ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

އަތޮޅުތަކުން އައި ކުޅުންތެރިން ތަފާތެއް ނުކުރަން: ގައުމީ ކޯޗު

ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިވަން ޗެމްޕިއަންޝިޕުން އައި ކުޅުންތެރިން ގައުމީ ސްކޮޑުގައި ނުހިމެނެނީ ތަފާތު ކުރުމުގެ އުސޫލެއް ގެންގުޅޭތީ ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އެފްއޭއެމުން މި ފަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ގެނައި އެންމެ ބޮޑު ބަދަލަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތަކުގެ މެދުގައި ކުޅޭ މިނިވަން ޗެމްޕިއަންޝިޕުން އަންނަ ޓީމުތަކަށް ވާދަކުރެވޭ ގޮތް ހެދުމެވެ. މި ބަދަލަށް ގިނަ ބަޔަކު ވަނީ ތާއީދުކޮށްފަ އެވެ. މީގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ކޮންމެވެސް ވަރަކަށް ނަމަވެސް ރަނގަޅުކަން ފާހަގަވެ އެވެ.

ނަމަވެސް ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި ވެސް މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމެއްގެ ކުޅުންތެރިއަކަށް ފުރުސަތު ދީފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. ގައުމީ ކޯޗު ސްޓެވާޓް ބުނީ އަތޮޅުތަކުގެ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ ގޮތްތަކެއް އެބަހުރި ކަމަށެވެ.

"ރަށްރަށުގެ ކުޅުންތެރިންނަށް އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު ދިނުމަކީ ވަރަށް ރަނގަޅު ވިސްނުމެއް. އެކަމު އަހަންނަށް ހިއެއްނުވޭ މި ޓީމުތަކަށް ފުރުސަތު ދިނީ ސީދާ މި މުބާރާތުގެ ތެރެއިން މި ކުޅުންތެރިން އެއް ފަހަރުން ގައުމީ ޓީމަށް ގެންނަން ހެނެއް. ހާއްސަކޮށް މި ކަހަލަ ހާލަތެއްގައި ރަށުން ބޭރުގައި ތަފާތު މާހައުލެއްގައި ފަލަސްތީނާ ދެކޮޅަށް ކުޅެން. އެފްއޭއެމުން ވެސް އަހަރެން ވެސް ކޯޗިން ސްޓާފުން ވެސް ރަށްރަށުން އައި ޓީމުތައް ބާކީ ކުރީއެއް ނޫން. އަހަރެމެން ބޭނުމެއް ނުވޭ ކުއްލިއަކަށް ކުޅުންތެރިން ގެނެސް ސީދާ މި ކަހަލަ މެޗަކަށް އަރުވަން. މިސާލަކަށް މިއީ ބޫޓާން މެޗު ކަހަލަ މެޗެއް ނަމަ ރަނގަޅު،" އޭނާ ބުންޏެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރާ ދެ ކުޅުންތެރިންނަކީ ށ. މިލަންދޫ އަށް ކުޅޭ ބ.އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އއ. މާޅޮހުގެ ކީޕަރު އިބްރާހިމް ޒަމީރު (އިބޫ) އެވެ. ސްޓެވާޓް ބުނީ އޭނާ އަށް ވެސް 10 ކުޅުންތެރިއަކު ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުޅުންތެރިން މާލޭ ލީގުގައި ކުޅެފިނަމަ ގައުމީ ޓީމުގެ ޖާގަ ލިބޭނެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަންނަށް ފާހަގަކުރެވިއްޖެ 10 ވަަރަކަށް ކުޅުންތެރިން އެ ކުޅުންތެރިން އެބަޖެހޭ މާލޭ ލީގަށް އައިސް ގަވައިދުން ޕްރެކްޓިސްކޮށް ކުރިއަށްދާން. ދެން އެ ހިސާބުން އެ ކުޅުންތެރިން ގައުމީ ޓީމަށް ކުޅެން ތައްޔާރުވެވޭނެ. އަހަރެންގެ އެދުމެއް މާލޭ ލީގު ޓީމުތަކުން މި ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ،" އޭނާ ބުންޏެވެ.

ސްޓެވާޓް ވަނީ ގައުމީ ސްކޮޑު ނަގަނީ އެފްއޭއެމުން ކަމަށް ބުނެ ދައްކާ ވާހަކަ ތަކަށް ރައްދުދީފަ އެވެ.

"ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް އެފްއޭއެމުންނޭ ޓީމު ނަގަނީ. އެއީ އޮޅުމެއް އަހަރެން ނަަގަނީ ޓީމު. އިތުރު އެހެން މީހެއް ނޫން. އަހަރެންގެ އެސިސްޓަންޓް ކޯޗު. ނޫނީ އަސްލަމް (ކީޕަރު ޓްރެއިނަރު) ގެ ލަފާ އެކަނި އަހަރެން ހޯދަނީ. އެކަމަކު އެ ވެސް ބައެއް ފަހަރު. ޔަގީންކޮށް ބުނަން ކެރޭ އެފްއޭއެމްގެ އެކަކުވެސް ރައީސް ވެސް އަހަންނަށް ނުފޫޒެއް ނުފޯރުވާ ޓީމު ނެގުމުގައި. ޓީމު ނަގަނީ އަހަރެން. އެފްއޭއެމްގެ ރައީސް (ބައްސާމް) އަށް ވެސް ނޭގޭނެ ޓީމު ނަގާގޮތެއް. އެއީ އޭނަ ނުވެސް އަހާ،" އޭނާ ކިޔައިދިނެވެ.

މިދިޔަ މަހު 10 ވަނަ ދުވަހުގެރޭ އޮމާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޗިންގައި މިހާތަނަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ޒިންމާ ނަގަން ދަސްވެފައިވާ ކަމަށާއި ކުޅުންތެރިންނަށާއި އެފްއޭއެމް އަށް ގައުމީ ޓީމުގެ މައްސަލައިގައި ފާޑުކިޔުމުގެ ބަދަލުގައި އޭނާ އަށް ފާޑުކިޔުން ރަނގަޅުވާނެ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"ކޮންމެ ގޮތެއްވިޔަސް އެންމެ ފަހުން ހުރިހާ ކަމެއް އަންނާނީ އަހަންނަށް. އެއީ އަހަރެންނަށް މަގާމު ގެއްލުނަސް ގެއްލޭނީ. އަހަންނަށް ރަނގަޅަށް ކަންތައް ނުކުރެވިގެން. މީހުން އަހަންނަށް ފާޑުކިޔަނީ ފަލަސްތީނާއި އޮމާނާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ނަތީޖާއަށް ބަލައިގެންވާނަމަ އެކަން ވެސް ކުރަންވީ. އެކަމަކު އަހަންނަނީ ފިލައިގެން އުޅޭނެ މީހެއް ނޫން. އަހަންނަކީ ކަންކަމާ ކުރިމަތިލެވޭ ވަރުގެ ކޯޗެއް. ޓީމުގެ މައްސަލައިގައި މިހާތަނަށް ފާޑުކިޔަންވެއްޖެނަމަ އެ ކަން ކުރަންވީ އަހަންނަށް އަމާޒުކޮށް،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގައި އޭޝިއަން ކަޕް ކޮލިފައިން އަށް ރަޖިސްޓްރީ ކޮށްފައިވަނީ 50 ކުޅުންތެރިން ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"98 ކުޅުންތެރިން ވާނީ އޭއެފްސީގައި ރަޖިސްޓްރީ ކޮށްފައި. އޭގެ ތެރޭގައި އަތޮޅުތަކުން ޓީމެއްގެ ކުޅުންތެރިއަކު ހިމެނޭނެ ހެނެއް ހިއެއްނުވޭ. މި ކުޅުންތެރިން ރަޖިސްޓްރީ ކުރީ ޖެނުއަރީ ނޫނީ ފެބްރުއަރީގައި އޭރު މި ޓީމުތަކުގެ މައުލޫމާތެއް ނެތް. މިއީ އިންމަ (އިސްމާއިލް މަހަފޫޒް) ގެ ވިސްނުމެއް. ހުރިހާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަކީ،" ސްޓެވާޓް ބުންޏެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މި ވަގުތު 98 ކުޅުންތެރިން ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް ގަވާއިދު އޮންނަ ގޮތުން މެޗު ފެށުމުގެ ހަތް ދުވަސް ކުރިން ބޭނުން ކުޅުންތެރިއަކު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ވެސް ފައިނަލް ސްކޮޑުން ޖާގަ ދެވޭނެ ކަމަށް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުގެ ޒިންމާއާ ސްޓެވާޓް ދާއިމީ ގޮތެއްގައި ހަވާލުވީ ބޮޑު ދެ ޓާގެޓަކާ އެކު އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. ސްޓެވާޓް ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އޮތީ ވަރަށް އުނދަގޫކޮށް ކަމަށާއި އެއް ޓާގެޓް ހާސިލްނުވެ ދިޔަސް މަގާމް ދޫކޮށްފައި ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް. އެއީ އޭޝިއަން ކަޕް ކޮލިފައިން ފަސޭހަވާނެ ކަމަށް ކުރިން ވެސް ހިއެއް ނުކުރަން. އަހަންނަކީ އުއްމީދު ދޫކޮށްލޭނެ މީހެއް ނޫން. ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ވެސް ނުދިޔައީޔާ އަހަރެން އަމިއްލަ އަށް ވެސް ޓީމު ދޫކޮށްދާނަން. އުއްމީދަކީ އެ މުބާރާތް ކާމިޔާބު ކުރަން. ޗެލެންޖް ދޫކޮށްފާދާނެ މީހެއް ނޫން އަހަންނަކީ،" އޭނާ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރަށުންބޭރުގައި ފަލަސްތީނާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އަށް އޮތީ މުބާރާތަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. ރާއްޖެ އަށް ދެން އޭޝިއަން ކަޕުން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

11 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 6%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިއްސަރު

12 November 2017

މިދެން ކިހާބޮޑު ޖޯކެއް ތަފާތެއް ނުކުރަމޯ އެކަމަކުވެސް ޓީމަށް އަރަން ބޭނުންނަމަ މާލޭލީގަށް ކުޅެން އަންނާށޯ! ޚަބަރު ލިބިފައިވާގޮތުން ރާއްޖެތެރޭގެ ބައެއް ޓީމުތަށް ޕްރެކްޓިސް ކުރަނީ ރަށުގައި. ކޯޗު ދިޔަބާ އެރަށްރަށަށް އެތާ ޕްރެކްޓިސް ހިނގާގޮތް ބަލަން؟ އަސްލަމްވެސް މާލޭޓީމުތަކުގެ ބެންޗް ކީޕަރުން އެނަލައިޒްކުރީ ޕްރެކްޓިސްތަކަށް ބަލާފައޯ، އެހެން ކަމަށް ވަނީ ނަމަ ރާއްޖެތެރޭ ޓީ،ުތަކުގެ ބެންޗް ކީޕަރުން އަނަލައިޒް ކުރަން ދާންވާނެތާ އެރަށްރަށުގަ ބާއްވާ ޕްރެކްޓިސްވެސް ބަލަން! ދުނިޔޭގަ ފުޓްބޯޅަ މިކުޅެވެނީ ދަތުރުކޮށްފަ. ރާއްޖެތެރޭ މިޓީމްތަށް މިއަންނަނީ މެޗަށް މާލެ، އަދި ނިންމާފަ އެނބުރި ރަށަށް. އެހެން ވީމަ ދަތުރުކޮށްފަ މެޗްކުޅުމަށް އެންމެ ފިޓްވާނީ އެޓީމްތަކުގެ ކުދިން، ކުޅެން މިދަނީ އަވޭއަށް. އެކަމަށް ނުބަލަނީބާ ޓީމްނެގި އިރު. ހަމްޕު ގައުމީޓީމަށް ފުރަތަމަ ނެގީ އެކުއްޖާއަށް ހިއްވަރު ދިނުމުގެ ގޮތުން. ހަމަ މިގޮތަށް ހިއްވަރު ދިނުމުގެ ގޮތުން ސައްޓު މެން ކީއްވެ މިއަދު ނުނެގެންވީ ޓީމަށް؟؟؟؟

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

10 November 2017

ރައްޔިތުންގެ ވެރިކަމެެއް ޤާއިމް ކުރުމަށް އަތޮޅުތެރޭގެ ރައްޔިތުން ބައިވެރިވެ އަމަލީ މަސައްކަތް ކުރާންޖެހެނީ މިފަދަ ތަފާތު ކުރުން ނައްތާލާ ހަމަހަމަކަން ޤާއިމް ކުރަން. ﷲ ގެ މިންވަރު ފުޅާއި އެކު 2018 ގަ ޤާއިމް ކުރެވޭ “ރައްޔިތުންގެ ސަރުކާރުން”ކުޅިވަރުގެ ސިޔާސަތު ބަދަލުކޮށް ނަސްލީ ތަފާތު ކުރުން ދޫކޮށްލާ ރާއްޖެ ބޮޑު 3 ސަރަހައްދަކަށް ބަހާލާ ދެކުނާއި މެދުރާއްޖެ އަދި އުތުރުގައި ސަރަހައްދީ އެސޯސިއޭޝަން ރެޖިސްޓްރީކޮށް ހޯމް އަވޭ ފްޓްބޯޅަ ލީގު އެމްލީގު ފަދަ ނަމެއްގައި ތައާރަފު ކުރާނެ. އޭރުން ޤައުމީ ފުޓްބޯޅަ އިދާރާ ގެ ގޮތުގައި އޮންނާނީ ސަރަހައްދީ 3 އެސޯސިއޭޝަން ގެ ރެޖިސްޓްރީގައި ތިބި ޓީމް ތަކާއި އެސޯސިއޭޝަންގެ އެގްޒަކޭޓިވް މެންބަރުން ވޯޓް ދެއްވައިގެން އޭއެފްސީއާއި ފީފާގެ ހަމަތަކަށް އިންތިހާބު ކުރެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް ފުޓްބޯލް. ފެޑެރޭޝަން އެއް. މިހާރު މިއޮތް ސިސްޓަމް ބަދަލުކޮށް މާލެ ނޫން ރަށް ރަށުގެ ޓީމް ތަކާއި ކުޅުންތެރިންނަށް ފުރުސަތުދީ ރޭސިޒަމް ނައްތާލުމަށް މިނޫން ގޮތެއްނެތް.

The name is already taken The name is available. Register?

ފާއްޓެ

11 November 2017

ވަރަށް ސާފު!2008، އެމް.ޑީ.ޕީ ގެ ވެރިކަމުގެ 3 އަހަރު އަދި ވަހީދު ވެރިކަމުގެ 2 އަހަރު ޒޯން މުބާރާތްތައް ބާއްވާފައެއްނުވޭ. މިފަހަދަ ގޮތަކަށްވެސް މިކަން ކުރިއަށް މިދަނީ މިވަރިކަމުގައި. މިހާބޮޑަށް އަތޮޅުތަކުގެ ޓީމުތައް ކުރީގެ އެއްވެސް ވެރިކަމެއްގައި ބައިވެރި ކޮއްފައެއްނުވޭ. ދެން 2018 ވެސް މި ސިސްޓަމް އަދި އެހެން ސިސްޓަމެއްވެސް ގާއިމު ކުރެވޭނެ ކަމަށް ބެލޭވޭނީ ކާކުގެ ވެރިކަމެއްގައި ތޯ؟

The name is already taken The name is available. Register?

އިިބުރާހިމް

10 November 2017

"އުރީދޫ ދިވެހި ޕްރިމިއާ ލީގަކީ އެފް.އޭ.އެމް އިން ގަބޫލުކުރާ ލީގެއްނޫން" - ގައުމީ ކޯޗު

The name is already taken The name is available. Register?

އަސުރުމާ

10 November 2017

ކޯޗް ޗުއްޓީ ހޭދަކޮށްލަނީ

The name is already taken The name is available. Register?

ޗަންބަކަޗައްލޯ

10 November 2017

މީދެން ވަރަށް މަޖާކަމެއް. ބަލާ ރާއްޖެއަށް ރަންމެޑަލް ހޯދި ގޯލުވެސް ޖަހައިދިނީ އަތޮޅު ފުޓްބޯޅައިން ގަލޮޅު ދަނޑަށް ނުކުތް ޓޫކިލޯ. ޓޫކިލޯ އެއްވަނަ ޑިވިޝަނަށް އައީ ރަސްދޫ ޓީމުން. މިހާރު ކޮން މޮޅު ވާހަކައެއް ދައްކަނީ؟. ގައުމީ ޓީމަށް ނަތީޖާ ނެރެވޭނަމަ ދިވެހިން މިވާހަކަ ނުދައްކާނެ. އެކަމު އޭޝިއަން ކަޕަށް ކޮލިފައި ނުވާނެކަން އެނގޭއިރު އާކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ މިވަގުތު ކުރެވޭނެ އެންމެ ރަގަޅު ކަންތައް. މި އަހަރު ގައުމީޓީމަށް ގޯލެއް ޖަހައިދެވުނީ ސެންޓޭއަށް. ދެން އެކަންވެސް ނުވޭ. ސައްޓުމެންކަހަލަ ކުޅުންތެރިން ދަނީ ތަފާތު ދައްކަމުން. މާޅޮސް ކީޕަރުވެސް މި އަހަރު އެއްކޮށް ކުޅެނީ. އެކަމު އަސްލަމް ގެއިން ފެން ނުބޯތީ ގައުމީ ޓީމަށް ނާރަ. ދެން ބުނަނީ ޒިޔަޒަން މޮޅުވާނެޔޯ އެހެން ކީޕަރުންނަށްވުރެ. ރަގަޅު ޒިޔަޒަން މޮޅުވާނެ. ކީއްވެބާ މާޒިޔާގެ ތިންވަނަ ކީޕަރާ މާޅޮސް ކީޕަރާ އަޅާނުކިޔަނީ؟ އެވާހަކަ ދައްކަން ހަޖަމުވާނެބާ؟

The name is already taken The name is available. Register?

މަތާ

09 November 2017

ކޮބާ ދެން އަތޮޅު ތަކުން ޓީމުތައް ގެނެސްގެން ކުޅުވުމުގެ ބޭނުމެއް؟ ޢެބުނަނީ މާލެ ލީގު ކުޅެގެންނޯ ނަގާނި ޕްރިމިއާ ލީގުގަ ކިތައްމެ މޮޅަށް ކުޅުނަސް؟ މީ ޖޯކެއްނު. ކީޕަރުން ނެތިގެން ނޭވާހޮޅިއަށް އެޅިގެން އުޅޭއިރުވެސް މާޅޮހު ކީޕަރަށް ފުރުސަތެއް ނެތް ރާއްޖެ ތެރޭ ޓީމަކުން އައިމަ. މާލޭ ލީގުން އައި ޓީމަކަށް ކުޅެގެން ފުރުސަތު ހޯދާށޯ އެސޮރުގާތުވެސް ބުނީ. ޕްރިމިއާ ލީގު މިކުޅެނި އަޅެފަހެ މާލޭ ލީގަށް ކުޅުން ތެރިން ހޯދަންތަ؟

The name is already taken The name is available. Register?

ޕިންކީ

09 November 2017

މާލެ ޓީމްތަކުގެ %99 ކުޅުންތެރިންނަކީ އަތޮޅުތެރޭގެ ކުޅުންތެރިން މާލެ އަށް ނިސްބަތްވާ ކުދިން ލައިގެން ކުޅެންވީނު

The name is already taken The name is available. Register?

ހަހާ

09 November 2017

ކޮބާ މިތާ އުޅޭ ކުދިން؟ ކޯޗަށް ރައްދެއް ދީީބަލަ؟

The name is already taken The name is available. Register?

ހެންޑެލި

09 November 2017

މިހާތަނަށް ރާއްޖެއަށް ގެނައި އެންމެ މޮޅުކޯޗު ބަލްގޭރިއާގެ ވެލޭޒިއާ ޕޮޕޯވް ބޮލުގަ ބޮޑު ބަދުނާމެއް އަޅުވާފަ އޭނަ ބޭރުކުރީ އެފްއޭއެމްގަ ތިބިމީހުން ބޭނުންހާއެއްޗެއްހަދަން އޭނަ ފުރުޞަތު ނުދިނީމަކަން މިހާރުވަރަށް ސާފު، ގައުމީ ޓީމުގަ މިހާރު ހުރި ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވަޓަކީ އެފްއޭއެމްއިން ޖަހާހާ ބެރަކަށް ނަށާމީހެއް، ދިވެހި ފުޓުބޯޅައަށް ހެޔޮކަމެއް ކޮށްދެންޏާ ކޯޗު މިހާރުން މިހާރަށް އިސްތިޢުފާ ދިނުމަށް ގޮވާލަން

The name is already taken The name is available. Register?

ބިސް

10 November 2017

މިހާރު ތިބި ކޯޗުންގެ ތެރެއިން ގައުމީ ޓީމު ހަމަޔަކަށް އެޅުވޭނެ ފެންވަރުގެ ކޯޗަކީ އޮސްކާ. އެކަމަކު އޮސްކާ ގެންނާނެ ކަމެއް ނެއް މިމެނޭޖްމަންޓުން. އޭރުން ކޯޗުގެ ބާރުތައް ކަނޑުވާލާފަ ބައްސާމުމެން ބޭނުން ގޮތަށް ޓީމު ރާވާނީ. ޕްރެކްޓިސް މެޗުކަނޑެއްހާ ތަންވެސް ނުރޭވޭ އެފް.އޭ.އެމްއެއް. ދެން ކިހިނެއް ނަތީޖާ ނެރޭނީ. ބޮޑެތި މެޗުތަކަށް ދިޔުމުގެ ކުރިން މިސަރަހައްދު ގައުމަކާ ދެކޮޅަވެސް ކުޅެލާނަމަ. މިހާރު އަހަރުމެން އުޅެނީ އެމީހުންނަށްވުރެވެސް ފަހަތުގަވިއްޔަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454