ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 އޯގަސްޓް 2017 - 11:33
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އަންނަ މަހު ފަސް ވަނަ ދުވަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ކޮލިފައިންގެ އެންމެ އުނދަގޫ މެޗަށް ކަމަށާއި އެ މެޗަށް ދާއިރު ހާއްސަ ޓާގެޓެއް އެބައޮތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ފަލަސްތީން އަތުން މާލޭގައި 3-0 އިން ބަލިވިއިރު ރަށުން ބޭރުގައި ބޫޓާން އަތުން މޮޅުވީ 2-0 އިންނެވެ.
ކޮލިފައިން ކޮންމެ ގްރޫޕަކުން ދެ ޓީމަކަށް އޭޝިއަން ކަޕްގެ ޖާގަލިބޭއިރު، ރާއްޖެ އޮތް ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތީ ފަލަސްތީނެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮމާން އޮތްއިރު އެ ޓީމަށް ލިބިފައިވަނީ ތިން ވަނައިގައި އޮތް ރާއްޖެއާ އެއްވަރަށް ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ބޫޓާން އެވެ.
އޮމާން މެޗަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ބާއްވާ ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ސްޓެވާޓް މިއަދު ބުނީ މި ވަގުތަށް ބަލާއިރު ފަލަސްތީނަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވެފައި އޮތުމުން ދެން އޮތް ޖާގަ އަށް ވާދަކުރަނީ އޮމާނާއި ރާއްޖެ ކަމަށެވެ. އަދި މި މެޗުން ބޭނުންވަނީ އޮމާން ކަންބޮޑުވާ ވަރުގެ ކުޅުމެއް ދެއްކުމަށް ކަމަށެވެ.
"ހަތް ދުވަސް ގަތަރުގައި ރަނގަޅު ތަމްރީންތަކެއް ލިބޭނެ ކަމަށް މި ބަލަނީ. ވަރަށް ބޮޑު މެޗެއް (އޮމާން މެޗު) އެއީ. އަހަރެން ގަބޫލުކުރަނީ ކޮންމެވެސް ގޮތެއް ހެދޭނެ ކަމަށް. އަދި އޮކްޓޫބަރު 10 ގައި އެމީހުން (އޮމާން) މި ކޮޅަށް އަންނައިރު އަހަރެމެންނާ މެދު ވިސްނާނެ ވަރުގެ ކުޅުމެއް ދެއްކުން އަމާޒަކީ. އޭރުން އަހަރެމެންނަށް ފުރުސަތު ބޮޑުވާނީ،" ސްޓެވާޓް ބުންޏެވެ.
ސްޓެވާޓް ބުނީ ގްރޫޕް ރޭވިފައި އޮތްގޮތުން އެންމެންގެ ފޭވަރިޓަކީ އޮމާން ކަމަށާއި އެހެން ނަމަވެސް ފަލަސްތީނު އަތުން އޮމާން ބަލިވުމާ އެކު އެކަން ބަދަލުވެ އޮމާނަށް ވެސް ޕްރެޝަރު ބޮޑުވެއްޖެ ކަމަށެވެ.
"އަހަރެމެން އެންމެނަށް ވެސް ޔަގީންވެފައި އޮތީ އޮމާން މި ގްރޫޕްގެ އެއް ވަނައިގައި އޮންނާނެ ކަމަށް. އެކަމަކު މި ވަގުތު އެހެނެއް ނޫން މިއޮތީ. އެ ވިސްނުމަށް ބަލާއިރު މި ވަގުތު ޕްރެޝަރު އޮތީ އޮމާނަށް. އަހަރެމެންނަށް އޮތް ޕްރެޝަރު ކުޑަ،" އޭނާ ބުންޏެވެ.
ގައުމީ ސްކޮޑަށް ކުޅުންތެރިން ނަގާ ގޮތާ މެދު ވަރަށް ގިނަ ފާޑުކިއުންތައް ކޯޗަށާއި އެފްއޭއެމަށް އަމާޒުވެ އެވެ. ސްޓެވާޓް ބުނީ މިހާރު އޮތް ސްކޮޑަކީ މި ވަގުތަށް ބަލާއިރު ނެގޭނެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.
"މި ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. މިއީ އެންމެ އުނދަގޫ މެޗު މި ގްރޫޕުގައި ކުޅެން ޖެހޭ. ރާއްޖޭ ސްކޮޑުގައި މި މެޗުން ނަތީޖާއެއް ނެރެވޭނެ ފެންވަރު އެބަހުރި. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭނެ އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ ޖަޕާނާއި އޮސްޓްރޭލިއާ އަކީ އެ ޓީމުތަކަށް ވެސް އޮމާނަށް ގޮސް ނަތީޖާ ނެރެން ފަސޭހައެއް ނޫން،" ސްޓެވާޓް ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް އަނިޔާއިން ރިކަވާވެ މި އަހަރު ފުރަތަމަ ފަހަރަށް ދަގަނޑޭ މި މެޗުގައި ގައުމީ ޓީމަށް ކުޅޭނެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ދަގަނޑޭ ސަލާމްކުރަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަސައްކޮ (އަސަދުﷲ) ވަރަށް މަަސައްކަތްކުރި ޓީމުގައި ހިމެނެން. އެކަމަކު ނުވި އެކަމެއް އަނިޔާގެ ސަބަބުން. އަހަރެމެން އުޅުނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ދަގަނޑޭ އަށް ރެސްޓް ދޭން. އެކަމަކު އަސައްކޮ އަނިޔާވުމުން ދަގަނޑޭ ވެސް ބޭނުމެއް ނުވި މަޑުކުރަން،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ ދަގަނޑޭ އަކީ އޭނާގެ ކޯޗިން ކެރިއަރުގައި ދިމާވި އެންމެ މޮޅު ކުޅުންތެރިއާ ކަމަށެވެ.
"އެންމެނަށް ވެސް އެނގޭ އަހަރެން ދަގޭއާ ދޭތެރޭ ދެކޭގޮތް. އެއީ އަހަރެން 20 އަހަރުގެ ކެރިއަރުގައި ކޯޗުކޮށްދިން އެންމެ މޮޅު ކުޅުންތެރިއާ. ބިދޭސީ ކުޅުންތެރިން ވެސް ހިމަނައިގެން. އޭނާގެ ތަޖުރިބާ އާއި ހުނަރު ވަރަށް މުހިއްމު. އަހަރެން އޭނާ އަށް ބަރޯސާވަން. އޭނާ އައުމާ އެކު ފެނިގެން ގޮސްފި ލީޑަޝިޕް. ފެނުނީ ރަސްގެފާނު އެނބުރި އައިތަން،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ ސްކޮޑަށް ކުޅުންތެރިން ނަގަނީ ދައްކާ ކުޅުމަށް ބަލައިގެން ކަމަށާއި ކުޅުންތެރިންގެ ނަމާއި ހޯދާފައިވާ މަޝްހޫރު ކަމަށް އޭނާ ސަމާލުކަން ނުދޭ ކަމަށެވެ.
އޭޝިއަން ކަޕަކީ މި ބައްރުގެ އެންމެ ބޮޑު މުބާރާތް ކަމަށާއި މި މުބާރާތުގައި ރާއްޖެ އަށް ވަދަކޮށްލުމުގެ ފުރުސަތު ހޯދައިދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ކޮލިފައިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެއީ ހަގީގީ މަންޒިލަކީ. މިސާލަކަށް އަހަރެމެންނަށް ފުރުސަތު ހަނިވި ނަމަވެސް މެތަމެޓިކަލް ޗާންސެއް އޮތަސް އަހަރެމެން ހިތްވަރެއް ދުލެއް ނުކުރާނަން. ކޮލިފައިނުވިޔަސް މާޔޫސްވެގެން ކަރުއެލުވާލައިގެން ތިބޭ ވަރަށް ވުރެ ނަތީޖާ ރަނގަޅު ކުރަން ބޭނުން،" ސްޓެވާޓް ބުންޏެވެ.
ގަތަރު ޓްރެއިނިން ކޭމްޕްގައި އަންނަ ބުދަ ދުވަހު ރާއްޖެ ރަހުމަތްތެރިކަމުގެ މެޗެއްގައި ނުކުންނާނީ ގަތަރުގެ ސުޕަ ލީގު ޗެމްޕިއަން އަލް ޑުހައިލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އޮމާނަށް ގައުމީ ޓީމު ދާނީ އަންނަ އާދިއްތަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
28 August 2017
އެންމެނަށް ވެސް އެނގޭ އަހަރެން ދަގޭއާ ދޭތެރޭ ދެކޭގޮތް. އެއީ އަހަރެން 20 އަހަރުގެ ކެރިއަރުގައި ކޯޗުކޮށްދިން އެންމެ މޮޅު ކުޅުންތެރިއާ. ބިދޭސީ ކުޅުންތެރިން ވެސް ހިމަނައިގެން. އޭނާގެ ތަޖުރިބާ އާއި ހުނަރު ވަރަށް މުހިއްމު. އަހަރެން އޭނާ އަށް ބަރޯސާވަން. އޭނާ އައުމާ އެކު ފެނިގެން ގޮސްފި ލީޑަޝިޕް. ފެނުނީ ރަސްގެފާނު އެނބުރި އައިތަން،" ސްޓެވާޓް ބުންޏެވެ.
އެސްލޯނޭ
28 August 2017
ޕރެކްޓިސްގަ އިސްކަންދަރު ސުކޫލާ ކުޅެފަ. އޮމާން ކަހަލަ ބޮޑެތި ޓީމް ތަކާ އެކު ކުޅުނީމަ މެޅޭނީ. ނިކަން ބޮޑޭތި ޓީމް ތަކާ ޕރެކްޓިސް ކޮއްބަލަ.............. ވަރަށް ވެދުން...........
މާނު
27 August 2017
ބަލަިވެގެން އަންނާނީ ޓީމެއް މޮޅުވާނީ ވަރަށް ގިނަ ކަންކަން ފުރިހަމަ ވެގެން ފުރަތަމަކަމަކީ އެފްއޭއެމް ގެވެރިން ތެދުވެރި ވުން ދާއޮހޮރަިގެން ރެފްރީކަން ކުރާ ރެފްރީންނަށް ހިތުހުރި ގޮތެއްހަދާފަ އެހެން ކަންކްމުގަ ކާމިޔާބުވުމަކީ ނާދިރުކަމެއް ކާމިޔާބަކީ ހަމަ އެކަނި ކުޅުމެއްނޫން
ރަމީކާ
27 August 2017
ކީއްވެބާ ޓެރަރިސްޓް ޤައުމަކަށް ޓްރެއިނިންގއަށް ދަނީ...؟؟؟؟
ދެރެން
27 August 2017
ކިންގް އިޒް ބެކް!!! މީތި އިނގިރޭސިން ޖަހާލަދީބަލަ
ޔޯޔޯ
27 August 2017
ދިވެހި ކުޅުންތެރިންގެ މައްސަލައަކީ ފިޓްނަސް. އެކަން މިފަހަރުވެސް ފެންނާނެ. ކުލަބް ޓްރެއިނިންގަ ފިޓްނަސް އަކަށް އެހާސަމާލު ކަމެއް ދޭތަނެއް ނުފެނޭ.
ތުއްޕުޅު
27 August 2017
ގަތަރާއި ގުޅުން ނުކެޑޭ ދޯ؟