15 ޑިސެމްބަރ 2025 - 15:19
އަންނަ ހުކުރު ދުވަހު ބާއްވާ ފަންރަންއާ ގުޅުވައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މިއުޒިކް ޝޯގައި، މަޝްހޫރު ބޭންޑް ޓްރެފިކް ޖޭމްގެ އާ ލައިންއަޕާ އެކު ޕާފޯމްކުރާނެ ކަމަށް ބުނެފި އެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި އެ ބޭންޑުގެ ލައިންއަޕަށް ނެރުނު ދެ މެމްބަރުން އިއުލާނުކޮށްފައި ވާއިރު، މި އާ ލައިންއަޕްގެ އެންމެ ފުރަތަމަ ޕާފޯމަންސް ދިނުމަށް ހަމަޖެހިފައި ވަނީ އުރީދޫ ފަން ރަން މިޔުޒިކް ޝޯގައި ކަމަށް އުރީދޫން ބުންޏެވެ.
އެ ބޭންޑަށް އަލަށް ތައާރަފްވީ ބޭސް ގިޓަރިސްޓަކާއި ޑްރަމަރެކެވެ. އެ ބޭންޑުގެ ބޭސް ގިޓަރިސްޓެއްގެ ގޮތުން އެ ބޭންޑާ ގުޅިފައި ވަނީ ރާއްޖޭގެ ގިނަ ފަންނާނުންތަކަކާ އެކު މަސައްކަތްކޮށްފައިވާ ކުޅާދާނަ ބޭސް ގިޓަރިސްޓު އައްޑޯ އެވެ. އަދި ޑްރަމްސް/ޕާކަޝަންއަށް ގުޅުނު އިއްބެ އަކީ 30 އަހަރުގެ ތަޖުރިބާއާ އެކު ވަރުގަދަ ރިދަމް ސެކްޝަނެއް ގެނެސްދޭ ފަންނާނެކެވެ.
މި ބޭންޑުން މި އަހަރު 20 އަހަރު ފާހަގަކުރަމުން ދާއިރު، އުރީދޫ ފަން ރަން މިއުޒިކް ޝޯގައި އެ ބޭންޑުގެ ހިތްގައިމު ވަރުގަދަ ހުށަހެޅުންތަކެއް ފެންނާނެ ކަމަށް އެ ބޭންޑުން ބުންޏެވެ. ޓްރެފިކް ޖޭމަކީ ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ލަވަތަކެއް ގެނެސްދީފައިވާ ބޭންޑެކެވެ. އެ ބޭންޑުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އާ ސްޓޫޑިއޯ އަލްބަމެއް ނެރުމަށެވެ.
އުރީދޫން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ފަން ރަން މިއުޒިކް ޝޯގައި ޓްރެފިކް ޖޭމްގެ އިތުރުން އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް އިން ޕާފޯމްކުރާނެ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ މި ޝޯ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8 އިން 12 އަށެވެ.
މިއީ ހުކުރު ދުވަހު އޮންނަ ފަން ރަންގެ ފޯރި އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ދުވުމާ ގުޅުވައިގެން އުރީދޫން ބާއްވަމުން އަންނަ ޝޯއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy