މެކްސިކޯގެ ނުރައްކާތެރި ކުށްވެރިޔާ އެލް ޗަޕޯ ގުޒްމަން. --ފޮޓޯ: ރޮއިޓާސް
29 ޖޫން 2016 - 12:36
މެކްސިކޯ ސިޓީ (ޖޫން 29) - މެކްސިކޯގެ އެންމެ ނުރައްކާތެރި ކުށްވެރިޔާގެ ގޮތުގައި ބެލެވޭ ޖޮކުއިން "އެލް ޗަޕޯ" ގުޒްމަން އެމެރިކާ އަށް ހަވާލު ކުރުމަށް މެކްސިކޯ އިން ނިންމި ނަމަވެސް އެ ގައުމުގެ ފަނޑިޔާރަކު އެކަން ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.
އެލް ޗަޕޯ އެމެރިކާ އަށް ފޮނުވާލަން މެކްސިކޯ އިން އެއްބަސްވީ މެއި މަހު އެވެ. އެމެރިކާ އިން ވަނީ އެލް ޗަޕޯ އަށް މަރުގެ އަދަބު ނުދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެކަމަކު ކޯޓުގެ ނިންމުމާ ގުޅިގެން އެލް ޗަޕޯ އެމެރިކާ އަށް ފޮނުވާލުމުގެ މަސައްކަތް އަހަރުތަކަކަށް ލަސްވެގެންދާނެ އެވެ. އެމެރިކާގައި އެލް ޗަޕޯގެ މައްޗަށް މީހުން މެރުމާއި މަސްތުވާތަކެތި ސްމަގްލް ކުރުމުގެ ދައުވާ ކުރާނެ އެވެ.
އެމެރިކާއާ އެލް ޗަޕޯ ހަވާލު ކުރުމުގެ މަސައްކަތް ކޯޓުގެ ތެރޭން މަޑުޖެހުމެއް އައީ އެލް ޗަޕޯގެ ވަކީލުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މެކްސިކޯގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލުން ފިލައިގެން އުޅެނިކޮށް އަތުލައިގަތުމަށް ފަހު އެލް ޗަޕޯ މިހާރު ބަންދުކޮށްފައި ހުރީ އެމެރިކާގެ ސަރަހައްދީ ރޮނގާ ކައިރީގައިވާ ސަލާމަތީ ކަންކަން އެންމެ މަތީ ޖަލެއްގަ އެވެ. ޖަލުގައި އެލް ޗަޕޯ ހުރި ގޮޅީގެ ތެރޭން ބިމު އަޑިން މަގެއް ކޮނެގެން ފިލައިގެން އޭނާ ހަ މަސް ދުވަހު އުޅުނެވެ. އޭގެ ކުރިން ވެސް ވަނީ ޖަލުން ފިލައިގެން 13 އަހަރު އުޅެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy