އެމްޓީސީސީން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ބައިވެރިވަނީ.
01 މެއި 2017 - 00:51
އެމްޓީސީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 115.3 މިލިއަން ރުފިޔާ ލިބުނުއިރު ހިއްސާއަކަށް 24ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން މިއަދު ނެރުނު މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރިކުރުމަށް އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަނދަރު ހެދުމާއި ބިން ހިއްކުމާއި އިމާރާތްކުރުން އަދި ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިން ނެރުނު ހިސާބުތައް ދައްކާ ގޮތުން 288.5 މިލިއަން ރުފިޔާ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 162.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެމްޓީސީސީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ވިޔަފާރީގެ ފައިދާއިން ޓެކްސްގެ ގޮތުގައި 16.3 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 115.3 މިލިއަން ރުފިޔާ ލިބުނުއިރު 2015 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 156.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ 32ރ. އެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ މިންވަރު ފާސްކުރަނީ ދެން އޮންނަ އަހަރީ އާއްމު ޖަލްސާއެއްގަ އެވެ. މިއަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އެ ކުންފުނިން އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮމް
01 May 2017
ކޮބައިހޭ އެމްޓީ ޑީސީ. ކުންފުނިތަކުން ފައިދާ ބަހާއިރު ރަންބިސް އަޅާ ކުކުލު ނިދާފަ.