ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސްޓެލްކޯ އިން ވަޒީފާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު ވާހަކަ ދައްކަވަނީ
11 ޑިސެމްބަރ 2025 - 13:42
ސްޓެލްކޯއިން މިއަދު އަލަށް ވަޒީފާ ހަވާލުކުރި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކު، އެ ކުންފުނިން ވަޒީފާ ދިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު މިހާރު 80 އަށް އަރާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން އަލަށް ވަޒީފާގެ ފުރުސަތު ދިން ނުކުޅެދުންތެރިކަން ހުންނަ 30 މީހުންނަށް، ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަމާހު ވަނީ މިއީ 20 ރަށަކުން ހޮވާފައިވާ މީހުން ކަމަށާއި އެ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަކީ ކުންފުންޏަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޝަމާހު ވިދާޅުވީ މިފަދަ ފުރުސަތުތައް ދިނުމަކީ ގައުމީ ތަރައްގީގައި ބައިވެރިވެ އެ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމަށް ދެވޭ މުހިންމު ފުރުސަތެއް ކަމަށެވެ.
"ވަޒީފާގެ މާހައުލަކީ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް, މުޖުތަމައުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް. އުއްމީދަކީ އެހެން މުއައްސަސާތަކާއި ކުންފުނިތަކުން މިކަން މިސާލަކަށް ނަގައި، މި ފަދަ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން،" ޝަމާހު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޝަމާހު ވަނީ ކޮންމެ މީހެއްގެ ކިބައިގައި ވެސް ގާބިލުކަމާއި ހުނަރު ހުންނާނެ ކަމަށާއި އެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެ ރަސްމިއްޔާތުގައި، ވަޒީފާ ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ނެރުމުން އެ މީހުންނަށް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އެ ކަމަކީ ދިރިއުޅުމުގެ އާދަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ސިއްހީ ގޮތުން ބަލާއިރު, އާ ރަހުމަތްތެރިން ލިބުމަކީ އެ ފަރާތްތަކަށް ލިބޭނެ ބޮޑު ނަފްސާނީ ހިތްހަމަޖެހުމެއް. އަދި މިއީ ނަފްސުގެ އިތުބާރު އިތުރުވާނެ ކަމެއް. އަދި ވަކި ގަޑިއަކަށް ހާއްސަ މަސައްކަތްތަކެއް ކުރަން ލިބުމަކީ ޖިސްމާނީ ގޮތުން ވެސް ދުޅަހެޔޮ ވާނެ ކަމެއް. އަދި މިއީ ހަރުދަނާ ސިފަތައް އަށަގަންނާނެ ކަމެއް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވާހަކަ ދައްކަވަނީ.
ފަސްޓް ލޭޑީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދިނުމުން ހުނަރުތައް އަށަގަނެ, ހުނަރުތައް ތަރައްގީވާނެ ކަމަށެވެ. އަދި މިކަމުން، ލިބޭ އާމްދަނީ ބެލެހެއްޓުމާއި އުފެއްދުންތެރި ގޮތުގައި އާމްދަނީ ބޭނުންކުރުމަށް ދަސްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ އެކި ކުންފުނިތަކުން އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު އަންނަނީ ހަމަޖައްސަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޖިިލިސް11
11 December 2025
މުޅިންވެސް ކަންދެއްކުން. ރައްޔިތުން ފެލައިގެން ހިންގާ ކުންފުނިތަކުން ޒިންމާދާރުކަމާއެކު ކުންފުނިތައް ހިންގަންޖެހޭ.
އުދުހޭ
11 December 2025
ކުރާނެ މަސައްކަތެއް ނެތި ވަޒީފާ އުފައްދައިގެން ދެންޏާ ގޯސް. 80 މީހުން އެއްފަހަރާ ބޭނުންވާނެކަމަށް ނުވިސްނޭ. މީ އަލަށް ކަރަންޓް ދެނީކީނޫން ދެއްތޯ. އަނެއްކޮޅުން ފަޒީފާ އަދާކުރެވޭނެތޯވެސް ބަލަންޖެހޭ.