ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އޮކްޓޯބަރ 2017 - 08:15
އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި އޮމާން އަތުން 3-1 އިން ބަލިވެ އަމިއްލަ ބާރުގައި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނުއިރު، ރޭގެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ތައުރީފްކޮށްފި އެވެ. އެކަމަކު އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.
ކޮންމެ ގްރޫޕަކުން ދެ ޓީމު ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ފަލަސްތީން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިރޭ 10-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ރާއްޖެ އަށް ދެން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
މެޗަށް ފަހު ސްޓެވާޓް ބުނީ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ފުރަތަމަ ހާފަށް ބަލާއިރު ރަނގަޅަށް ކުޅުނު ޓީމަކީ އަހަރެމެން. އެކަމަކު 60 ނޫނީ 70 މިނިޓަށް ދިޔަ ހިސާބުން އަހަރެމެން ވަރުބަލިވެއްޖެ އެ ހިސާބުން އެނގޭ އަހަރެމެން މި ލެވެލަށް އަދި ފިޓްނަސް ނެތްކަން. ވަން ގޯލުތަކަށް ބަލާއިރު ވަދެފައި ހުރީ ހުރަސްތަކުން. މި މެޗުގައި ކުޅުންތެރިން ކުރި ހިތްވަރަށް ބަޔަކު ފާޑުކިޔާނަމަ އަހަރެން ބުނާނީ އެ ބަޔަކު މި މެޗު ނުބަލަޔޭ،" އޭނާ ބުންޏެވެ.
އޮމާނުން މެޗުގެ ފުރަތަމަ 19 މިނިޓް ތެރޭ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެހެން ނަމަވެސް އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖެ އަށް ލަނޑެއް ޖަހައިދީ މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ. އެހެން ނަމަވެސް އޮމާނުން ވަނީ ދެ ވަނަ ހާފްގައި އިތުރު ލަނޑެއް ޖަހައި ތިން ޕޮއިންޓް ހޯދައިފަ އެވެ.
"ބަލިވެފައި އޮތްއިރު ވެސް އަހަރެމެން ޑްރޯއެއް ކުރަން ނޫނީ އެހެން ގޮތަކަށް ނުވިސްނައި ކުޅުނީ އޭޝިއަން ކަޕަށް ކޮލިފައިވާން ޖަހަން ބޭނުންވާ ލަނޑުތައް ޖެހޭތޯ މަސައްކަތް ކުރަން. އޮމާން އަތުން 5-0 އިން ބަލިވި މެޗަށް ފަހު އަހަރެމެން މި މެޗުގައި މިދެއްކީ ހިތްވަރުގަދަ ކުޅުމެއް. ފާޑުކިޔާނަމަ ފާޑުކިޔަންވީ އަހަންނަށް ކުޅުންތެރިންނަކަށް ނޫން. އެއީ ފަހުރުވެރިވާ ވަރުގެ ހިތްވަރުގަދަ ކުޅުމެއް މި ކުޅުންތެރިން ކުޅެފި،" މެޗުދިޔަ ގޮތާ ގުޅޭގޮތުން ސްޓެވާޓް ބުންޏެވެ.
ގައުމީ ކޯޗުކަން ސްޓެވާޓަށް ދިންއިރު ބޮޑު ދެ ޓާގެޓެއް ހަމަޖެއްސި އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އޮމާން މެޗު ފެށުމުގެ ކުރިން ވެސް މެޗަށް ފަހު ވެސް ސްޓެވާޓް އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ މި ފަހަރު ރާއްޖެ އަށް އެކި ގޮތްގޮތުން ގޯސްތަކެއް ހެދިފައިވާ ކަމެވެ.
"މިއީ ފުރަތަމަ ފަހަރު އޭޝިއަން ކަޕުގެ މި ކަހަލަ ޓީމުތަކާ ދެކޮޅަށް ރާއްޖެ ކުޅޭ. އަހަރެންގެ އުއްމީދަކީ ރާއްޖޭގެ ފުޓްބޯޅައިގައި އުޅޭ އެންމެން މިކަމުން ފިލާވަޅުތަކެއް ހޯދަން. އެއީ މީގެއިން ފިލާވަޅުތަކެއް ނުލިބިއްޖެނަމަ ދެން އަނެއްކާ ވެސް މި ހިސާބަށް އަންނައިރު މާޒީގައި ހެދުނު ގޯސްތައް ތަކުރާރުވާނެ. އެއީ ފިޓްނަސް އެއް ނެތް. ދެން އަހަރެމެންގެ ތައްޔާރީތައް މިދަނީ އެންމެ ރަނގަޅަކަށް ނޫން،" ދިމާވި މައްސަލަތަކާ ގުޅޭގޮތުން ސްޓެވާޓް ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ނުކުތް ރާއްޖެ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނީ ފިޓްނަސް ކަންތައްތައް ރަނގަޅުވިނަމަ ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށާއި އެހެން ނަމަވެސް އެކަންތައް ދިމާވި ގޮތުން މީހެއްގެ ބޮލުގައި އިލްޒާމް އަޅުވަން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިން ތަކުރާރުކޮށް އެ ސަބަބެއް އޮޅުން ފިލުވަން އެހުމުން ބުނީ އެހެން ދުވަހެއްގައި އޭގެ ޖަވާބު ދޭނެ ކަަމަށެވެ.
"ރަނގަޅު ދުވަހެއްގައި އެ ވާހަކަ ދައްކާނަން. އަހަންނަށް ސަބަބު އެނގޭ. އެކަމަކު މި ވަގުތު އެއްވެސް މީހެއް ބޮލުގައި އިލްޒާމެއް އަޅުވަން ނެތިން. ކުޅުންތެރިންގެ ފިޓްނަސް ދަށްވެގެން މިއުޅޭ ސަބަބު އަހަންނަށް ނޭނގެންޏާ ކޯޗެއްގެ ގޮތުގައި އަހަރެންގެ ޒިންމާ އަދާކުރެވިފައެެއް ނެތް،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ބަލަނީ ކްލަބްގައި ދައްކާ ކުޅުމަށް ކަމަށާއި ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިން ލީގުގައި ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.
"ގައުމީ ޓީމުގެ ކުޅުންތެރިން ދިވެހި ޕްރިމިއާ ލީގާއި މާލޭ ލީގުގައި ދެއްކި ކުޅުމާ މެދު އަހަރެން ހިތްހަމަ ޖެހޭ އެހެން ނޫންނަމަ އަހަރެން އެ ކުޅުންތެރިން ނުނަގާނަން. އަހަރެންނާ ވަރަށް ގިނަ ސުވާލު ތިކަމަށް އަމާޒުވޭ. ޓީމު ނަގަނީ އަހަރެން. ސްކޮޑު ނަގަނީވެސް އަހަރެން. އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ޓީމަށް ނަގަނީ،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައި ޕްރެކްޓިސް ފަށާއިރު މީގެ ކުރިން ފަހަރުތަކުގައި ތިން ކީޕަރުން ތިބެ އެވެ. އެހެން ނަމަވެސް މި ފަހަރު ޕްރެކްޓިސްތައް ފެށީ މުހައްމަދު ފައިސަލް އާއި މުހައްމަދު އިމްރާން (ކުޑަ އިންމަ)އާ އެކު އެވެ. އެފްއޭއެމުން އޭރު ބުނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރެއް ޓީމާ ގުޅޭނެ ކަމަށެވެ. އެހެން ނަމަވެސް ޓީމާ ފަހު ވަގުތު މެޗު ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ގުޅުނީ މި ކުރިން ފަހަރު ސްކޮޑަށް އެރި ނިއު ރޭޑިއަންޓްގެ ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އިސްމާއިލް މަހްފޫޒް (ކ) އާއި ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕްރެކްޓިހުގައި ވެސް މި ފަހަރު ބައިވެރިނުވާ ކީޕަރެއް ސްކޮޑަށް ނެގުމުގައި ދިމާވި ކަންތައްތަކާ ގުޅޭގޮތުން ސްޓެވާޓާ ސުވާލުކުރުމުން އޭނާ ބުނީ އެ ސުވާލުގެ ޖަވާބު އޭނާ އަށް ނުދެވޭނެ ކަމަށެވެ.
"މި ސުވާލުތައް ކުރަންވީ އެފްއޭއެމްއާ. އަހަންނަކާ ނޫން. އަހަރެން ހަމައެކަނި ޓީމަށް ކޯޗުކޮށްދެނީ. ޓީމު ނަގަނީ އަހަރެން. ކުޑަ އޮޅުމެއް އުޅުނީ ރެޖިސްޓްރޭޝަނުގައި. ތިން ކީޕަރުން ތިބެން ޖެހޭކަން އެނގޭ. އެކަމަކު އެއީ ހެދުނު ގޯހެއް. ކޮންމެ މީހަކަށް ވެސް ގޯހެއް ހެދިދާނެ. އެފްއޭއެމަކުން ނޫން ޓީމު ނަގަނީ. އަހަރެން ޓީމު ނަގަނީ،" ސްޓެވާޓް ބުންޏެވެ.
ސްޓެވާޓާ ގައުމީ ޓީމު ހަވާލުކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ދޮރު ރާއްޖެ އަށް ބަންދުވިޔަސް އޭނާ ވިސްނުންހުރީ ޓީމާ އެކު ކުރިއަށްދާށެވެ.
"ރާއްޖެ އަށް ކޯޗުކޮށްދިނުމަކީ އަހަރެން ވަރަށް ކުރާހިތުން ކުރާ ކަމެއް. އެންމެން ހިތްއެދޭ ނަތީޖާތައް ކުރިއަށް ހުރި މެޗުތަކުގައި ނެރެވޭތޯ މަސައްކަތްކުރާނަން. ކުޑަ މިރަކަލްއެއް ބޭނުމީ ދެން ކޮލިފައިވާން. އަދި ވެސް އުއްމީދެއް ދުލެއް ނުކޮށްލަން އަހަރެން ދެން ތައްޔާރު މިވަނީ ފަލަސްތީނާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗުން މޮޅެއް ހޯދަން. އަހަރެން މަގާމުން ވަކިކުރާ ވާހަކަ އަންގަންދެން ޓީމާ އެކު ކުރިއަށްދާނަން. ސާފް ޗެމްޕިއަންޝިޕް ވެސް އެއީ އަހަރެންނާ ހަވާލުކުރި ޓާގެޓެއް. އޭޝިއަން ކަޕް ކޮލިފައިން އަށް ފަހު އެއީ ޓާގެޓެއް. އެ މުބާރާތުގެ ފައިނަލަށް ނުގޮސްފިއްޔާ އާ ކޯޗެއް ވެސް އައިސްދާނެ،" ސްޓެވާޓް ބުންޏެވެ.
ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗު އޮންނާނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ. އެ ދުވަހު ރަށުންބޭރުގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖޫ އަޖުމަލް
11 October 2017
ރަނގަޅު ހަރަދާން ޤާބިލު މެނޭޖްމަންޓެއް އައިސްގެން މެނުވީ ދިވެހި ފުޓުބޯޅަ ކުރިއެއް ނާރާނެ. ބޭނުންވަނީ ކަން ކުރަން އެނގޭ ޒުވާނުން ތަމްރީން ކުރަން. ފުޓުބޯޅަ މެނޭޖްމަންޓް ކިޔަވަން ސްޕެއިން ފަދަ ގައުމުތަކަށް މީހުން ފޮނުވައިގެން ތަމްރީންކޮށް އެފް.އޭ.އެމް ގެ އިސް މަގާމުތަކަށް ލާންވީ. ބައްސާމުމެން ލައިގެން ތިކަމެއް ނުވާނެ.
ދާއިދު
11 October 2017
"އޭނާ ބުނީ ފިޓްނަސް ކަންތައްތައް ރަނގަޅުވިނަމަ ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށާއި އެހެން ނަމަވެސް އެކަންތައް ދިމާވި ގޮތުން މީހެއްގެ ބޮލުގައި އިލްޒާމް އަޅުވަން ބޭނުންނުވާ ކަމަށެވެ" ސިގިރޭޓްގެ ވާހަކަ.
ފާއިޒް
11 October 2017
ގައުމެއްގެ ގޮތުގަ ދިވެހިން އެންމެންގެ ފިޓްނަސް ދަށް. ފުޓްބޯޅަ ކުޅޭ މީހުންގެ މައްސަލައެއް ނޫން.
ހުސެނ
11 October 2017
ދިވެހި ޓީމު މިހާލަތައް ވެއްޓުނު ސަބަބު ރައްޔިތުން ކިޔާދިނުން ވަރައް މުހިމު.
ގަންޖާބޯ
11 October 2017
ގަަަަަަަަަަަައުމީ ޓީމް ކުޅުންތެރިން ސިގިރޭޓް ބޯތީ ވާގޮތް މި
އަސްކޮ
11 October 2017
މުޖޭ. ނަމުގައި ކޮމެންޓް ކޮށްފައިވާ ބޭފުޅާއަށް ދަންނަވާލަން ބޭނުން ތިބޭފުޅާއަށް ވަރަށް ބޮޑަށް އޮޅިވަޑައިގެން ތި ހުންނެވީ. އެއްވެސް ހާލެއްގައި އެއްވެސް ޤައުމީ ޓީމެއް ކުރިއަރުވަން ތަމްރީނުތައް ސެޓަޕްކޮށް، ފޮރެންޑްލީ މެޗް ތައް ހަމަޖައްސާ އެކަންތައްތައް ކުރާނީ ހަވާލުވެހުންނަ ކޯޗެއް ނޫން. އެކަން ކަން ކުރާނީ އެޤައުމެއްގެ ފުޓުބޯޅަ އިދާރާއިން
މުޖޭ
11 October 2017
ތެންކްޔޫ އަސްކޮ. ތެދު ފުޅެއް ފުޓްބޯޅަ އިދާރާއިން މެޗު ރާވާ ކަންކަން ކުރާނީ. އެކަމަކު ކޯޗު އެބަޖެހޭ ދޯ ބުނަން ފްރެންޑްލީ ނުކުޅެ މި ކަމެއް ނުވާނޭ ވާހަކަ. އަދި ކޯޗު އެދުމުންވެސް މެޗެއް ހަމަ ޖައްސާ ނުދިންކަން. ކޯޗުގެ އޮތޯރިޓީއެއް އޮތް ނަމަ މެޗުގެ ހަފްތާއެއް ކުރިން މަޖިލިސް މެންބަރުންނާ އެކު ހަޑިހޭވިޔަކަ ނުދޭނެ. މަޖިލިސް މެންބަރުންނާ ކުޅުނު މެޗުގައި ދަނގަޑޭއަށް އަނިޔާވެ އޮމާން މެޗުގައި ނުކުޅެވުމުގެ ޒިންމާ ނަގަނީ އަސްކޮތަ ނޫނީ ކޯޗުތަ ނޫނީ ބައްސާމުތަ؟ ވާނުވާ ވަރަށް ރަނގަޅަށް އެނގިހުރެ މި ކޮމެންޓް ކުރަނީ
ޖޭމު
11 October 2017
ޒިންމާ ނަންގަންޖެހޭނީ ބައްސާމު އަދީލް ޖަލީލް. ވަރަށް ވެދުން.
ގަރޭ
11 October 2017
ފަޅު ރަށަކަށްގޮސް މުޑިކައިގެން އުޅެން ދަސްކުރާށެވެ.
ކުމާރު
11 October 2017
އޭރުވެސް މަ ބުނީމެއްނު އޮމާން ބައްޔެއް ނުވާނެ އޭ އެކަމް އޮމާން ޓިނު ގަނޑެއް ބަނޑި ކޮށްލެވިދާނެ އޭ
ބާތީ
11 October 2017
ޓީމު ކަންނެތްޔައް ފުރުވާލަން ފެންނަނީ ، ކޯޗު ބަހައްޓާނީ އެން ކެޔޮޅަކަށް
ކާޑުބޭ
11 October 2017
ސާބަހޭ ގައުމީ ޓީމް.. 03 ކީއްޕަރުން ނެގުމުގައިވެސް އޮޅުން އަރައިފި.. ފިޓްނަސް ދައްވާ ސަބަބުވެސް ކޯޗައް އެނގޭ... ޓީމަށް ނަގަނީ އެންމެ ރަނގަޅު ކުޅުންތެރިން ކަންވެސް އެންމެނަށް އެނގޭ.. ޓީމް ތަފާތު ބޮޑުކޮށް ބަލިވާނެކަނވެސް އެނމެނަށް އެނގޭ... އެފް އޭ އެމް އޮތީ ފެއިލް ވެފަކަންވެސް އެންމެނަށް ޔަގީންވޭ.... ބުނާނެ އެއްޗެއްނެތް... ބައްސާމަށް ޝުކުރިއއްޔާ.....
ސަޕޯޓަރ
11 October 2017
ކޯޗު ބުނިހެން ހުނަރުވެރި ކުޅުން ތެރިން އެބަތިބި އެމީހުންގެ ކުޅުންވެސް ފެނުން...އެހެން ނަމަވެސް ސަރުކާރުން އެމީހުން އެއްޗަކަށް ހަދަން މަސައްކަތް ނުކުރަންޏާ ކިހިނެއްތޯ ކުރިއަރާނީ