވައި ރައްޔިތުންގެ ފައިސާ ބޭނުން ކުރަނީ. އެވެރިންވެސް އެކުރީ ކުރިއްޔާ ތިކަހަލަ ކަމެއް. ދެން ސަރުކާރުން ބޭނުންވީމާ މުސާރަ ނުލިބޭ ގޮތަށް އެއްބަޔަކު އަނެއްބަޔަކު މުސާރަ ލިބޭ ގޮތަށް ތިބެނީ. ތީތި ކަޑައޭ.
މާސްޓަރމައިންޑް
09 December 2025
ކައުންސިލުން ކުރާ ކަންކަން ގާނޫނާއި ގަވާއިދަށް ފެތޭތޯ ބެލުމަށް ކައުންސިލް ރައީސަށްވުރެ ބޮޑު މުސާރައެއްދީދަ އެސްޖީއެއް ބަހައްޓާފަ އޭނައާއި މާލީ ޒިންމާދާރުވެރިޔާކަން ހަވާލުކޮށްފަ އޮންނަނީ. އޭނަ އެއްވެސް ފަހަރަކު ތިކަން ކުރުމުގެ ކުރިން އެކަން މާލިއްޔަތުގަވާއިދާއި ޚިލާފުކަން ކައުންސިލަށް އެންގިތޯ ބަލަންޖެހޭ. ނާންގާނަމަ އޭނަ އެއޮތީ އިހުމާލުވެފަ. އެމްޑީޕީ ކައުންސިލަރުންވީމަ ތިއޮތީ ފިޔަވަޅު އަޅާފަ.
މުއުމިން22
09 December 2025
އެމްޑީޕީ ކައުންސިލަރުންވީމަ ފިޔަވަޅު އެޅިނަމަ، ސުވާލަކީ ދެން ތިބި މެންބަރުންނަށް ފިޔަވަޅު ނޭޅީ ކިއްވެގެންހޭ. އެއީވެސް އެމް.ޑީ.ޕީ މެންބަރުން
ކޮސް
09 December 2025
ހޯރަފުށީ ކައުންސިލަކީ އެރަށުގެ ރައްޔިތުންގެ ލޯބިހޯދާފައިވާ ކައުންސިލެއް. އެހެން ކައުންސިލްތަކުންވެސް ކުރާކަންތައް މިމީހުންވެސް ކުރަނީ. މިވެގެން އުޅޭގޮތަކީ ކުރީގެ ރައީސް ޞާލިޙުއަށް އެވޯޑެއްދީގެން ދިމާވެގެން އުޅޭކަމެއް. ......!