05 ސެޕްޓެމްބަރ 2017 - 14:39
ރެޖިއޯ އެމިލިއާ، އިޓަލީ (ސެޕްޓެމްބަރު 5) – ސްޕެއިން އަތުން 3-0 އިން ބަލިވެ ކޮލިފައިންގެ ގްރޫޕުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ހަނިވި ނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެ ކަމަށް އެ ޓީމުގެ ކޯޗު ޖިއަން ޕިއޭރޯ ވެންޗޫރާ ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިން މެޗަކުން 2006 ގެ ފަހުން އިޓަލީ ފުރަތަމަ ފަހަރަށް ބަލިވިއިރު އެ ޓީމު އޮތީ 16 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ ސްޕެއިނެވެ. ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ އެއް ވަނަ ޓީމަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ ތިން މެޗެވެ.
ކޮލިފައިންގައި މިރޭ އިޒްރޭލާ ދެކޮޅަށް އިޓަލީ ނުކުންނައިރު ކޯޗު ވެންޗޫރާ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އެގޮތުން އޭނާ 4-2-4 ފޯމޭޝަނަށް ކުޅުވާތީ އާއި ޒުވާން ބައެއް ކުޅުންތެރިންނަށް ފުރުސަތު ނުދޭތީ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ.
"އަހަރެމެން ޕްލޭއޮފް ތެރެއިން ދާނީ. އެކަމަކު އަހަރެމެންނަށް ޔަގީންކަން އެބައޮތް ވޯލްޑް ކަޕަށް ކޮލިފައިވާނެކަން. އަހަރެން އެއްބަސްވަން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާލޯ ޓަވެޗިއޯއާ. އަހަރެމެން ވޯލްޑް ކަޕަށް ނުގޮސްފިއްޔާ ވަރަށް ގޯސްވާނެ. އެކަމަކު މިވަގުތު އެކަމާ ނުވިސްނަން. އަހަރެމެން މި ވަގުތު ވިސްނަނީ އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗާ މެދު. ޕްލޭއޮފަށް ކޮލިފައިވާން އެބަޖެހޭ (މި މެޗުން) މޮޅުވާން،" ވެންޗޫރާ ބުންޏެވެ.
ވެންޗޫރާ ބުނީ ސްޕެއިނާ ދެކޮޅަށް ނޮވެމްބަރުގައި ކުޅުނު ނަމަ ތަފާތުވީސް ކަމަށެވެ. އޭނާ ބުނީ އޭރުން ވެސް ސްޕެއިން އަތުން ބަލިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަކު އޭރުން ތައްޔާރުވުންތަކުގައި ދެ ޓީމު އޮންނާނީ އެއްވަރެއްގައި ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އަމިއްލަ ދަނޑުގައި ރާއްޖެ ގަޑިން 23:45 ގައި އިޒްރޭލާ ދެކޮޅަށް އިޓަލީ ނުކުންނައިރު ރަށުން ބޭރުގައި ސްޕެއިން ނުކުންނާނީ ލީޗްޓެސްޓެއިންއާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy