އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޓިއޯޓޭ: އޭނާ ވަނީ ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެފައި.--
05 ޖޫން 2017 - 22:45
ބެއިޖިން، ޗައިނާ (ޖޫން 5) - ޗައިނާގެ ދެ ވަަނަ ޑިވިޝަނުގެ ބެއިޖިން އެންޓަޕްރައިސް އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޗެއިކް އިސްމާއިލް ޓިއޯޓޭ ޕްރެކްޓިހުގައި ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
އުމުރުން 30 އަހަރުގެ މުސްލިމް ކުޅުންތެރިޔާ ހޮސްޕިޓަލަށް ގެންދިޔައީ ޕްރެކްޓިހުގެ ތެރެއިން ދަނޑު މައްޗަށް ވެއްޓުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
ޓިއޯޓޭގެ އާއިލާގެ ފަރާތުން އެމަނުއެލް ޕަލާޑީނޯ ބުނީ ހިތާމައިގެ މި ދަނޑިވަޅުގައި އޭނާގެ މަރުގެ ވާހަކަ އެކި ގޮތްގޮތަކަށް ނުފެތުރުމަށް އެދޭ ކަމަށެވެ.
"ޓިއޯޓޭގެ އާއިލާގެ އެދުމެއް އެބައޮތް. އެއީ މި ވަގުުތު ޓިއޯޓޭގެ މަރުގެ ވާހަކަތައް އެކި ގޮތްގޮތަށް ނުދެއްކުން. އެންމެ ރަނގަޅު ވަގުތު ޖެހުމުން ޓިއޯޓޭގެ މަރުގެ ހުރިހާ މައުލޫމާތެއް ހިއްސާކުރެވޭނެ،" ޕަލާޑީނޯ ބުންޏެވެ.
ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޓިއޯޓޭ އަކީ ޗައިނާގެ ކްލަބަށް ބަދަލުވީ މި އަހަރު ފެބްރުއަރީ މަހުގަ އެވެ. ކުރިން ބެލްޖިއަމްގެ އެންޑަލެކްޓަށް ކުޅުނު ޓިއޯޓޭ ވަނީ ނެދަލެންޑްސްގެ އެފްސީ ޓްވެންޓޭ އަށް ވެސް ކުޅެފަ އެވެ.
އައިވަރީ ކޯސްޓު ޓީމަށް 2009 ވަނަ އަހަރު ކުޅެން ފެށި ޓިއޯޓޭ ވަނީ އެ ޓީމަށް 2010 އަދި 2014 ވަނަ އަހަރު ކުޅެފަ އެވެ. ގަވައިދުން ޓީމުން ޖާގަ ހޯދާ ޓިއޯޓޭ ވަނީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އައިވަރީ ކޯސްޓު ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ޓިއޯޓޭގެ ހަނދާނުގައި އެފްރިކާ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާއި އޭނާއާ އެކު ކުޅެފައިވާ ގިނަ ކުޅުންތެރިން ދަނީ ސޯޝަލް މީޑިއާގައި އެ ކުޅުންތެރިންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަnްތި
05 June 2017
ތީ ނިއު ކާސްތަލް ގެ އެންމެ ބެސްޓް ދިފެނސިވް މިޑް ވ ދެރަ ﷲ މަރުހޫމައް ސުވަރުހޭގެ ނިއުމަތް ކައްވާށި