އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ. --ފޮޓޯ:އޭއެފްޕީ
10 މެއި 2017 - 09:56
ވޮޝިންޓަން (މެއި 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވެވަޑައިގެން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި އެވެ.
ވައިޓް ހައުސް އިން ބުނީ ކޯމޭ މަގާމުން ވަކިކުރީ ހިލަރީ ކްލިންޓަނުގެ އީމެއިލްތަކުގެ މައްސަލައިގައި އަމަލުކުރި ގޮތުން ކަމަށެވެ. ނަމަވެސް ޑިމޮކްރެޓިކުން ބުނަނީ ކޯމޭ މަގާމުން ދުރުކުރީ ޓްރަމްޕުގެ ކެމްޕޭނަށް ރަޝިޔާ އިން އެހީވި ކަމަށް ބުނާ މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަން އުޅުމުން ކަމަށެވެ.
އެފްބީއައިގެ ޑިރެކްޓަރު މަގާމުން ދުރުކުރި އިރު ވަނީ ހިލަރީގެ އީމެއިލްތަކުގެ މައްސަލައާ ގުޅޭ ގޮތުން ކޯމޭ މިދިޔަ ހަފުތާގައި ކޮންގްރެސް އަށް އެކަށީގެން ނުވާ މައުލޫމާތު ދިން މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.
ކޯމޭ އަށް ޓްރަމްޕް ފޮނުއްވި ސިޓީގައި ވަނީ ބިއުރޯ އެކަށީގެންވާ ގޮތެއްގައި ހިންގުމުގައި ކޯމޭ ނުކުޅެދިފައިވާ ކަމަށް އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ލަފާ ދެއްވާފައިވާ ކަމަށެވެ.
ވައިޓް ހައުސް އިން ބުނީ ކޯމޭގެ ބަދަލުގައި އެފްބީއައި އަށް އާ ވެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަގާމުން ދުރުކުރި ކަމުގެ ލިޔުން ސްޓާފަކު ހަވާލު ކުރި އިރު ކޯމޭ ގެންދެވީ ލޮސް އެންޖަލްސްގައި އެފްބީއައިގެ އެޖެންޓުންތަކަކާ ވާހަކަ ދައްކަވަމުންނެވެ. އެ ލިޔުމަށް ބައްލަވާ ލެއްވުމަށް ފަހު، ކޯމޭ ހީކުރެއްވީ އެއީ ޖޯކެއް ކަމަށެވެ. އުމުރުން 56 އަހަރުގެ ކޯމޭ އެފްބީއައިގެ 10 އަހަރުގެ ޓާމުގެ ތެރޭން ހަތަރު އަހަރު ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.
ޚާރިޖީ ވަޒީރުކަމުގައި ރަސްމީ ކަންކަމުގައި ހިލަރީގެ އަމިއްލަ އީމެއިލް ބޭނުން ކުރެއްވި މައްސަލައިގެ އާ ތަހުގީގެއް ކުރަމުންދާ ކަމަށް ކޯމޭ ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން 10 ދުވަހަށްވެފައި ވަނިކޮށް ހާމަ ކުރައްވައިފަ އެވެ. ކޯމޭގެ އެ ނިންމެވުމާ އެކު ހިލަރީގެ ކެމްޕޭނަށް ބޮޑު އަސަރެއް ކުރި އެވެ. އެކަމަނާ ދާދި ފަހުން ވަނީ އިންތިޚާބު ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ކޯމޭ ކަންތައް ކުރެއްވި ގޮތް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްލިމްމީހާ
10 May 2017
މި ވަރަށް ހެއްވާ ނިންމުންތައް ނިންމާ ވެރިއެއް...ހަމަ ރުޅި އައީ އެކަމެއް ނިންމާލީ...ތަންކޮޅެއް ޒިއްމާދާރުވެބަލަ.
ފުރޭތަ
10 May 2017
މިވީކިހިނެއް މިސޮރުގެ ސަބަބުން ޓުރަންޕެޓް އައް އިންތިހާބު ކާމިޔާބުވީ
ަސދ
10 May 2017
އެއީ ޑިމޮކްރަސީ އަކީ. ކާމިޔަބުވިޔަސް އޭނާކުރި ގޯސްކަމަށް އެހަމަލާ ދިނީ.
ވައްޑޭ
10 May 2017
ދުނިޔޭގެ ނަމޫނާ ޑިމޮކުރަސީ.މިރާއްޖޭގަ ވެސް ކަންކުރަނީ ކުރަންވީމަ،ފިޔަވަޅު އަޅަންޖެހޭ ކަންކަމުގަ އަޅަނީ.ރައްޔަތުންނަކަށް އެކަންކަމެއް ނޭގޭނެ.ކުރެވޭނެ ކަމަކީ މހޮޓާތަކުގަ ވެރިންނަށް އެއްޗެތި ކިޔުން .މިކަހަލަ ހަގީގަތްތަށް ނެގޭނެ.އެމެރިކާގެ ހޮޓާތަކުގަޔާކެފޭތަކުގަވެސް ގިނަބަޔަކު އެކަންކުރަނީ ރާއްޖެގަ ވެސް ކުރާގޮތަށް.