21 ނޮވެމްބަރ 2017 - 16:46
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ ކޮންޓްރެކްޓް އާނުކުރަން އެފްއޭއެމުން ނިންމައިފި އެވެ.
އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަމަވާއިރު އޭގެ ކުރިން ގައުމީ ޓީމަށް ރަސްމީ މުބާރާތެއް ނުވަތަ މެޗެއް ވެސް ނެތެވެ. އެހެންވެ އެއްގޮތުން ބަލާއިރު އޭނާގެ ވަޒީފާގެ ބޭނުމެއް މިވަގުތަށް ނެތެވެ.
ގައުމީ ޓީމަށް އެންމެ އަވަހަށް އޮތީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަހަރުގެ މާޗު 27 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ އެ މެޗުގެ މުހިއްމުކަން ވެސް ވަނީ ކުޑަވެފަ އެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) މަގާމުން ވަކިވެ މާޒިޔާގެ ކޯޗުކަމާ ހަވާލުވެފައިވާތީ އެސިސްޓަންޓް ކޯޗުގެ މަގާމް ވެސް އޮތީ ހުސްވެފަ އެވެ. އެފްއޭއެމުން ބުނީ އެސިސްޓަންޓް ކޯޗެއް ހޯދުމުގެ މަސައްކަތް ގައުމީ ޓީމު ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ.
ގައުމީ ޓީމަށް ވަގުތީ ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރު ހަމަޖެއްސި ސްޓެވާޓަށް އެފްއޭއެމުން އެއް އަހަރުގެ ކޮންޓްރެކްޓް މި އަހަރުގެ ކުރީކޮޅު ދިނީ އޭނާ އަށް ހަވާލުކުރި ފުރަތަމަ ޓާގެޓަށް ވާސިލްވުމުންނެވެ. އެއީ ޕްލޭއޮފުގައި ލާއޮސްގެ މައްޗަށް ކުރި ހޯދައި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިދިނުމެވެ.
ސްޓެވާޓަށް ދާއިމީ އެއްބަސްވުމެއް ދިނުމަށް އޭރު ނިންމީ އެފްއޭއެމްގެ އެކްސްކޯ އާއި ގައުމީ ޓީމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ ލަފަޔާ އެކުގައި ކަމަށް ވެސް އެފްއޭއެމުން އޭރު ވަނީ ބުނެފަ އެވެ.
ގައުމީ ޓީމުގެ ކޯޗުކަމަށް ސްޓެވާޓް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަމަޖެއްސީ މައިގަނޑު ދެ ޓާގެޓެއް ހަވާލުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި ސާފް ޗެމްޕިއަންޝިޕެވެ.
އެކަމަކު ކޮލިފައިންގައި އޭނާއާ އެކު ރާއްޖެ އަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ. ފަސް މެޗު ކުޅެފައިވާއިރު ރާއްޖެ މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. ފަލަސްތީން އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވިއިރު ރަށުން ބޭރުގައި މިދިޔަ ހަފުތާގައި ބަލިވީ 8-1 އިންނެވެ. މިއީ ފާއިތުވި ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ ސީނިއާ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި އެއް މެޗެވެ. އޮމާން އަތުން މަސްކަޓުގައި 5-0 އިން ބަލިވިއިރު މާލޭގައި ބަލިވީ 3-1 އިންނެވެ.
ނަތީޖާތައް ދަށްވުމުގެ އިތުރުން އޭނާގެ ސިލެކްޝަނަށް ވެސް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންނަށް ފުރުސަތު ނުދިނުމާއި ގޯލްކީޕަރުން ނެގުމުގައި ގެންއުޅޭ އުސޫލަށް ވެސް ފާޑުކިއުން އަމާޒުވި އެވެ. މޮޅަށް ކުޅުނު ގޯލްކީޕަރު މުހައްމަދު އިމްރާން ފުރުސަތު ނުލިބި އެންމެ ފަހުން އޭނާ ވަނީ ގައުމީ ޓީމާ ދުރަށް ގޮސްފަ އެވެ. ފަހުން ވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގިނަ މެޗުތައް ކުޅުނު ކީޕަރަކަށް ސްކޮޑުން ވެސް ފުރުސަތު ނުދީ، ޓީމަށް ނެގީ އެއްވެސް މެޗެއް ކުޅެފައިނުވާ ނިއު ރޭޑިއަންޓުގެ މުހައްމަދު ފައިސަލާއި އަބްދުﷲ ޒިޔަޒަން އެވެ.
އޮސްޓްރޭލިއާ ގައުމީ ޓީމަށް 1992 ވަނަ އަހަރު ތިން މެޗު ކުޅެދީފައިވާ ސްޓެވާޓް ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން އިރު އޭނާ އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ. މީގެ އިތުރުން 2004-2005 އަށް ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ.
އުމުރުން 50 އަހަރުގެ ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާނޯޑް
22 November 2017
މި ކޯޗު ވައްތަރީވެސް ހޮލީވުޑްގެ ފިލްމް ކުޅޭ މީހަކާދޯ، ރަނގަޅު ވާނެ ކަމަށް ފެނޭ ދާއިރާ ބަދަލުކޮްލީމަ
ހަަހަ
22 November 2017
މަމެންނަށް ހިތާމަ ގެނުވާފަ، ބޮޑުލަދެއްގާ ބައްދުވާފަ، އޭނާ މިގައުމުން ފުރައިގެން ދިޔަދީގެންނުވާނެ. އޭނާ އަހަރެމެންގެ ގައުމީޓީމަށް އެހާވަރުގެ ލަނޑެއްދިނީ ކީތްވެތޯ ސުވާލުކުރެވެންވާނެ.
ކޮމެންޓު
22 November 2017
ކޮންމެ މީހެއްގެ ޓާގެޓު މީހުންނަނީ އެމީހެއްގެ ވެރިކަމެއްގަ ކަންކަން ކޮށް ނިންމާލާން. ބޮޑެތި ކަންކަން އެގޮތަކަށް ނުވާނެދޯ. އޭސިއަން ކަޕަށް ދެވޭނީ ރަނގަޅު ޓީމެއް ތައްޔާރު ކުރެވިގެން. ކިތައްމެ މޮޅު ކޯޗަކަށްވެސް އަހަރެއްހާ ދުވަހުން އެކަން ނުވާނެ. ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދަން ތައްޔާރު ކުރަންވީ ޖޫނިއަރ ޓީމުތައް. އެކަމު ޖޫނިއަރޓީމުތައް ޞަރަހައްދުގެ އެހެންޓިމުތަކަށްވުރެ ބަލިކޮށް މިފެންނަނީ.
ޕިންކީ
22 November 2017
އަދި ފުރުސަތެއްދީ ޗުއްޓީގަ ބާކީ ދުވަސް ކޮޅެއް އެބައޮތް
އައްމަކަޅޭ
21 November 2017
ދެން މަށާ ހަވާލު ކުރަންވީނު
ފައިބޯޅަ
21 November 2017
އެންމެ މޮޅު ކޯޗުން ގެނަޔަސް ވާނީ ހަމަ ތިހެން. މުޅި ފުޓުބޯޅަ ސިސްޓަމް މިރާއްޖޭއިން ބަދަލު ކުރަންވެއްޖެ. ސިޔާސީ ފަރާތްތައް މާބޮޑީ ކުޅެމުންދާ ރޯލު. މަދު އިޚްލާސްތެރިޔަކު ނެތެކޭ ނޫން. ކުޅުންތެރިންވެސް އުފެއްދޭ ގޮއިތް އިތުރު ކުރަންވީ ޅައިރުއްސުރެން.
ތިހާލު
21 November 2017
މިހާރު ގަބޫލު ކުރަން ވެއްޖެނޫން؟ ދިވެހިޓީމް ކުރިއަރުވާލުމާއި އެކަށީގެންވާ އެފް.އޭ.އެމް އަށް ފެންނަހާ ރަގަޅުމީހެއް މިދުނިޔޭގައިނެތްކަން. މިޢި ވަރަށްބޮޑު މައްސަލައެއްނުން. ހިޔެތްނުވޭ ހައްލެއް އޮތްހެން.
ޖާނު
21 November 2017
ތި ގައުމީ ޓީމުގެ މައްސަލައަކީ ކޯޗެއް ނޫން. އެފް.އޭ.އެމް. އެއްވެސް ހިނގުންތެރިކަމެއް ނުހުރޭ. މިސާލަކަށް ނިއުގެ އޮސްކާއާ ގައުމީ ޓީމު ހަވާލުކޮށްބަލަ. ނަތީޖާއެއް ނުނެރެވޭނެ. ނިއު ތަފާތު އެދައްކަނީ ކޯޗަށް ބޭނުންވާ އެހީތެރިކަން މެނޭޖްމަންޓުން ފޯރުކޮށްދޭތީ. ގައުމީ ޓީމަށް ގާޑިއޯލާ ގެނައަސް ބައްސާމުމެން ދެއަތް އުރާލައިގެން ބަތްކައްކާ ކުޅެން އުޅެންޏާ ހަމަ ޗޮކުހުންދާނީ.
ީމަރީ
21 November 2017
މާއްޓޭ އައް ހަވާލުކޮއްލުން ކިހިނެއް ވާނެބާ؟؟
ހަނދޭގިރި
21 November 2017
ވީވިލް މިސްޔޫ ސްޓެވަރޓް ސަރ !! ތީހަމަ ދިވެހި ދިދަ މޭމަތީ ޖަހާލެވޭވަރުގެ ބޭފުޅެއް !! ތިބޭފުޅޭއަށް ބާއްޖަވެރި ކުރިމަގަށް އެދެން