ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޑިސެމްބަރ 2025 - 23:15
މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 52 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށާއި އެމީހުން ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް، މާލޭގައި ހިންގާ މަސާޖު ޕާލާތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވުމުން، އެ މައްސަލަ އަވަހަށް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި މަހު 9 ވަނަ ދުވަހު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން މިއަށް [މަސާޖު ޕާލާގެ މައްސަލައަށް] އިތުރު ފޯކަސްއެއް ދީފިން. އިތުރު މަސައްކަތްތަކެއް ކުރަން ނިންމައިފިން. ނިންމައި މިކަމާ ގުޅޭ އިދާރާތައް އެއްވެ، މި ކަމަށް އިތުރު ހިތްވަރެއް ލައި، އިތުރު ރިސޯސްތައް އިތުރުކޮށްގެން ހާއްސަ އޮޕަރޭޝަނެއް މި މަހުގެ 9 ވަނަ ދުވަހު ފެށި،" ރައީސް ވިދާޅުވި އެވެ.
"ހަފުތާއެއް ވީ އިރުގައި، މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުކުރެވިއްޖެ."
ރައީސް ވިދާޅުވީ ބަންދުކުރި 52 ތަނުގެ ތެރެއިން 24 ތަނަކީ އިމިގްރޭޝަންގެ އޮޕަރޭޝަންގައި ބަލައި ފާސްކޮށް ބަންދުކުރި ތަންތަން ކަމަށެވެ. އަދި އިތުރު 28 ތަނެއް ބަންދުކުރީ މި އޮޕަރޭޝަން ފެށިކަން އެނގިގެން އެ ތަންތަން ހިންގި މީހުން އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 10 ބިދޭސީއަކު ހިފަހައްޓާފައިވާއިރު، އެ އެންމެން ވެސް ޑީޕޯޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައްޔިތުން ދިން ހިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބަލައިގަނެ، އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުޖުތަމައުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ހިޔާލުތައް އެމަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށެވެ. ކޮންމެ މީހަކު ހުށަހަޅާ ހިޔާލު ވެސް އަޑުއައްސަވާނެ ކަމަށާއި އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޖްތަމަޢުގެ
17 December 2025
މުޖްތަމަޢުގެ ކަންކަން ހައްލުކޮއްބަލަ. މައިން ބަފައިންނާ ގޭތެރެއިން ފަށައިގެން.. ކުދިން ބޮޑުކުރުމުގެ އިލްމު އެމީހުންނަށް ދޭންޖެހޭ އެބަ
ޱރ ހެލްތު
17 December 2025
ހަމަ ބަލަންވީނޫންތޯ ރެސިޱެންޝަލް ބިލްޱިންގު ތަކުގަ ވަކިވަކި އެޕާޓްމެންޓް ތަކުގަ ގެސްޓްހައުސް ނުހިންގޭ ގޮތައްވެސް މިހާރު އެބަހުރި 2 ފުލެޓް ފުލޯއެއްގަ ހުންނައިރު އެއްތަނުގަ މީހުންއުޅެފަ އަނެއްތަނުގަ ގެސްޓްހައުސް ހުރި ބިލްޱިންގ ތައްވެސް ބެލީމަ ފެންނާނެ އެއްނަމެއްގަ ދެބިލްޱިންގ ގަ އެބަހިންގާ ގެސްޓް ހައުސް 3 ކޮޓަރި ހަސަނު ގޯތީގަ އަނެއް 3 ކޮޓަރި އަލީ ގޯތީގަ މާފަންނުގަ އަދި ހެންވޭރުގަ
ދޭސީދޭސީ
17 December 2025
ޕާލާތައް ބަންދުކުރަނީ. ޕާލްކުރުމެއް ބަންދެއްނުކުރެވޭ. މި ޤައުމުގައި ބޮއްސުންނުލާ އެއްކަމެއްވެސް ނެތް. ބިދޭސީންނަށް މިހާ މިނިވަންކަމާއެކު އުޅެވޭ ޤައުމެއްވެސްނެތް. އަދި ބިދޭސީންކުރާ ކުށްތަކަށް ދެވޭނެ އަދަބެއްވެސްނޯވޭ. އެންމެބޮޑުވަރަކަށް ކޮށްލެވެނީ ޑީޕޯޓް. އޭރުން އޭނާ އަންނާނެ ޖެހިގެން އަންނަމަހު ކޮންމެވެސް އެހެންނަމެއްގައި ކޮންމެވެސް އެހެން ކަމަކަށް. ބިދޭސީންނާއެކު ދިވެހީންގެ ޝާމިލުވުން ނެތްކަމެއް ނެތޭވެސް ބުނެވޭހިސާބުގައި މިހާރު ކަންތައް މިއޮތީ
ރިބޯޗޯރު
17 December 2025
ތިމަސާޖުފާލާތަކަކީ ރީދޫބަލީގެ މީހުންގެ ވެރިކަމުގައި ހުޅުވާފައިވާތަންތަން
ޱރ ހެލްތު
17 December 2025
ބަންދު ބޯޱު އެޅުވުމަކުން ތިޔަކަމުގެ ހައްލެއް ނުލިބޭ ސިއްޙީދާރާއިގެ ތަޖުރިބާކާރުންނާއި ދުޅަހެޔޮ ސިއްހަތައް މަސައްކަތް ކުރާފަރާއްތަކާއި އެކު ހެލްތު މިނިސްޓްރީން އިނޝީދެ މަޝްވަރާ ކުރަންވީ ވަގުތު މިއޮތީ ޖެހިފަ މާޒީގެ ތަޖުރިބާ ބޭނުންކޮށްގެން. ވެލްނެސް މަސާޖު ކުރާތަންތަނުގަ ހުންނަންޖެހޭ މިންގަޱުތަކާއި ޤަވާއިދުތައް މިސާލަކަށް އެއްވެސް ތަނެއް ގުރައުންޱު ފުލޯއަށް ވުރެ މަތީގަ ނުހިންގުން މަގުން ވަދެވޭގޮތައް ދޮރުހުރުން، ތެރަޕިސްޓުންގެ ފެންވަރު ތައުލީމީ.
އެމްސް
17 December 2025
100% ބިދޭސީންނާއި އެކު ހިންގާ ވިޔަފާރިތައް ހުއްޓުވަން އެއްވެސް ކަމެއް ނުކުރެއްވެއެވެ!
ހައިޝަމްް
17 December 2025
މި ގިނަ މަސާޖް ޕާލާތައްވެސް ހިންގަނީ ބިދޭސީން. މިހެންވެއޭ އަސްލު ކޯޓާ ދޫކުރާ ގޮތުގެ އުސޫލުތައް ހަދަން ޖެހެނީ. ބިއުޓީޝަނުންނޭ ކިޔާފަ މި ގެންނަނީ. އެކަމަކު އައިއްސަ މި ކުރަނީ މުޅިން އެހެން ކަމެއް. މިކަހަލަ ހުރިހާ ވިޔަފާރިއެއްހެން މި ހިންގަނީ ބިދޭސީން. މި ގައުމުން ދުވާލަކަށް ކިހާ ޑޮލަރެއް އެމީހުން ބޭރު ކުރާ ކަން ދިވެހީންނަށް އިހުސާސް ނުވަނީ
އެމްސް
17 December 2025
ހުރިހާ ޙަރާމްކަމެއްގަ ގިނައީ ބިދޭސީން ކަމަށް . . . އެކަމަކު މިޤައުމުގަ ތިބެންވީ ކިހާ ބިދޭސީންކަމެއް އަދިވެސް ކަނޑައެއް ނޭޅެއެވެ!
ނާނުު ނައްނު
17 December 2025
ސާބަހޭ ރައީސް މުއިއްޒު. މި ގައުމު ހަމަ މަގަށް އެޅުވެންޏާ އެޅުވޭނީ ރައީސް މުއިއްޒަށް އެކަނި. އަދި އިތުރު ދައުރެއް ވަރަށް ބޭނުންވާނެ. 5 އަހަރަކީ ހުރިހާ ކަމެއް ހައްލު ކުރަން ވަރަށް މަދު ވަގުތުކޮޅެއް
ލަޔާން ޒުހައިރް
17 December 2025
މަސާޖް ޕާލާ ތައް ބަންދު ކުރުމާ އެކީ އެތަންތާ އޯނަރުން ލާން ވީ ގޮޅިއަށް. ފިރިން ގޮސް މުސާރަ އެއްކޮށް ތަޅާ ހުސް ކޮށްލަނީ މިތަންތަނަށް
އުސްމާނުބެ
17 December 2025
24 ތަން ބަންދުކުރި އިރު ހައްޔަރު ކުރެވުނީ 10 މީހުން ، މިހިސާބު ދިމާވޭތަ ، ވެދާނެ ދަބަލް ޑިއުޓީ ނަގަނީ މަކައްވެސް .
ޔޫސުފްބެ
17 December 2025
މަސާޖް ޕާލާތައް ހިންގަނީ ސެލޫންގެ ގޮތުގަ. ޢެތަންތާނަ ގިނައިން ތިބެނީ ބިއުޓީޝަނުން ގޮތުގަ ވިސާ ނަގައިގެން ގެންނަ މީހުން. ޢެފަދަ މީހުން ހައްޔަރު ކުރެވެނީ ގާނޫނާ ހިލާފުކަމެއް ކުރަނިކޮން އެތަނަށް ވަދެވިއްޖެނަމަ. މިހާރު ހައްޔަރުކޮށްފަ ތިތިބި މީހުންނަކީ ގަވާއިދާ ހިލާފަށް އެތެރެވެފަ ތިބި މީހުންކަމަށް ބެލެވެނީ.