ބީއެމްއެލްގެ އިންޓާންޝިޕްގެ ފުރުސަތު މި އަހަރު ދިން މީހުންނާ އެކު އެ ބޭންކުގެ ބައެއް އިސްވެރިން ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ބީއެމްއެލް
14 ޑިސެމްބަރ 2025 - 15:58
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މި އަހަރުގެ އިންޓާންޝިޕްގެ ފުރުސަތު 25 މީހަކަށް ދީފި އެވެ.
އެ ބޭންކުން މިއަދު ވަނީ 25 މީހުންނަށް މަރުހަބާ ކިޔަން ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. ގްރެޖުއޭޓް އިންޓާންސް އާއި ޓެކްސްޓާޓް އިންޓާންސް ހިމެނޭހެން 25 އިންޓާންސް އިން އެ ރަސްމިއްޔާތުގައި ބައިވެރި އެވެ.
ބީއެމްއެލްގެ ޓެކްސްޓާޓް އިންޓާންޝިޕަކީ އައިޓީ ދާއިރާ އިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މި އަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ. އެއް އަހަރު ދުވަހުގެ އެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރު ކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓުތަކާއި ޑިޕާޓްމަންޓުތަކާއި ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ ކަަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން އަލަށް ފުރުސަތު ދިން އިންޓާނުންނަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންނާ ލިޔުން ހަވާލުކުރި އެވެ. އޭގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބީއެމްއެލް އިން ދާއިމީ ވަޒީފާގެ ފުރުސަތު ވެސް ދީފަ އެވެ.
ބީއެމްއެލް އިން 2018 ވަނަ އަހަރު ފެށި އިންޓާންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 މީހަކަށް ވަނީ ފުރުސަތު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy