19 މެއި 2017 - 19:40
އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން ނިއު ރޭޑިއަންޓް ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ދިން އަދަބަށް އިހުތިރާމްކުރާ ކަމަށާއި އެކަމަކު އެއީ އޭނާގެ އަމަލުތަކަށް ބިނާކޮށް ދީފައިވާ ސަސްޕެންޝަނެއް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އިމްރާން ދެ މެޗަށް ސަސްޕެންޑްކޮށް، 2000ރ. އިން ޖޫރިމަނާކުރީ، ދެ ކުޅުންތެރިއެއްގެ މެދުގައި ހިނގައިދިޔަ ކަންތައް ބޮޑު ހަމަނުޖެހުމަކަށް ވުމުގައި އިމްރާނުގެ ހިއްސާއެއް ވާ ކަމަށާއި، ދަނޑު މަތީގެ މަޝްރަހު ހޫނުކުރަން އިމްރާނުގެ އަމަލުތައް މަގުފަހިވެފައިވާތީ އާއި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރުކަން 17 އަހަރަށް ވުރެ ގިނަ ދުވަހު ކޮށްފައިވާ އަދި ކުރިއަރަމުން އަންނަ ކުޅުންތެރިން މިސާލެއްގެ ގޮތުގައި ދެކެމުން އަންނަ ޝަހުސިއްޔަތެއްގެ ފަރާތުން އެފަދަ އަމަލެއް ފެނިފައިވާތީ ކަމަށް ބުނެފައިވެ އެވެ.
އެއަށް ރައްދު ދެމުން އިމްރާން ބުނީ 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލުތަކެއް ފެނުނު ކަމަށް އެފްއޭއެމުން ބުނެފައިވާއިރު، ވަކި އޭނާއަށް ވެގެން ދަނޑު މަތީގައި ތަފާތު ގޮތެއް ނޯންނަ ކަމަށެވެ.
"ހަމަ އެހެންމެ 17 އަހަރު ދުވަހު ގައުމީ ޓީމަށް ކުޅެ އޮފިޝަލްކޮށް ރިޓަޔާކޮށް އެފްއޭއެމަށް 2016، އޮކްޓޯބަރު 17 ވަނަ ދުވަހު ފޮނުވި ސިޓީއާ ބެހޭ ގޮތުން ސިޓީއެއް ވެސް އަދި ސޯޝަލް މީޑިއާ ޕޯސްޓެއް ވެސް ފެނިފައި ނުވުމަކީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކެވެ،" އިމްރާން ފޭސްބުކުގައި ލިޔެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ހުރިހާ ކްލަބްތަކާއި ކުޅުންތެރިންގެ ބެލެނިވެރި ފަރާތް ކަމަށްވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އޭނާ 17 އަހަރު ގައުމީ ޓީމަށް ކުޅެފައި ހުއްޓާލުމުން "ޝުކުރިއްޔާ" އޭ ވެސް ބުނެ ނުލެވުމަކީ ދިވެހި ފުޓްބޯޅައިގެ މިސާލު ދައްކަން ޖެހޭ ފަރާތުން ކަންކުރަން ޖެހޭ އެންމެ ރަނގަޅު ގޮތްތޯ ހިތުގައި ސުވާލު އުފެދޭ ކަމެކެވެ.
"އެހެންވެ ދެއްކި ހުއްޖަތަކީ އަޅުގަނޑަށް އެހާ ގަބޫލުކުރަން ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން އަޅާފައިވާ ފިޔަވަޅަކަށް ވާތީ އަޅުގަނޑު އެ ފިޔަވަޅަށް ފުރިހަމައަށް އިހުތިރާމްކޮށް ބޯލަނބާނެކަން ތި ހުރިހާ ސަޕޯޓަރުންނަށް ޔަގީންކޮށް އަރުވަމެވެ." ގަދަފަދަ ދެކުނު ކޮރެއާއާ އެއްވަރުކުރި މެޗާއި 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެެއް އަދާކުރި އިމްރާން ބުނެފައިވެ އެވެ.
އިމްރާން ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ ތުހުމަތުތަކެއް ކުރެވޭ ވަރުގެ ކަމެއް، ﷲގެ ވާގިފުޅާ އެކު، އޭނާގެ ފަރާތުން ނުފެންނާނެކަމުގެ ޔަގީން ސަޕޯޓަރުންނަށާއި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެންމެންނަށް ދޭ ކަމަށެވެ.
"ދިވެހި ފުޓްބޯޅައަށް އަބަދުވެސް އެދެނީ އަދަށް ވުރެ ފެހި މާދަމާއެކެވެ،" އިމްރާން ބަޔާން ނިންމާލާފައިވެ އެވެ.
އެރޭގެ މެޗަށް ފަހު ހޫނުވީ ނިއުގެ އެޑްރިއަން ގަލާޑޯ އާއި އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ސަލާންކުރަނިކޮށް މުއްކި އާއި ނިއުގެ އެޑްރިއަން ގަލާޑޯއާ ދެމެދު ހިނގި ޒުވާބަކަށް ފަހު ފެނުނީ ގަލާޑޯ ދަނޑު މައްޗަށް ވެއްޓުނުތަނެވެ. އެ ވަގުތު އިމްރާން ވެސް ހިމެނޭ ގޮތަށް ނިއުގެ ގިނަ ކުޅުންތެރިންތަކެއް މުއްކި ވަށާލި އެވެ. އަދި ދެ ޓީމުގެ ކުޅުންތެރިންނާއި ބައެއް އޮފިޝަލުންނާ މެދު ހަމަލާތަކެއް ބަދަލުކުރި އެވެ. އެކަންތައްގަނޑު މައިތިރި ވުމަށް ފަހު، ދެން ހޫނުވީ އިމްރާން ދަނޑުން ފައިބަނިކޮށް އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ނިމާދު ގޮސް އިމްރާނު ގައިގައި ޖެހިގަތުމުންނެވެ. އެއާ އެކު އިމްރާން ވެސް ނިމާއާ ދިމާލަށް ދިޔަ އެވެ. އެކަމަކު ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް އިމްރާން ހުއްޓުވި އެވެ.
ޓަވަރޭސް ބުނީ ކެޕްޓަންގެ ހައިސިއްޔަތުން އިމްރާން ފުރަތަމަ ދިޔައީ ހަމަނުޖެހުން ހުއްޓުވަން ކަމަށާއި އެކަމަކު އޭގެ ބަދަލެއްގެ ގޮތުގައި ލިބުނީ އަދަބު ކަމަށެވެ.
ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މުއްކި އާއި ގަލާޑޯ އަދި ނިއުގެ ޖަމީލް ލީފްލޭންގް، ދެ މެޗަށް ސަސްޕެންޑްކޮށް 4000ރ. އިން ޖޫރިމަނާކުރުމަށެވެ. މުއްކި އަށް ގަލާޑޯ ހަމަލާ ދީފައިވާ ކަމަށާއި އަދި ގަލާޑޯ އަށް ވެސް މުއްކި ހަމަލާ ދިން ކަމަށް އަދި އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އަށް ޖަމީލް ހަމަލާދީފައިވާ ކަމަށް ޑިސިޕްލިނަރީ ކޮމިޓީއަށް ވަނީ ސާބިތުވެފަ އެވެ. އެކަމަކު ކުޅުންތެރިއަކަށް ހަމަލާދީފައިވާކަން އިމްރާނުގެ މައްޗަށް ސާބިތުވި ނުވި ނަމަވެސް އޭނާ އަށް ވެސް އައިސްފައިވާ އަނެއް ތިން ކުޅުންތެރިންނަށް އައިވަރުގެ ސަސްޕެންޝަނެކެވެ.
ކޮމިޓީން ވަނީ އީގަލްސްގެ ނިމާ ފަސް މެޗަށް ސަސްޕެންޑްކޮށް 8000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. މީގެ އިތުރުން ނިއުގެ ސޮލާ އަށް ވަނީ ހަ މެޗުގެ ސަސްޕެންޝަނެއް ދީފަ އެވެ.
ނިއު އިން ވަނީ ޖަމީލް ފިޔަވައި އަނެއް ތިން ކުޅުންތެރިންގެ އަދަބުތައް އެޕީލްކޮށްފަ އެވެ. އެކަމަކު އެފްއޭއެމުގެ އެޕީލް ކޮމިޓީން ނިންމީ ޑިސިޕްލިނަރީ ކޮމިޓީން ދިން އަދަބުތައް ރަނގަޅު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝާމް
23 May 2017
އިމްރާން 17 އަހަރު ކުޅެދިނުމަކީ ކުރާ ކުށްތައް މަޢާފް ވާންޖެހޭނެ އެއްވެސް ސަބަބެއްނޫން.
ޢިބްރާހީމް
21 May 2017
17 އަހަރު ޤައުމީ ޓީމަށް ކުަލުމަކީ ކުށެއްކޮއްދަ އެކުށުން ބަރީޢަ ވުމަށްއޮތްޙުއްޖަތެހްނޫން. އަދަބު ލިބެނ ޖެހޭނެ. އިމރާންގެ ސަޕޯޓަރެއް.
އަބްދުއްލާ އަލީ
21 May 2017
ކުށެއް ކުރުމުން 17 އހަރުގެ ހުރިހާ ހެވެއްވެސް ދާނީ ފޮހެވިގެންދޯ ، ވީމާ އަދަބު ލިބޭނެ
ރިޒާ
21 May 2017
އިމްރާން ޤައުމީޓީމް ގެ ހިދުމަތަށް ޝުކުރު ކުރަން އެކަމު އިމުރާން ގެ ފުށުން ފެނުނަސް ގޯސް އަމަލު ވާނެ ގޯސް ކަމަށް މީގެ 19 އަހަރު ކުރިން ޢަޅު ގަންޑު ކުރި މަހިބަދޫ މުބާރާތުގެ ފައިނަލް މެޗުންވެސް އިމްރާންގެ ފަރާތުން ތިފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ތަޖުރިބާ ކުރިން
އެގާރަ
21 May 2017
އިމްރާނަކީ ދުވަހަކުވެސް ދަނޑުމަތީގަ އަދި ދަނޑުން ބޭރުގަ އަދި ކީއްކުރަން ކުޑައިރުވެސް ތިކަހަލަކަމެއް ކުރިމީހެއްނޫން. އޭނަޔަކީ ހިންޏަކާ ދޭތެރޭވެސް ވަރަށް ލޯބިން ކަންކުރާ މިޙެއް. އޭނަޔަކީ ސާފުތާހިރު ހުދު ފޮތިކޮޅެއް. ދެން ލަލަލާ!!!!
ސަރުކާނު
21 May 2017
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު ޒިދާނަކީ. ކުޅުމުގެ ކެރިއަރު ނިންމާލީ ރަތްކާޑަކުން 3ކަން 2މެޗަށް ސަސްޕެންޑްވެސްކުރި އޭނަ ނުނެރޭ ބަޔާނެއް ފީފާއިން އޭނަގެ އަގުވަޒަންނުކޮށްގެނެއް. ކުޅުނު އަހަރުތަކާ ލިބުނު ތަށިތަކާ އިނާމްގެ ވާހަކައެއް ނުދައްކާ. ނަމަވެސް މީގެ މާނަޔަކީ އިމްރާން މިވާހަކަ ނުދައްކާށެކޭނޫން. ޒިދާން މެނަށްތުރެ މޮޅުވީމަ މޮޅުގޮތްތައްވެސް އެގޭނީ ދޯ؟؟؟؟
ޝިޔާޒު
21 May 2017
ފީފާގެ އަދަބު ކަނޑައެޅިއެރުވެސް ނުބަލައޭ ޒިދާންފަދަ ޕޮޕިއުލަރ ޕްލޭޔާރ އެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލެކޭ ކިޔާފަ. 17 އަހަރު ކުޅުނު ކުޅުންތެރިއެއްގެ ފަރާތުން ފެންނަންނުޖެހޭ އަމަލެކޭ ނުކިޔާށޭ މި ބުނަނީ. ޢަދަބު ކަނޑައެޅިފައިވާ ކުށެއް ކުރީމަ ދިން އަދަބެކޭ ބުނީމަ ނިމުނީ.
އަލިފްލައިލާ
21 May 2017
17 އަހަރުގައި ކުޅުއްވި ކުޅުވަރުގައި ނަމޫނާ ކުޅުންތެރިއެއްގެ ޑިސިޕްލިން ނެތީމަ ދެރަދޯޯ....... ރައީސަކަށްވިޔަސް ވަޒީރަކަށްވިޔަސް ރަންމެޑަލްގެ ކާމިޔާބު ކުޅުންތެރިޔަކަށް ވިޔަސް ކުށެއްވެއްޖިއްޔާ އަދަބު އިޒް އަ މަސްޓް....
އިސްމާލް
21 May 2017
އިމްރާނަކީ އަޅުގަނޑުމެން އޭނާއަށް ވަރަށް ސަޕޯރޓް ކުރި ކުޅުންތެރިއެއް މޮޅު ކީޕަރެއް، ނަމަވެސް އަހަރެން ދަނޑަށް ވަނުން ހުއްޓާލީ އިމްރާނުގެ ފަރާތުން ތަފާތު ނޭދެވޭ ގިނަކަންކަން އަހަންނަށް ފެންނަން ފެށުމުން. ރެފްރީންނަށް ޖެއްސުން ޖުރުމާއި ބަލިވާދުވަސް ދުވަހު އެހެންބައެއްގެ ބޮލުގައި ބަލި އެޅުވުމުގެ މަސައްކަތްވެސް އިމްރީނުގެ ފަރާތުން ފަހަކަށް އައިސް ފެންނަމުން ދިޔަކަން ފާހަގަ ކުރަން. އެފަދަ ކަންކަން ހުއްޓާލުމަށް އަހަރެން އިމްރާނަށް ގޮވާލަން. ޝުކުރިއްޔާ
އެކުވެނި
21 May 2017
ސާބަހޭ...ޢިމްރާން ..ތިޔައީނަމޫނާ ކުޅުންތެރިންނަކީ...ތިޔަބުލި ބަސް އެއީ ނަމޫނާ މިސާލަކީ...ﷲގެ އިރާދަފުޅުން ދެންއެފަދަ ކަމެއްފެންނަވަރުގެ އަމަލެށް ނުފެންނާނެކަމުގެ ޔަގީންކަން ސަޕޯޓަރުްނަށް ދިނުމީ ތިޔަހިސާބައް އިމްރާން އައުމުގެސިއްރުކަމުގަނޫނީނުވާނެ...
ސަރުކާނު
20 May 2017
ކިތައްމެ ޚިދުމަތެއް ކުރިޔަސް ކުސެއް ކޮށްފިއްޔާ އަދަބު އޮންޏާނެ. ޕްރޮފެޝަނަލްކޮށް ވިސްނާ.
ޢަހްމަދު
21 May 2017
ބަލަ ކާކުހޭ ކުށެއް ކުރީ