ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ޖޫން 2017 - 10:24
އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް މިއަދު ބޫޓާނާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗުން އެ ޓީމު ބަލިކުރަން ޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ކޮލިފައިންގައި ރާއްޖެ ފުރަތަމަ ކުޅުނު މެޗުން މާލޭގައި ވަނީ ފަަލަސްތީން އަތުން 3-0 އިން ބަލިވެފަ އެވެ. އޮމާނުގައި ކުޅުނު މެޗުން ބޫޓާން ވަނީ 14-0 އިން ބަލިވެފަ އެވެ. އޮމާން މި ވަގުތު ގްރޫޕް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ފަލަސްތީނާ އެއްވަރަށް ތިން ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ލަނޑުން ކުރި ލިބޭތީ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގައުމީ ކޯޗު ސްޓްވާޓް ބުނީ މެޗަށް ނުކުންނައިރު ރާއްޖޭގެ ހުރިހާ އަމާޒެއް ހުރީ ނަތީޖާ ނެރުމަށް ކަމަށެވެ.
"އަހަރެމެންނެކޭ އެއްވަރަށް ބޫޓާން ވެސް މި މެޗުން މޮޅުވާން ބޭނުންވާނެ. އެއީ ފުރަތަމަ މެޗުން މިދެ ޓީމު ވެސް މިއޮތީ ބަލިވެފައި. ހަގީގަތުގައި ޖެހިޖެހިގެން ދެ ބަލިވެއްޖެނަމަ ކުރިއަށްދާން އުނދަގޫވާނެ. އެގޮތަށް ވިސްނާއިރު މިއީ ކުރިއަށް ދިއުމަށް މޮޅުވުން މުހިއްމު މެޗެއް،" ސްޓެވާޓް ބުންޏެވެ.
ރާއްޖޭން މީގެ ކުރިން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ތަފާތު ބޮޑު ނަތީޖާތަކެއް ނެރެފައިވީނަމަވެސް އެންމެ ފަހުން މި ދެ ޓީމު ކުޅުނު ދެ މެޗު ވެސް ދިޔައީ ވާދަވެރިކޮށެވެ. ބޫޓާންގެ ތިމްޕޫގައި އެންމެ ފަހުން ކުޅުނު މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާ އެކު ރާއްޖެ މޮޅުވީ 4-3 އިންނެވެ. އަދި އެންމެ ފަހުން މާލޭގައި ކުޅުނު މެޗުން ފަހު ވަގުތުގެ ލަނޑުތަކާ އެކު ރާއްޖެ މޮޅުވީ 4-2 އިންނެވެ.
ސްޓެވާޓް ބުނީ ދަގަނޑޭ ނެތްތަން މި މެޗުގައި އެހެން ކުޅުންތެރިއަކު ފޫބައްދަން ޖެހޭނެ ކަމަށެވެ.
"އަހަންނަށް އެނގޭ އެންމެ ފަހުން ބޫޓާނުގައި ކުޅުނު މެޗު ދިޔަގޮތް. އެ މެޗުގައި އަޝްފާގު ހެޓްރިކެއް ހެދި. އަހަރެންގެ އުއްމީދަކީ މި މެޗުގައި އެހެން ކުޅުންތެރިއަކު އަޝްފާގުގެ ބަދަލުގައި ގޯލުތަކެއް ޖަހައި އޭނާ ނެތްތަން ފޫބައްދާނެ ކަމަށް،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ ބޫޓާން މެޗަށް ރާއްޖޭގެ ތައްޔާރީތަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން މި ވަގުތު ޓީމުގެ ހާލަތު ދެނެގަތުމަށް ފަސޭހަތަކެއް ވެގެންދިޔަ ކަމަށެވެ.
"އަހަރެން ބޭނުންވި ގޮތަށް ޓްރެއިނިން ދިޔައީ. މިހާރު މިއޮތީ ހަގީގަތުގައި ކުރަން ޖެހިފައި އޮތް މަސައްކަތް ފުރިހަމަ ކުރަން ޖެހިފައި. ކުޅުންތެރިން ތިބީ ނަތީޖާ ނެރެން ބޭނުންވެފައި،" ސްޓެވާޓް ބުންޏެވެ.
ބޫޓާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
13 June 2017
ތިޔަ ޓީމަކު އަދި ނެތް އަޝްފާގު ފަދަ ހުނަރެއްހުރި އެކަކުވެސް. އޭރުގެ އަޝްފާގު އެކަނިވެސް އެއީ ބޫޓާން ބަލިކުރެވޭވަރު "ޓީމެއް"
މަގޭ
13 June 2017
ދޯ