ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތައް އުޅޭ ޓެންޓެއްގައި ފެން ބޮޑުވެފައި ވާއިރު އެތަނުގައި އުޅޭ ކުދިން އެތެރޭގައި މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
13 ޑިސެމްބަރ 2025 - 12:07
އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލައި ހާލުގައި ޖައްސާފައިވާ ފަލަސްތީނުގެ ޣައްޒާއަށް ބޯކޮށް ވާރޭ ވެހި އަދި ފިނި މޫސުމުގެ އަސަރު ގަދަވަމުން ދާއިރު މިދިޔަ 24 ގަޑިއިރު ތެރޭ މަދުވެގެން 16 މީހަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދު ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގަދަ ފިނީގެ ސަބަބުން މަރުވި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.
ތޫފާން ބައިރަންގެ ސަބަބުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ތިބޭ ޓެންޓުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. ސިވިލް ޑިފެންސް އެޖެންސީން އޭއެފްޕީއަށް ބުނި ގޮތުގައި ވިއްސާރަ އާއި ފިނީގެ ނުރައްކާ ބޮޑުވެފައި ވާއިރު މަރުވި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކީ ޣައްޒާ ސިޓީގައި މަރުވި ކުދިންނެވެ. އަދި އެއް ކުއްޖަކު ޚާން ޔޫނިސްގައި މަރުވި ކަމަށް ބުންޏެވެ.
ޣައްޒާ ސިޓީގެ ޝިފާ ހޮސްޕިޓަލުން ބުނީ އުމުރުން ނުވަ އަހަރުގެ ހަދީލް އަލް މަސްރީ އާއި ތައިމް އަލް ޚަވާޖާ މަރުވެފައިވާ ކަމަށެވެ. އަދި ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުން ބުނީ އެ ތަނުގައި ފިނީގެ ސަަބަބުން މަރުވީ އުމުރުން އެންމެ އަށް މަހުގެ ރަފާހް އަބޫ ޖަޒާރް ކަމަށެވެ.
ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން އުޅޭ ޓެންޓުތަކުގެ ތެރޭގައި ފެން ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން ޣައްޒާގެ ހުރިހާ އިމާރާތެއްހެން ހަލާކުކޮށްފައި ވާތީ ގިނަ މީހުން އުޅެނީ ޓެންޓުގަ އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ޣައްޒާގައި ބަޔަކު ތިބި ގެއެއް ވިއްސާރައިގެ ސަބަބުން ވެއްޓި، އެތަނުގައި ތިބި ހަ މީހަކު މަރުވި ކަމަށެވެ. އަދި އެހެން ގެއެއްގެ ތެރެއިން ވެސް ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
ދެން މަރުވި ފަސް މީހުންނަކީ ވެސް ހަލާކުވެފައިވާ އިމާރާތްތަކުގެ ފާރުތައް ވެއްޓުމުގެ އެކި ހާދިސާތަކުގައި މަރުވި މީހުން ކަމަށް ބައްސާލް ވިދާޅުވި އެވެ.
ސިވިލް ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނީ 13 ގެއެއް ވެއްޓިގެން އެހިއަށް އެދި ރިޕޯޓްކޮށްފައިވާ ކަމަށެވެ. ގިނަ ގެތައް ވެއްޓިފައިވަނީ ޣައްޒާ ސިޓީގެ އުތުރު ސަރަހައްދުން ކަމަށް އެ ބަޔާނުގައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި މޫސުމީ ކާރިސާތައް ގިނަވެފައި ވާއިރު ގިނަ މީހުންނަށް އުޅެން ޖެހިފައިވަނީ ބިންގަނޑު ތިރި، ފެން ހިންދޭނެ ގޮތެއް އަދި ރައްކާތެރިކަމެއް ވެސް ލިބެން ނެތް ތަންތަނުގައި ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައިލީމް
13 December 2025
އަވަހަށް ދުއާކުރަންވީ. ގުނޫތު ކިޔަންވީ.