ޣައްޒާއަށް އެހީ ހިފައިގެން ވަންނަން މިސްރުގެ ރަފަހް ބޯޑަރު ކައިރީ ޓްރަކްތައް މަޑުކޮށްގެން: ހަމާސް އިން ބުނީ ރަފަހް ބޯޑަރު ހުޅުވުން ފަދަ ކަންކަން ނުކޮށް އިޒްރޭލުން އެއްބަސްވުމާ ހިލާފްވާނީ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށެން ނެތް ކަމަށް. -- ފޮޓޯ: އޭއެފްޕީ
10 ޑިސެމްބަރ 2025 - 06:03
ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ބެހޭ އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށޭށީ އިޒްރޭލުން އެއްބަސްވުމާ ހިލާފްވުމުގެ އަމަލުތައް ހުއްޓާލުމުން ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2010 އިން ފެށިގެން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން ވީ އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ހަމާސް އާއި އިޒްރޭލުން އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ކުރަމުންނެވެ.
ހަމާސް އިން ބުނީ އިޒްރޭލުން އެއްބަސްވުމާ ހިލާފް އަމަލުތައް ތަކުރާރުކޮށް ހިންގަމުން ދަނިކޮށް އިތުރު މަރުހަލާއެއް ނުފެށޭނެ ކަމަށާއި އެހެންވެ، ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުން އެކަމުގައި އިޒްރޭލަށް ޕްރެޝަރުކުރަންޖެހޭ ކަމަށެވެ.
ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު ހުސާމް ބަދްރާން ވިދާޅުވީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލުން އަމަލު ނުކުރާ ކަމަށެވެ. އޭނާ އެއް ކަމެއްގެ ގޮތުގައި ދެއްކީ ރަފަހް ބޯޑަރު ހުޅުވާލަން ބުނި ނަމަވެސް އެކަން ވެސް ކޮށްފައި ނުވުމެވެ. ރަފަހް ހުޅުވަން އޮތީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިތުރު ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރޭގަ އެވެ.
އޭނާ ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ތަންފީޒު ކުރުމަށް އިޒްރޭލަށް ޕްރެޝަރު ކުރުމަށް މިސްރާއި ގަތަރު އަދި އެމެރިކާ ފަދަ ގައުމުތަކަށް ގޮވާލައްވައިފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ހަމާސް އިން އިޒްރޭލު ރަހީނުންގެ ތެރެއިން ދިރިތިބި އެންމެންނާއި މަރުވި މީހުންގެ ހަށިތައް ހިމެނޭހެން 47 މީހަކު އިޒްރޭލާ ހަވާލުކުރަން ޖެހެ އެވެ. ހަމާސް އިން ވަނީ ދިރިތިބި އެންމެ ދޫކޮށްލުމަށް ފަހު ދެން ހުރި ހަށިތަކުގެ ތެރެއިން އިޒްރޭލު ފުލުހެއްގެ ހަށިގަނޑު ނޫން ހުރިހާ ހަށިތަކެއް ވެސް މިހާރު ހަވާލުކޮށްފަ އެވެ.
ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ހަމަލާތައް ހުއްޓުމަކަށް ގެނައި އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި ޣައްޒާ ހިންގުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރުމާއި ބައިނަލްއަގުވާމީ ފައުޖަކުން ސުލްހަ ބެލެހެއްޓުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު123
10 December 2025
އޮކްޓޫބަރު 7، 2010 ؟؟